މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރެވޭނީ މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދި އީގަލްސް މި ސީޒަނާ ކުރިމަތިލީ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގަ އެވެ. އެކަމަކު ބިދޭސީ ކުޅުންތެރިން ޓީމާ ގުޅިފައިނުވުމާއި، އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުމަދު ރިޒުވާން (ރިޒޭ) އަށް އަނިޔާވެ މިދިޔަ ދެ މެޗުގައި ނުކުޅެވުމަކީ އެޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އެވެ. ލީގުގައި ކުޅުނު ދެ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެ އީގަލްސް މިވަގުތު އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ހަ ވަނައިގަ އެވެ.
މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު މޯހަން ބުނީ މެޗު ނަގަން ޖެހޭނީ ވަރަށް ސީރިއަސްކޮށް ކަމަށާއި މިހާރު ތިބި ކުޅުންތެރިންނާ އެކު މެޗުން މޮޅުވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.
“ކުޅުންތެރިން ވަރަށް ޕޮޒިޓިވްކޮށް ތިބީ. ދެ މެޗުން ބަލިވެފަ މި މެޗުން އަޅުގަނޑުމެން ބަލިވެއްޖެ ނަމަ ދެން އިތުރަށް ލީގަށް އަޅުގަނޑުމެން ވާދަކުރަން އޮތް ޗާންސް ދިޔައީއޭ ބުންޏަކަސް ގޯހަކަށް ނުވާނެ. ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެނގޭ އެކަން ވެސް. އެހެންވީމަ ހުރިހާ ގޮތަކުން ކުޅުންތެރިން ތިބީ ތައްޔާރުވެފަ” މޯހަން ބުންޏެވެ.
Exciting weekend ahead, before 2020 ends! ???? pic.twitter.com/N9TQmPFTpc
— Fahuminet (@fahuminet) December 23, 2020
ރިޒޭ ނުލައި މިދިޔަ ދެ މެޗުގައި އެޓީމުން ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ އެވެ. ދެ މެޗުގައި އެޓީމު ކޮޅަށް ތިން ގޯލު ވަންއިރު އަދި ގޯލެއް ޖެހިފައެއްނުވެ އެވެ. މޯހަން ބުނީ ދަ ގްރާންޑޭ މެޗަށް އެޓީމުން ތައްޔާރުވަމުން އަންނަނީ މިދިޔަ ދެ މެޗުގައި ނުވި ކަންތައްތަކަށް ސަމާލުކަންދީގެން އިތުބާރާއެކުގައި ކަމަށެވެ.
“ކުޅުމަށް ބަލާއިރު ދަންނަވަން ޖެހެނީ ހިތްހަމަޖެހެޔޭ. ކޮންމެ މެޗެއް ވެސް ޑޮމިނޭޓް ކުރެވެނީ އަޅުގަނޑުމެންނަށް. ޗާންސްތައް ވެސް ލިބޭ ބައިވަރު. އެހެންނަމަވެސް ނިންމާނުލެވިގެންނާ ބައިކޮޅަށް އަންނަ ބޯޅަތައް ތަންކޮޅެއް ފަސޭހައިން ވަނުމާ. މި ދެކަންތަން މީނީ. އެހެންވީމަ އެކަންކަމަށް ވިސްނައިގެން މިދިޔަ ދުވަސްތަކުގައި މަސައްކަތްކުރީ” ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް އީގަލްސް އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ދަ ގްރާންޑޭ މެޗަށް ނުކުންނައިރު އަނިޔާގައި ތިބި ކުޅުންތެރިންގެ ހާލަތު ރަނގަޅުވެފައިވާކަމަށް މޯހަން ބުންޏެވެ. މިގޮތުން ރިޒޭގެ އަނިޔާއަށް ހީކުރިވަރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބި މިހާރު ޕްރެކްޓިސްގައި ކޮންމެވެސް ވަރަކަށް ބައިވެރިވާން ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މޯހަން ބުންޏެވެ. އެކަމަކު މެޗުގައި ރިޒޭ ކުޅޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ. މޯހަން ބުނީ އެޓީމުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ގެ އަނިޔާ މުޅިން ރަނގަޅުވެފައިވާކަމަށާއި އެކަމަކު ހަސަން ރާއިފް އަހުމަދު (ހަންނަ) ހުރީ ކުޑަ އަނިޔާއެއްގައި ކަމަށެވެ.
ޗެރިޓީ ޝީލްޑް މެޗާއި ލީގުގެ ފުރަތަމަ ދެ މެޗުގައި އީގަލްސްގެ ގޯލު ބެލެހެއްޓީ ޒުވާން ގޯލްކީޕަރު މުހައްމަދު ސިނާހު އެވެ. އެކަމަކު އީގަލްސް އަށް ގެންނަން ހަމަޖެއްސި ބްރެޒިލްގެ ގޯލްކީޕަރު އަންދްރެއާ ރެގްލީ މިހާރު ވަނީ މާލެ އައިސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ދަ ގްރާންޑޭ މެޗުގެ ކުރިން ކީޕަރަށް ލިބެންޖެހޭ ހުއްދަތައް ހަމަނުޖެހުނަސް މެޗުގައި ފެންނާނީ މިދިޔަ ދެ މެޗުގައި ކުޅުނު ސިނާހު ނޫން ކީޕަރެއް ކަމަށް މޯހަން ބުންޏެވެ.

އީގަލްސް މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިންމަ ނޫސްވެރިންނާ ވާހަކަދައްކަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
އީގަލްސްއާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ އޮތީ ހަތަރު ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. އެޓީމުގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ލީގުގެ ޓާގެޓަށް ދިއުމަށް އީގަލްސް އަށް މެޗު މުހިއްމުވާ ގޮތަށް އެޓީމަށް ވެސް ނަތީޖާ ނެރުން މުހިއްމު ކަމަށެވެ. ބޭނުމަކީ އީގަލްސް އިން ކުރިން ނެރެފައިވާ ނަތީޖާތަކަށް ނުބަލައި ފުރިހަމަ އިހްތިރާމާ އެކު ނުކުމެ މެޗުން މޮޅުވުން ކަމަށް އިންމަ ބުންޏެވެ.
މި ސީޒަނުގައި އެޓީމަށް ކުޅޭ ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން މިދިޔަ ސީޒަނުގައި ފެނުނީ އީގަލްސް އިންނެވެ. އިންމަ ބުނީ އެކުޅުންތެރިންނަށް އީގަލްސްގެ ވައްޓަފާޅި އެނގޭނެ ކަމަށާއި އެކަމަކު މެޗުގައި މުހިއްމީ ކުޅުންތެރިން ކުރާ ހިތްވަރު ކަމަށެވެ.
އިންމަ ބުނީ ޓީމުގެ ބިދޭސީ ކުޅުންތެރިން ތަންކޮޅެއް ފަހުން ޓީމާ ގުޅުމުން ލޯކަލް ކުޅުންތެރިންނާ އޮންނަ ކޮމްބިނޭޝަން އުފައްދަން ވަގުތު ބޭނުންވާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ އެޓޭކިން ލައިނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބިދޭސީ ދެކުޅުންތެރިން ޓީމަށް ޖޮއިންވީ ލީގު ފެށެން ދެތިން ދުވަހަށް ވެފަ އިންދާ. އެހެންވީމަ ވަގުތު ބޭނުންވާނެކަމަށް ލަފާކުރެވެނީ އަޅުގަނޑުމެންގެ ލޯކަލް ޕްލެޔަރުންނާ މި މީހުންގެ ކޮމްބިނޭޝަނަށް. އެކަމަކު ވެސް ހަމަ ހީކުރި ވަރަށްވުރެ އަވަހަށް ޕްލެޔަރުން ނަގައިގަނެ އެމީހުންނާ އެކުވެގެން ކުރިއަށްއެބަދޭ” އިންމަ ބުންޏެވެ.
Here's how the table looks after matchweek 2⃣ pic.twitter.com/0rFCjoqbRI
— Fahuminet (@fahuminet) December 20, 2020
ފުރަތަމަ ދެ މެޗަށް ބަލާއިރު ގޯލު ޖަހާނެ އެންމެ ގިނަ ފުރުސަތުތައް ލިބުނު އެއް ޓީމަކީ ދަ ގްރާންޑޭ އެވެ. އެޓީމަށް ތިން ޕެނަލްޓީ ލިބުނުއިރު ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. މާދަމާގެ މެޗަށް ނުކުންނައިރު ސަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެން ދަ ގްރާންޑޭގެ އަހުމަދު ސިޒާން ހުރީ ސަސްޕެންޝަނުގަ އެވެ. އިންމަ ބުނީ އެޓީމުގެ ގާސިމް ސައްމާމް (ސައްމޭ) އަށް ވެސް އަނިޔާވެފައިވާކަމަށާއި، މިއީ ދިގު ސީޒަނެއް ކަމުން ބޮޑަށް ބަލާނީ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދީގެން ކުޅުވަން ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު އީގަލްސް އާއި ދަ ގްރާންޑޭ ވާދަކުރާއިރު މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ސަސް އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ އާއި ކްލަބް ވެލެންސިއާ ވާދަކުރާނެ އެވެ.