ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ކުރިއަށް ގެންދާ ފުރަތަމަ ބެޑްމިންޓަން މުބާރާތް ކަމަށްވާ، ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑެމީ އާއި ރިވައިވަލް ސްޕޯޓްސް އިން ހޯދައިފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށްދަނީ އަށް ޓީމާ އެކު ދެ ގްރޫޕަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑެމީ (އައިބާ)، ކްލަބް ސްޓެޓިކް، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑެމީ އަދި ސައިރިކްސް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ކްލަބް ސްކޯ ސްޕޯޓްސް (ސީއެސް)، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ރިވައިވަލް ސްޕޯޓްސް އަދި ދަ ގޯޅި ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އިންޑޯ ސްޕޯޓްސް ހޯދީ ގްރޫޕް އެކެއްގައި އެޓީމު ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ކްލަބް ސްޓެޓިކް އަތުން މޮޅުވިއިރު ދެ ވަނަ މެޗުގައި މޮޅުވީ އައިބާ އަތުންނެވެ. ސެމީގެ ޖާގަ ކަށަވަރުކުރުމަށް ފަހު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިންޑޯ ސްޕޯޓްސް ނުކުންނާނީ ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ސައިރިކްސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. އިންޑޯ ސްޕޯޓްސްއާ އެކު މި ގްރޫޕުން ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ އައިބާ އާއި ސްޓެޓިކްއާ ކުޅެގެން މޮޅުވާ ޓީމަކަށެވެ. މި ދެޓީމުގެ މެޗު ކުޅޭނީ މިރޭ 8 ޖަހާއިރު އެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރިވައިވަލް ވަނީ ޔޫވީ އަތުން މޮޅުވެފަ އެވެ. އެޓީމު ސެމީގެ ޖާގައެއް ކަށަވަރުކުރީ އިއްޔެ ހަވީރު ސީއެސްއާ ވާދަކޮށް ފަސޭހަކަމާ އެކު މެޗު ކާމިޔާބުކޮށްގެންނެވެ. ސީއެސްއާ ދެކޮޅަށް ހަތް ގޭމު ކުޅޭ ހަ ގޭމް ކާމިޔާބުކޮށް ރިވައިވަލް އިން މެޗުން މޮޅުވީ 15-1 ޕޮއިންޓުންނެވެ.
އިއްޔެގެ މެޗުގައި އެންމެ ފުރަތަމަ ކުޅުނު ފިރިހެން ޑަބަލްސް ގޭމްގައި ރިވައިވަލް އިން ވަނީ 14/15، 15/14 އަދި 11/08 އިން ސީއެސް ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސްގެ ފުރަތަމަ ގޭމްގައި ރިވައިވަލްގެ ޒަޔާން ޒަކީ އާއި އަބްދުއްރަހްމާން އުޒުރީގެ ޕެއާ ކުޅުނުއިރު ސީއެސްގެ ޕެއާގައި ކުޅުނީ އަލީ ޝަރުމީލް އާއި ހަސަން އަފްޝީން ޝަމީމް އެވެ. އަންހެން ޑަބަލްސްގެ ފުރަތަމަ ގޭމްގައި ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ 15/13 އަދި 15/09 އިން ސީއެސްގެ އައިމިނަތު ޝަހުރުނާޒް މޫސާ އާއި ފާތިމަތު ރިޒްނާގެ ޕެއާ ބަލިކޮށްފަ އެވެ. ތިން ވަނަ އަށް ކުޅުނު މިކްސް ޑަބަލްސްގެ ފުރަތަމަ ގޭމްގައި ރިވައިވަލްގެ ނަބީހާ އާއި އަހުމަދު ވަސީމް ވަނީ 15/05 އަދި 15/08 އިން ޝަހުރުނާޒް އާއި އިބްރާހީމް ހުޝާމްގެ ޕެއާ ބަލިކޮށްފަ އެވެ. ސީއެސް އިން މެޗުގައި ހަމައެކަނި މޮޅެއް ލިބުނީ ފިރިހެން ޑަބަލްސް ދެ ވަނަ ގޭމުންނެވެ. ރިވައިވަލްގެ ޒަޔާން އާއި އިބްރާހީމް ރާޝިއުގެ ޕެއާއާ ވާދަކޮށް ސީއެސްގެ އަލީ ޝަރުމީލް އާއި ނިބާލް އަހުމަދު މޮޅުވި މެޗުގެ ދެ ސެޓު ވެސް ގެންދިޔައީ 15/12 އިންނެވެ. އެއަށް ފަހު ކުޅުނު އަންހެން ޑަބަލްސް ދެ ވަނަ މެޗުން ރިވައިވަލް ވަނީ ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. ނަބާހާ އާއި ޝިޔާނާ އަހުމަދު ނުކުމެ ސީއެސްގެ ފާތިމަތު ރިޒްނާ އާއި ފާތިމަތު ޝައްނަގެ މައްޗަށް ކުރި ހޯދީ 15/02 އަދި 15/05 އިންނެވެ. މިކްސް ޑަބަލްސްގެ ދެ ވަނަ މެޗުގައި ރިވައިވަލްގެ ނަބާހާ އާއި ރިޔާޒް ވަނީ ސީއެސްގެ ނިބާލް އާއި ޝައްނަ ދެ ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ރިވައިވަލް އިން ގެންދިޔައީ 15/11 އިންނެވެ. މެޗުގެ ފަހު ގޭމްގައި ކުޅުނު ފިރިހެން ޑަބަލްސްގެ ތިން ވަނަ މެޗު ރިވައިވަލް އަށް ކާމިޔާބުކޮށްދިނީ ވަސީމް އާއި ޝާރިމް އެވެ. ސީއެސްގެ ހަސަން އަފްޝީން ޝަމީމް އާއި އިބްރާހީމް ހުޝާމްއާ ވާދަކޮށް ރިވައިވަލް އިން މޮޅުވީ 15/11 އަދި 15/12 އިންނެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ މާދަމާ ރެ އެވެ. އެއަށް ފަހު ސެމީ ފައިނަލުގެ ދެ މެޗު ކުޅޭނީ އާދީއްތަ ދުވަހު ހަވީރު އާއި ރޭގަނޑު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ.