އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުގެ މެމްބަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވެ ބައެއް މެޗުތައް ކެންސަލްކުރަން ޖެހުނުނަމަވެސް ލީގުގެ ކުޅުން މެދުކަނޑާނުލާނެކަމަށް ޕްރިމިއާ ލީގުން ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅެން ތާވަލްކުރި 10 މެޗުގެ ތެރެއިން ދެ މެޗު ވަނީ ކޮވިޑްގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އެއީ މެންޗެސްޓަރ ސިޓީގެ ބައެއް ކުޅުންތެރިންނާއި ސްޓާފުން ކޮވިޑަށް ޕޮޒިޓިވްވުމުން އެޓީމުން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗާއި ޓޮޓެންހަމް ހޮޓްސްޕާސް އާއި ފުލަމް ރޭ ވާދަކުރަން އޮތް މެޗެވެ. މެޗު ފެށުމުގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން މިދިޔަ ހޯމަ ދުވަހު ސިޓީ މެޗު ކެންސަލް ކުރިއިރު ރޭ ޓޮޓެންހަމް މެޗު ކެންސަލްކުރީ ފުލަމްގައި ކޮވިޑް ކޭސްތައް ގިނަވުމުގެ ސަބަބުންނެވެ. މި ދެމެޗުގެ އިތުރުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން އޮތް މެޗު ވެސް ކޮވިޑްގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ.
“ކޮވިޑް-19 ގެ ޕްރޮޓޮކޯލްތަކަށް ތަބާވެ ލީގުގައި ކުރިއަށް ހުރި މެޗުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ. އަދި މި ޕްރޮޓޮކޯލްތައް ތަންފީޒުކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަންނަނީ ލިބެމުން. ލީގު މެދުކަނޑާލުމުގެ ވިސްނުމެއް އަދި ނެތް” ޕްރިމިއާ ލީގުން އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.
ކްލަބްތަކަށް ކޮވިޑްގެ ނުރައްކާ ބޮޑުވުމުން ވެސްޓް ބްރޮމްގެ ކޯޗު ސަމް އެލަޑައިސް ވަނީ ލީގު ބްރޭކަކަށް ދިއުމަށް އެދިފަ އެވެ. ފުލަމް އާއި ސިޓީގެ އިތުރުން އެންމެ ފަހުން ހެދި ޓެސްޓުތަކުން ޕޮޒިޓިވްވެ 18 މީހުންގެ ތެރޭގައި ޝެފީލްޑް ޔުނައިޓެޑްގެ މެމްބަރުން ހިމެނޭކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އެކަމަކު މި ތިން ކްލަބްގެ ތެރެއިން ސިޓީ އިން މިހާރު ވަނީ މެދުކެނޑުމަކަށް ފަހު ފަރިތަކުރުންތައް އަލުން ފަށަން ނިންމައިފަ އެވެ. އަދި ލީގުގައި ކުރިއަށް އޮތް ޗެލްސީ މެޗު އެޓީމުން ކުޅޭނެކަމަށް ބެލެވެ އެވެ.
އިނގިރޭސި ވިލާތުން މިހާރު ގެނެސްފައިވާ ބަދަލާ އެކު ޕްރިމިއާ ލީގުގެ އެއްވެސް ކްލަބަކަށް ދަނޑަށް ސަޕޯޓަރުންނެއް ނުވެއްދޭނެ އެވެ. އެންމެ ފަހުން ސަޕޯޓަރުން ވައްދައިގެން ކުޅުމުގެ ފުރުސަތު ލިބުނީ ލިވަޕޫލް އާއި އެވަޓަން އަށެވެ. އެކަމަކު އެ ސިޓީ ތިން ވަނަ ކެޓެގަރީ އަށް ބަދަލުކުރަން ނިންމުމާ އެކު ކުރިން އެ ދަނޑުތަކަށް ވަންނަމުން އައި 2000 ސަޕޯޓަރުންނަށް އެ ފުރުސަތެއް މިހާރު ނުލިބޭނެ އެވެ. މި ދެ ކްލަބްގެ އިތުރުން ސައުތެމްޓަނާއި ބްރައިޓަން އިން ވެސް ވަނީ މަދު އަދަދަކަށް ސަޕޯޓަރުން ވައްދައިފަ އެވެ.
ޕްރިމިއާ ލީގުގައި ގާތްގާތުގައި ގިނަ މެޗުތަކެއް މިދުވަސްވަރު އަންނަނީ ކުޅެމުންނެވެ. މެދުކަނޑާނުލާ ލީގު ކުރިއަށް ގެންދިއުން މުހިއްމުވަނީ އަންނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި އެ މެޗުތައް އަލުން ކުޅެވޭނެ ތާރީހުތައް ނެތުމުންނެވެ. ހާއްސަކޮށް އަންނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާތީ ހަރުކަށި ފިޔަވަޅުތަކާ އެކު ޕްރިމިއާ ލީގުގެ ކުޅުން ކުރިއަށް ގެންދާނެކަމަށް ބެލެވެ އެވެ.