ފުރަތަމަ ސަފްޙާ / ޚަބަރު / ގްރަނާޑާ ބަލިކޮށް ރެއާލުން ފޯމު ދަމަހައްޓައިފި

ގްރަނާޑާ ބަލިކޮށް ރެއާލުން ފޯމު ދަމަހައްޓައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 24 ޑިސެމްބަރު 2020

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 ގްރަނާޑާ ބަލިކޮށް ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.

އެއް ވަނައިގައި އޮތް އެތުލެޓިކޯ އަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑް އެ އަދަދަށް ޕޮއިންޓް ހޯދާފައިވައިނީ 15 މެޗު ކުޅެގެންނެވެ. އަތުގައި އޮތް ދެ މެޗުން މޮޅުވެއްޖެ ނަމަ އެތުލެޓިކޯ އަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ލީގުގެ ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 16 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތީ 26 ޕޮއިންޓް ލިބި ގޯލުގެ ތަފާތުން ވިޔަރެއާލް އެވެ. 24 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ފަސް ވަނައިގަ އެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު މިޑްފީލްޑަރު ކަސެމީރޯގެ ގޯލުން ރެއާލް ވަނީ ލީޑު ނަގައިފަ އެވެ. މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސެމީރޯ ޖެހި މި ގޯލަކީ ރެއާލަށް މި ސީޒަނުގައި އޭނާ ކާމިޔާބުކޮށްދިން ހަތަރު ވަނަ ގޯލެވެ. ރެއާލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ރެއާލްގައި ދައްކަމުން އަންނަ މޮޅު ކުޅުން ބެންޒެމާ މި ސީޒަނުގައި ވެސް ތަކުރާރުކުރަމުން އަންނައިރު އޭނާ ވަނީ ލީގުގައި މިހާތަނަށް އަށް ލަނޑު ޖަހައިފަ އެވެ.

މެޗުގައި ރެއާލަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ އަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ސްޓްރެޗާގައި ރޮޑްރީގޯ ބޭލިއިރު އޭނާ ކުޅުމުގެ ތެރެއަށް އަންނަ ދުވަސްތަކެއް ނަގާނެކަމަށް ބެލެވެ އެވެ.

ރޭގެ މޮޅަކީ ހުރިހާ މުބާރާތެއް ހިމެނޭގޮތަށް ޖެހިޖެހިގެން ރެއާލް މޮޅުވި ހަ ވަނަ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!