ދިވެހި ޕްރިމިއަރ ލީގުގެ މެޗުތަކުގެ ތެރެއިން މިރޭ ކުޅޭ މެޗަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ މެޗަކަށް ވާނެކަން ޔަގީނެވެ. މިރޭގެ މެޗުގައި އެއްކޮޅުން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާއިރު އަނެއްކޮޅުން ނުކުންނާނީ ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ކުރިން ހޯދި ކްލަބް ވެލެންސިއާ އެވެ. މާޒިޔާ އަކީ ދިވެހި ފުޓްބޯޅައިގައި މިވަގުތު އެންމެ ނަން ހިނގާ ތަރިން ގިނަ އަދަދަކަށް ހިމެނޭ ޓީމެކެވެ. އެއާއެކު ފަހުން ނުކުތް ޓީމުތަކުގެ ތެރެއިން މާޒިޔާ ހިމެނިފައިވަނީ އެންމެ ސަޕޯޓަރުން ގިނަ އެއް ޓީމަށެވެ. އަނެއްކޮޅުން ސީޒަނެއްގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ޑިވިޝަނަށް ވެލެންސިއާ އަލުން އެނބުރި އައިއިރު އެ ޓީމު ލީޑުކުރަން މިހުރީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އެވެ. ނަން މަޝްހޫރު އިތުރު ބައެއް ކުޅުންތެރިންނާ އެކު ވެލެންސިއާއިން އަލުން ރުކުރުވާލިއިރު އެ ޓީމުގެ ސަޕޯޓަރުންގެ ގޮތުގައި ކުރިން ތިބި އެތައް ބަޔަކުވެސް ޓީމުގެ ހަރަކާތްތަކަށް މިވަނީ އަލުން ފާރަލާން ފަށައިފަ އެވެ. މިއީ ހައްތާވެސް މިރޭގެ މެޗު ހާއްސަވާ ސަބަބުތަކެވެ.
މެޗަށް ނުކުންނައިރު ދެ ޓީމުން ވެސް ވަނީ ލީގުގައި އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިފަ އެވެ. ލަނޑުގެ ތަފާތުން މާޒިޔާ އެއް ވަނައިގައި އޮތްއިރު ވެލެންސިއާ އޮތީ ދެ ވަނައިގަ އެވެ. އެހެންވެ މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ މަގާމް ލިބި ލީގު ހޯދުމުގެ ރޭހުގައި އުއްމީދެއް ލިބިގެންދާނެ އެވެ.
މިއީ އެންމެ ވާދަވެރި މެޗަށް ނުވެދާނެ
މިއީ އެންމެ ވާދަވެރި މެޗުކަމަށް ފުޓްބޯޅައިގެ ސަޕޯޓަރުން ގަބޫލުކުރިޔަސް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ހިޔާލު ތަފާތެވެ. ނިޒާމްބެ ގަބޫލުކުރާ ގޮތުގައި ދިގު ލީގެއްގައި ގިނަ ކަންތައްތަކެއް ހިނގައި ނަތީޖާތަކަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ ބޮޑު މެޗުގެ ގޮތުގައި މި މެޗު ރޭޓްކުރަން ނިޒާމްބެ އަށް އަދި އަވަހެވެ.
“އެއްގޮތަކަށް ވެސް އަދި އެހެން ބުނަން ވަރަށް އަވަސް. މިއީ އެއްބުރުން ނިންމާލާ މުބާރާތެއް ނޫން. މިއީ ކުރު ކަޕެއް ވެސް ނޫން. މިއީ ދިގު ލީގެއް. ލީގެއްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ހިނގާނެ. އެ ހުރިހާ ކަމަކަށް ބަލާއިރު ނުވެދާނެ މިއީ އެންމެ ވާދަވެރި ދެޓީމު ކަމަށްވެސް” މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ކޯޗު ނިޒާމްބެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. މިއީ އެންމެ ވާދަވެރި މެޗަށް ނުވެދާނެކަމަށް ނިޒާމްބެ ބުނި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ސީޒަން ފެށުމުގެ ކުރިން ނިޒާމްބެ ބުނީ މާޒިޔާ އިން ނުކުންނާނީ ކޮންމެ މެޗަކުން ތިން ޕޮއިންޓް ކަށަވަރުކުރަން ކަމަށެވެ. އެ ވިސްނުމުގައި ނުކުންނައިރު ޓީމުތަކުގެ ފަރަގުތައް މިނެކިރުމަކީ އެޓީމުން ކުރާނެ ކަމެއް ނޫންކަމަށް ނިޒާމްބެ ބުންނެވެ. ނިޒާމްބެ ބުނީ މިވަގުތަށް ބަލާއިރު މާޒިޔާ އަށް އޮތް އެންމެ ވާދަވެރި މެޗަކަށް ވެލެންސިއާ މެޗު ވިޔަސް އެންމެ ވާދަވެރި ދެޓީމުގެ ތެރެއަށް ވެލެންސިއާ އާއި މާޒިޔާ ލުމަކީ އަދި ފަސޭހަކަމެއް ނޫންކަމަށެވެ.
“އަބަދުވެސް ގަބޫލުކުރާ އެކައްޗަކީ އެއް ލީގެއްގަ ނުކުޅޭނެ މާބޮޑު ތަފާތުތަކެއް ހުރި ޓީމުތަކެއް. އެހެން ވިސްނައިގެން ނުކުމެއްޖިއްޔާމު އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ. ޓީމުގެ ހެޑް ކޯޗުގެ ހައިސިއްޔަތުން ހަމަގައިމުވެސް މި މެޗަކީ ވަރަށް މުހިއްމު މެޗެއް. މި މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމު” ޓީސީ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރު ލީގު ޗެންޕިއަންކަން ހޯދައިދިން ކޯޗު ބުންޏެވެ.
ދެޓީމަށް ބަލާއިރު ހުރިހާ ޑިޕާޓްމަންޓްތަކެއް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ އެވެ. އެޓީމުގެ ބެންޗުން އަރާ ކުޅުންތެރިންގެ ތެރޭގައި ވެސް ގިނައީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. ނިޒާމްބެގެ ކޯޗުކަމުގައި މާޒިޔާ ފެންނަނީ ކުޅުންތެރިން ރޮޓޭޓްކުރާ ޓީމެއްގެ ގޮތުގަ އެވެ. ނިޒާމްބެ ބުނީ މާޒިޔާ އަކީ ވަކިވަކި ކުޅުންތެރިންނަށް ބަލައިގެން ފުރަތަމަ އެގާރަ ކަނޑައަޅާ ޓީމެއް ނޫންކަމަށާއި، ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނީ ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭ ކުޅުންތެރިންނަށް ކަމަށެވެ.
“ޓީމު ސިލެކްޓް ކުރާއިރު އަބަދުވެސް މި ބަލަނީ އިދިކޮޅުން ކުޅޭ ޓީމު ނޫނީ އެމީހުންގެ ސްޓްރެންތު ނޫނީ އެމީހުންގެ ވީކްނެސް އަށް. ބަލާފަ އެދުވަހެއްގެ އެވެއިލަބަލް ސްކޮޑުން އެންމެ މުހިއްމުކޮށް އެންމެ ރަނގަޅަށް ލިބެންތިބި ކުޅުންތެރިންނަށް ބަލަނީ. ދެން ވަކި އެއްވެސް ކުޅުންތެރިއަކަށް އޭނައަށް ހައްގުނުވާ ފޭވަރިޒަމްއެއް ނުދޭނަން. އައިސަމް ނޫނީއާމު ދެން ހުރި ކުޅުންތެރިއަކު ވެސް އެ ކުޅެނީ އޭނަ އެހުރި މަގާމަށް ހައްގުވާވަރަށް މަސައްކަތްކޮށް ކޯޗަށް ޕްރޫވްކޮށްދެވޭތީ” ނިޒާމްބެ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު މާޒިޔާގައި އަނިޔާގެ ސަބަބުން ނުކުޅެވޭ ހަމައެކަނި ކުޅުންތެރިއަކީ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އެވެ.
ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ހަތަރު ލަނޑު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނައިގައި މިވަގުތު އޮތީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ނިޒާމްބެ ބުނީ ސާޖަރީއަކަށް ފަހު ގިނަ ދުވަސްތަކެއް ކޮށްފައި އަނބުރާ ކުޅުމުގެ ތެރެއަށް އައިސް އަސަދުﷲ ހުރި ކޮންޑިޝަން ރަނގަޅުވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މާޒިޔާ މެޗުން ވެލެންސިއާގެ ފެންވަރު އެނގޭނެ

ނޫސްވެރިންެގެ ބައްދަލުވުމުގައި ވެލެންސިއާގެ ކޯޗު އާތީ. އޭނާ ގަބޫލުކުރާ ގޮތުގައި މިރޭގެ މެޗަކީ ފައިނަލް މެޗެއް. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މެޗަށް ނުކުންނައިރު ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ގެ ނަޒަރުގައި މާޒިޔާ އަކީ ސީޒަނުގައި އެންމެ ވަރުގަދަ އެއް ޓީމެވެ. މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު ވެލެންސިއާ އިން ނަތީޖާތައް ނެރެމުން އައި ނަމަވެސް އާތީގެ ވިސްނުމުގައި ވެލެންސިއާ އަކީ ލީގުގައި އެހާ ވަރުގަދަ ޓީމެއް ނޫނެވެ. އެކަމަކު މާޒިޔާ މެޗަކީ ވެލެންސިއާގެ ފެންވަރު ވަޒަންކުރަން އެންމެ ރަނގަޅު މެޗުކަމަށް އާތީ ގަބޫލުކުރެ އެވެ.
“އަހަރެން ދެކޭގޮތުގައި މާޒިޔާ މެޗަކީ ވެލެންސިއާގެ ސްޓްރެންތާއި ވީކްނެސްއާ ބަލާލަން އެންމެ ރަނގަޅު މެޗު ކަންނޭނގެ. އެހެންވީމަ ވެލެންސިއާ ތައްޔާރުވާން ވަރަށް ރަނގަޅަށް މަގުފަހިވެގެން ދާނެ މި މެޗު ކުޅެލީމަ. މާޒިޔާ އަކީ އެންމެ ވަރުގަދަ އެއްޓީމު. އެހެންނަމަވެސް ވެލެންސިއާ އަޅުގަނޑު ކައުންޓެއް ނުކުރަން ލީގުގެ އެހާ ވަރުގަދަ ޓީމެއް ކަމަކަށް. އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ޓީމު ގެންނަން އަދި މަސައްކަތްތަކެއް ކުރަންޖެހޭ” އާތީ ބުންޏެވެ.
އާތީ ބުނީ ވެލެންސިއާ އިން ދެ މެޗު ކާމިޔާބުކުރި ނަމަވެސް އޭނާ ބޭނުންވާވަރަށް ޓީމު އަދި ތައްޔާރުނުކުރެވޭ ކަމަށެވެ. އަދި މިދިޔަ މެޗުތަކުގެ ނަތީޖާތަކަކީ ޓީމުތަކުގެ ފެންވަރު ވަޒަންކުރެވޭނެ ހާލަތެއް ނޫންކަމަށް އާތީ ބުންޏެވެ. ދިގު ލީގެއްގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި، މުޅި ލީގަށް ސަމާލުކަން ދީގެން ނޫނީ ކާމިޔާބު ހޯދަން އުނދަގޫވާނެކަން އާތީގެ ވާހަކައިގައި ފާހަގަކުރި އެވެ.
????️Coach Athif believes that Maziya is the real challenge
????x???? pic.twitter.com/zsmd6GEFht— Fahuminet (@fahuminet) December 26, 2020
މިއީ ލީގުގެ ފޭވަރިޓުންގެ މެޗު ގޮތުގައި ނުދެކުނަސް އާތީގެ ވިސްނުމުގައި މި ބުރުގައި ރަނގަޅު ހިސާބެއްގައި އޮތުމަށް މިއީ ފައިނަލް މެޗެކެވެ. އާތީ ބުނީ މެޗުން ނަތީޖާ ނެރެވޭނީ ގޭމް ޕްލޭނާ އެއްގޮތަށް ޑިސިޕްލިން ހިފަހައްޓައިގެން ކުޅޭ ޓީމަކަށް ކަމަށެވެ.
“ސަޕޯޓަރުން ބޭނުންވާނީ މާޒިޔާގެ މެޗުން މޮޅުވުން. އަޅުގަނޑުމެން ވެސް ބޭނުންވަނީ އެގޮތް. މިއީ ވަރަށް ޗެލެންޖިން މެޗެއް. އަޅުގަނޑަށް ދެންނެވިދާނެ މިއީ މި ބުރުގެ ފައިނަލް މެޗޭ” ކުރިން ޔުނައިޓެޑް ވިކްޓްރީގައި ރަނގަޅު މަސައްކަތްތަކެއް ކޮށް މިދިޔަ ސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން ކޯޗު ބުންޏެވެ.
ވެލެންސިއާ އާއި މާޒިޔާ ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.