ފުރަތަމަ ސަފްޙާ / ޚަބަރު / ޓީސީއާ އެއްވަރުކޮށް ސަސް ބަލިނުވެ ކުރިއަށް

ޓީސީއާ އެއްވަރުކޮށް ސަސް ބަލިނުވެ ކުރިއަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ޑިސެމްބަރު 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗުން ލިބުނު ޕޮއިންޓާ އެކު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސަސް އިން ލީގުގައި ބަލިނުވެ ތިން މެޗު ވަނީ ހަމަކޮށްފަ އެވެ. ތިން މެޗުން އެޓީމަށް ފަސް ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޓީސީ އޮތީ ފަސް ވަނައިގަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ފުރަތަމަ އެގާރައިން ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ސާވީ އިބްރާހީމް އާއި ޒަޔާން ނަސީރު އަށް މިރޭ ފުރުސަތުދީފަ އެވެ. މި ދެކުޅުންތެރިންނަކީ ލީގުގައި ކްލަބް އީގަލްސް އަތުން އެޓީމު މޮޅުވި މެޗުގައި ބެންޗުން އަރައި ދެ ވަނަ ގޯލުގައި ހިއްސާވި ދެކުޅުންތެރިންނެވެ. ސަސްގެ ޓީމަށް ބަލާއިރު އެންމެ ފަހުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ކުޅެފައިނުވާ ސްޕެއިންގެ ފޯވާޑް ވިކްޓާ ރޮޑްރިގޭޒް މުނޯޒް ފުރަތަމަ އެގާރައިގައި ވަނީ ހިމަނައިފަ އެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގެ ކުރީކޮޅު އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ސަސް އިންނެވެ އަރިމަތިން ފަހަތަށް ކުޅޭ އެޓީމުގެ ޒުވާން ޑިފެންޑަރު އަހުމަދު އައިހަމް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ޓީސީ އިން ވަނީ ލީޑު ނަގައިފަ އެވެ. 12 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ސާވީ އެވެ. އަރިމަތިން ކެޕްޓަން މުހައްމަދު އައްޒާމް ބޯޅަ ހިފައިގެން ގޮސް އޭރިތާ ތެރެއިން ގޯލަށް ފޮނުވާލި ބޯޅަ ސަސްގެ އައިހަމްގެ ފައިގައި ޖެހިފައި ނުކުތް ވަގުތު ސާވީ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލީޑު ނެގުމަށް ފަހު ޓީސީ އިން ބެލީ މެޗުގެ ފުރަތަމަ ހާފު އެގޮތުގައި ނިންމާލެވޭތޯ އެވެ. އެކަމަކު ކޯނަރަކުން މެޗުގެ 35 ވަނަ މިނެޓުގައި އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބޮލުން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު މޮޅަށް ކުޅުނީ ސަސް އިންނެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ވިކްޓާ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޓީސީ ޑިފެންޑަރުންގެ ބޯމަތިން ގޮސް ވިކްޓާ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއްނުވި އެވެ. ވަރުބަލިކަން ދެޓީމުގެ ފަރާތުން ވެސް ފެނުނުއިރު މެޗުގެ ފަހުކޮޅު ޓީސީ އިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު 88 ވަނަ މިނެޓުގައި އައްޒާމް ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު ގައިގައި ޖެހިފައި ނުކުތުމުން ދެ ވަނަ ފަހަރަށް ނަޝާހު އަހުމަދު އެ ބޯޅަ ފޮނުވާލުމުން ވެސް ކީޕަރު ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގައި ކުރިން މޮޅު ކުޅުމެއް ދެއްކި ސަސް ޓީމުގެ ބެންޖޯ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ އާއި މާޒިޔާ ވާދަކުރާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!