ފުރަތަމަ ސަފްޙާ / ޚަބަރު / ނިޒާމްބެ މާޒިޔާ ދޫކޮށްލައިފި

ނިޒާމްބެ މާޒިޔާ ދޫކޮށްލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ޑިސެމްބަރު 2020

މިދިޔަ ޖުލައި މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދިވެހި ޕްރިމިއާ ލީގުގެ އެންމެ ތިން މެޗަށް ފަހު މާޒިޔާގެ ކޯޗުކަން ދޫކޮށްލައިފި އެވެ.

ނިޒާމްބެ މާޒިޔާ ދޫކޮށްލިކަން ހާމަކުރީ ދެންމެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. ޖުލައި 21 ވަނަ ދުވަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވެ މިހާތަނަށް މާޒިޔާ ޓީމުގައި ނިޒާމްބެ އިރުޝާދުދިނީ ހަތަރު މެޗުގަ އެވެ. އޭގެތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ވަނީ ބަލިވެފަ އެވެ.

“އަނެއްކާވެސް އަހަރެންގެ ކެރިއާގެ ބޮޑު ނިންމުމެއް. ރޭގެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމާ އެކު މާޒިޔާގެ ހެޑް ކޯޗުކަމުން އިސްތިއުފާދޭން އަހަރެން ނިންމައިފިން. ކްލަބްގައި ހޭދަކުރި ދުވަސްތަކުގައި މެނޭޖްމަންޓާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އަހަރެން ކުރިއަށް މި އޮތް ދިގު ސީޒަނުގައި މާޒިޔާ އަށް ކާމިޔާބަށް އެދެން” ނިޒާމްބެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް އީގަލްސް އަތުން ބަލިވީ މާޒިޔާގެ ދެ ގޯލުގެ ލީޑެއްގައި އޮއްވަ އެވެ. އޭގެފަހުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުން 4-0 އިން މޮޅުވި އިރު ދެ ވަނަ މެޗުގައި މާޒިޔާ އިން ވަނީ ކްލަބް ގްރީން ސްޓްރީޓްސް 7-1 އިން ބަލިކޮށްފަ އެވެ. އެކަމަކު ރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މާޒިޔާ 0-0 އިން އެއްވަރުވި މެޗަށް ފަހު ނިޒާމްބެ ބުނީ އޭނާގެ ޓީމުން ކުޅުނީ ބޭނުންވި ފުޓްބޯޅަ ނޫންކަމަށެވެ.

“މިރޭގެ މެޗަކީ މާޒިޔާގެ ގޭމްޕްލޭންއާ އެއްގޮތަށް މާޒިޔާ އަށް ކުޅެވުނު މެޗެއް ނޫން. އިދިކޮޅު ޓީމުން އެބޭނުންވި ގޭމްޕްލޭނަށް މާޒިޔާ މިރޭ ކުޅުނީ. ދެން މިހެން ވެދާނެ ކޮމްޕެޓިޓިވް މެޗުތަކެއް މިއީ ދިމާވެދާނެކަމެއް” ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނިޒާމްބެ ބުންޏެވެ.

މާޒިޔާގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރިއިރު އޭގެކުރިން ނިޒާމްބެ ކޯޗުކޮށްދިން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގައި ވެސް އެއް މުބާރާތުގައި އިރުޝާދުދިނުމަށް ފަހު ނިޒާމްބެ ވަނީ އެޓީމުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. ބަންގްލަދޭޝް ފުޓްބޯޅަ ސީޒަނުގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ސްޕޯޓިން ކެޓުމުން ނިޒާމްބެ ކޯޗުކަން ދޫކޮށްލީ ކްލަބުގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު އެވެ.

މާޒިޔާ އާއި ސައިފަށް ކޯޗުކޮށްދިނުމުގެ ކުރިން ނިޒާމްބެ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެފަ އެވެ. އެކަމަކު އެ ފުރުސަތު ނިޒާމްބެ ދޫކޮށްލީ ބަންގްލަދޭޝުން ލިބުނު ފުރުސަތުގެ ބޭނުންހިފުމަށެވެ.

ކޯޗިންގައި ނިޒާމްބެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ޓީސީ ސްޕޯޓްސް ކްލަބްގަ އެވެ. 2014 ވަނަ އަހަރު އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމަށް ފަހު ނިޒާމްބެ ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕާއި 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދީފަ އެވެ. ޓީސީގެ ކޯޗުކަން 2018 ވަނަ އަހަރު ދޫކޮށްލުމަށް ފަހު މިދިޔަ ސީޒަނުގައި ނިޒާމްބެ ދިވެހި އެއްވެސް ކްލަބަކުން ފެނިފައެއްނުވެ އެވެ.

މާޒިޔާއާ ހަވާލުވުމަށް ފަހު ނިޒާމްބެ ވަނީ އުއްމީދީ ވާހަކަތަކެއް ދައްކައިފަ އެވެ. މިގޮތުން މާޒިޔާ އަކީ ބްރޭންޑެއް ކަމަށާއި، އެ ކްލަބްގެ ކޯޗުކަމުގެ ޒިންމާއާ ހަވާލުވީ އިތުބާރާ އެކު ކެރިގެން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އަދި އޭނާ ބޭނުންވާ ސްޓައިލަށް މާޒިޔާގެ ފުޓްބޯޅަ ބަދަލުކުރެވޭނެ ކަމަށާއި އުއްމީދަކީ މާޒިޔާ އަށް މީގެ ކުރިން ނުހޯދޭ ކާމިޔާބަކަށް ހަމައަށް ކްލަބް ގެންގޮސްދިނުން ކަމަށް ނިޒާމްބެ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!