ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅުވުމުގެ ޕްރެޝަރު ދެޓީމަށް އޮތީ އެއްވަރަކަށް: ނިސްތާރު

މޮޅުވުމުގެ ޕްރެޝަރު ދެޓީމަށް އޮތީ އެއްވަރަކަށް: ނިސްތާރު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 26 ޑިސެމްބަރު 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު މެޗުން މޮޅުވުމުގެ ޕްރެޝަރު ދެޓީމަށް ވެސް އޮތީ އެއްވަރަކަށް ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މެޗަށް ނުކުންނައިރު މި ދެޓީމު ވެސް ވަނީ ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެފަ އެވެ. އެހެންވެ މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ ވާދަކުރުމުގެ އުއްމީދެއް ލިބޭނެ އެވެ.

“ދެޓީމަށް ވެސް އެއްވަރަކަށް ޕްރެޝަރު އެބައިން ކަންނޭނގެ. އެހެންވީމަ އަޅުގަނޑުމެން ވެސް ޔުނައިޓެޑް ވިކްޓްރީ ވެސް އަޅުގަނޑަކަށް ހިއެއްނުވޭ ބޭނުންވާނެހެން ބޮޓަމްގަ އޮންނާކަށް. އެހެންވީމަ ވަރަށް މުހިއްމު މެޗެއް” ނިސްތާރު ބުންޏެވެ.

މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސްގެ މުހައްމަދު ކަރަމް އާއި މުހައްމަދު މުސްލިހު ހުރީ އަނިޔާގަ އެވެ. ނިސްތާރު ބުނީ އެ ދެކުޅުންތެރިން ނުލައި މެޗަށް ނުކުންނައިރު ބަދަލުގައި އަރާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށެވެ. މެޗަށް ނުކުންނައިރު ނިސްތާރަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕާކިސްތާނުގެ ގޯލްކީޕަރު ސާގިބް ހަނީފް އެޓީމާ ގުޅިފައިވުމެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް ނިސްތާރު ބުނީ އޭނާގެ ޓީމުން ބަލާނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، މާޒިޔާ މެޗަކީ “ޕާސްޓް” ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ސްކޮޑްކަން ފާހަގަކުރަމުން ނިސްތާރުބުނީ ކުރިން ދެ މެޗުން ބަލިވިޔަސް އެޓީމު އަންޑައެސްޓިމޭޓް ކުރެވެން ނެތް ކަމަށެވެ.

“ޔޫވީގެ ސްކޮޑަކީ އަޅުގަނޑު ރޭންކްކުރާ ގޮތުގައި ޕްރިމިއާ ލީގުގައި ތިން ވަނަ އަށް އެންމެ ބޮޑު ސްކޮޑް. އެމީހުން އެ ކުޅުނީ ވެސް ފަސޭހަ މެޗުތަކެއް ނޫން. އެހެންވީމަ އަންޑައެސްޓިމޭޓެއް ނުކުރެވޭނެ. ވަރަށް ވަރުގަދަ މެޗަކަށް ވާނެ” ނިސްތާރު ބުންޏެވެ.

ޔޫވީގެ ކޯޗު މުހައްމަދު އާދަމް. ދެ މެޗުން ބަލިވިޔަސް ޓީމަށް ޕްރެޝަރު ނުވާކަމަށް ބުނި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީ އިން އާ ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލި ނަމަވެސް މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމާ އެކު ޓީމުގެ އަސްލު ފެންވަރު އަދި ދެއްކޭގޮތެއްނުވެ އެވެ. މެޗުގެ ކުރިން އެޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނީ އަނިޔާގައި ތިބި ކުޅުންތެރިން ގްރީން ސްޓްރީޓްސް މެޗުގައި ކުޅުމުގެ ފުރުސަތު ކުޑަކަމަށާއި، މެޗުގައި އެޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު ގްރީން ސްޓްރީޓްސް ދެ މެޗުން ބަލިވިޔަސް އެޓީމުގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅުކަން މުހައްމަދު ފާހަގަކުރި އެވެ.

“ހަގީގަތުގަ ފުދޭވަރަކަށް އުނދަގޫވާނެ މެޗެއް. އެންމެ ބޮޑު އެއް ސަބަބަކީ ޔޫވީގެ މިހާތަނަށް ފެނުނު މެޗުތަކާ ގްރީން ސްޓްރީޓްސްގެ ފެނުނު މެޗުތަކާ ބަލާއިރު އެމީހުންގެ ކުޅުންތެރިންގެ މަސައްކަތު ރޭޓް ތަންކޮޅެއް ރަނގަޅުކަމަށް ފެންނަނީ. ހާއްސަކޮށް ޔޫވީގެ މިދިޔަ ދެ މެޗުގައި އަހަރެމެން ކޮޅަށް ލަނޑެއް ވަންނަންދެން ވަރަށް ރަނގަޅަށް ކުޅެފަ ދެން އެ ދާތަން މި ފެންނަނީ” ކޯޗު ބުންޏެވެ.

ދެ މެޗުން ބަލިވިޔަސް މިއީ ލީގުގެ ކުރީކޮޅަށް ވާތީ އަދި ޕްރެޝަރު އޮތްކަމަށް މުހައްމަދު ގަބޫލެއް ނުކުރެ އެވެ. އެކަމަކު އޭނާ ބުނީ މެޗުތަކުން ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި، ކޯޗަށް ޕްރެޝަރު ނާންނަނީ ފުރަތަމަ ޓީމު ލައިގެން ނަތީޖާ ނެރުމުގެ ފުރުސަތު ނުލިބޭތީ ކަމަށެވެ.

“ލީގުގައި 21 މެޗު ކުޅޭނެ. އޭގެތެރެއިން ދެ މެޗެއް މި ދިޔައީ. މިވަރު ބޮޑު ލީގެއްގަ އަދި ކުރިއަށް އެބައޮތް 19 މެޗު. މި ލީގުގައި އަދި ވާނެ އެތައް ބައިވަރު ގޮތްތަކެއް ހުންނާނެ. ލީގެއް އަދި މި ހަމަ ފެށުނީ. ވަކި ބަޔަކަށް އަދި ޗާންސެއް ގެއްލިފައެއް ނެތް އަދި. މިހާތަނަށް ކުޅުނު ދެޓީމުގެ ތެރެއިން އެންމެ ވަރުގަދަ ސްޓަރިކިން ސްކޮޑެއް އޮތީ ވެލެންސިއާގަ. އޯވަރޯލްކޮށް ބަލާއިރު އެންމެ ވަރުގަދަ ސްކޮޑެއް އޮތީ މާޒިޔާގަ” ގަދަ ދެ ބާރުގެ އަތުން ބަލިވިޔަސް ކަންބޮޑުވުމެއް ނެތްކަން ހާމަކުރަމުން ކޯޗު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!