ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފި އެވެ. ލީގަށް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވޭ ދެޓީމުގެ ކުރިމަތިލުން މިރޭ ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ލީގުގެ ތިން ވަނަ ގޭމްވީކްގައި ކުޅުނު ހަތަރު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ހަތަރު މެޗު އެއްވަރުވުމާ އެކު ލީގުގެ ތާވަލަށް މި ހަފްތާ ބަދަލެއް އައިސްފައެއްނުވެ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
މިރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ މާޒިޔާއިންނެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އަސަދުﷲގެ ހަމަލާއިން ލިބުނު ކޯނަރުގައި އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ޝަފީއު އަތަށެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އިން ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލީ 18 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެކަމަކު އޭރިޔާ ތެރޭގައި ހުރެފައި ދަގަނޑޭ ފޮނުވާލި ބާރު ބޯޅަ މާޒިޔާގެ ކީޕަރު ނިކޮލާ ވުޔަނަކް ވަނީ ފައިން މަތަކޮށްފަ އެވެ.
ދެ ވަނަ ހާފު ފެށިގެން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލި ވެލެންސިއާ އިންނެވެ. 54 ވަނަ މިނެޓުގައި އެޓީމުގެ ސުފިއާން ހަސަން ހާފު މެދުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބާރު ބޯޅަ މާޒިޔާގެ ކީޕަރު ވަނީ އަތުން ޖައްސައި ކޯނަރަކަށް ފޮނުވާލައިފަ އެވެ. މި ހާފުގެ ކުރީކޮޅު މާޒިޔާގެ ހަމަލާތައް މަދުކޮށް ފެނުނުއިރު 68 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މާޒިޔާ އަށް މި ހާފުގައި ގޯލު ޖަހާނެ އެންނެ ރަނގަޅު ފުރުސަތެއް ލިބުނީ ބެންޗުން ކުޅެން އެރި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ. ހުސްކޮށް އޮވެ ބޯޅަ ހިފައިގެން ގޮސް ތިރިތިރިން ފޭދޫ އިއްބެ އަމާޒުކޮށްލި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. ފޭދޫ އިއްބެ ހަމަލާ އަށް ފަހު ވެލެންސިއާގެ އަހުމަދު އިމާޒް (އާއްކޮ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭނުންނުކުރެވިފަ އެވެ. އޭރިޔާ ތެރޭގައި ހުހަށް ހުރެ އާއްކޮ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ. މެޗުގެ ފަހުކޮޅު މާޒިޔާ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު ވެލެންސިއާ އިން ބޮޑަށް ސަމާލުކަން ދިނީ ޑިފެންސަށެވެ. އެކަމަކު ކައުންޓަ އެޓޭކުގައި އެޓީމުން ދިޔައީ ގޯލެއް ޖަހަން މަސައްކަތްކުރަމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު އަކްރަމް އަބްދުލްގަނީ (އަކޫ) އެވެ.
ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ތިނެއް އަދި ހަތަރު ވަނަ ދުވަހު އެވެ. ތިން ވަނަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ހަވީރު ކްލަބް އީގަލްސް އާއި ވެލެންސިއާ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.