ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗަކުން ބަލިވާން ދަނިކޮށް އަހުމަދު ރިޒުވާން (ރިޒޭ) މެޗުގެ ފަހުކޮޅު ޖެހި ގޯލާ އެކު 1-1 އިން ނަތީޖާ އެއްވަރުކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް އީގަލްސް ޕޮއިންޓެއް ހޯދައިފި އެވެ.
ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފައި އޮތުމުން އީގަލްސް މިއަދުގެ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދައި ލީގުގައި ކުރިއަށް ދިއުމުގެ އުއްމީދުގަ އެވެ. އަނިޔާ އަށް ފަހު ރިޒޭ ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު މިއަދު އީގަލްސްގެ ގޯލު ބެލެހެއްޓީ އެޓީމާ އަލަށް ގުޅުނު ބިދޭސީ ގޯލްކީޕަރު މިލާން ޖެލޮވަޗް އެވެ. ދަ ގްރާންޑޭގެ ފުރަތަމަ އެގާރައިގައި މިދިޔަ ދެ މެޗުގައި ހިމެނުނު ގާސިމް ސައްމާމް (ސައްމޭ) އަނިޔާގައި ހުރުމުން މިއަދުގެ މެޗުގައި ކުޅުނީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. މީގެ އިތުރުން ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ވަނީ ފޯވާޑް އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އަށް ދަ ގްރާންޑޭގެ ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ.
@clubeagles1989 finally earns a point! Thanks to the late equalizer by @RizvnHmed1 in his first match in the league this season! @DaGrandeSC still unbeaten! ???????? pic.twitter.com/IIX8AE9iK2
— Fahuminet (@fahuminet) December 25, 2020
މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން މޮޅަށް ކުޅޭ ދަ ގްރާންޑޭގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ. މި ހާފުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ތިން ހަމަލާގެ ތެރެއިން ލިބުނު ރަނގަޅު ދެ ފުރުސަތެއްގައި ފޮނުވާލި ހަމަލާ ގޯލާ އަމާޒެއްނުވި އެވެ. އަދި ހާފުގެ މެދުން ފޮނުވާލި ބާރު ބޯޅަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭގެ އުމަރުޖޯނޯވް އަކްރޯރް ފޮނުވާލި ބޯޅަ މަޑުމަޑުން ދިޔައީ ކީޕަރު އަތަށެވެ.

ދަ ގްރާންޑޭ އާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ދެ ވަނަ ހާފުގައި އީގަލްސް އިން ވަނީ އިތުރަށް ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމަށް ސިހުން ލިބުނީ 59 ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ލިބުނު ފުރަތަމަ ކޯނަރުގައި ބަދަލުކުޅުންތެރިޔާ މުހައްމަދު ސަހާއު ފޮނުވާލި ބޯޅަށް ގޯލަށް ވަނުމުންނެވެ. ކޯނަރަކުން ސަހާއު ދުރު ކަނަށް ބޯޅަ ވައްދާލިއިރު އެ ބޯޅަ ބޭރަށް ފޮނުވާލަން ކީޕަރު މިލާން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ލީޑު ނެގުމަށް ފަހު ދަ ގްރާންޑޭ އިން ކައުންޓަ އެޓޭކުގައި އުފެއްދި ދެ ހަމަލާއެއް ކައިދަރޯވް އޮޓަބެކް އާއި ޔަސްފާދު ހަބީބް (މުލަކޭ) އަށް ބޭނުމެއް ނުކުރެވުނެވެ.
ދަ ގްރާންޑޭގެ ގޯލަށް ފަހު އީގަލްސް އިން ފުލުފުލުގައި ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު އިޔާން ވަނީ މަތަކޮށްފަ އެވެ. މިގޮތުން 54 ވަނަ މިނެޓުގައި ރިޒޭ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ދިޔަނަމަވެސް އިޔާން އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލި އެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިޔާ ޒައިން ޒަފަރު އޭރިޔާ ބޭރުން ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް ކީޕަރު އިޔާން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ގޯލަކަށް ކެތްމަދުވެފައި އޮތް އީގަލްސް އަށް ހަމަނޭވާއެއް ލެވުނީ މެޗުގެ 86 ވަނަ މިނެޓުގައި ރިޒޭ ޖެހި ގޯލުންނެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ބާރު ސްޕީޑްގައި ރިޒޭ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. އެއްވަރު ކުރުމަށް ފަހު އީގަލްސްގެ މުޅި ޓީމު ވަނީ ކުރިއަށް ޖެހި އިތުރު ލަނޑެއް ޖަހަން މަސައްކަތްފަ އެވެ. އެކަމަކު އެޓީމުގެ ހިސާމް ސަލީމް (ކޮކީ) އަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ބޭނުން ނުހިފުނުއިރު އޭގެފަހުން އީގަލްސްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ދަ ގްރާންޑޭގެ ކުޅުންތެރިއަކު ވަނީ މަތަކޮށްފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ.
މިއަދުގެ މެޗާ އެކު ދަ ގްރާންޑޭ ވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެޓީމު ތާވަލުގެ ތިން ވަނައިގައި އޮތްއިރު ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އީގަލްސް އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ސަސް އެވެ.