މި ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ރޭ ފުރަތަމަ ފަހަރަށް ބަލިވުމުގެ އިތުރުން އިޓަލީ އޮލިމްޕިކް ކޮމިޓީގެ ނިންމުމަކާ ގުޅިގެން އެޓީމަށް އެއް ދުވަހެއްގައި 6 ޕޮއިންޓް ގެއްލިއްޖެ އެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާއާ ވާދަކޮށް ޔުވެންޓަސް ބަލިވީ 3-0 އިންނެވެ. އަނެއްކޮޅުން އިޓަލީގެ އޮލިމްޕިކް ކޮމިޓީން އިއްޔެ ވަނީ ނަޕޯލީ އާއި ޔުވެންޓަސް އޮކްޓޫބަރު 4 ވަނަ ދުވަހު ވާދަކުރަން އޮތް މެޗަށް ނަޕޯލީ ހާޒިރުނުވުމުން ޔުވެންޓަސް އަށް ދީފައިވާ ތިން ޕޮއިންޓް ކެންސަލް ކުރުމަށް ނިންމައިފަ އެވެ. މި ނިންމުމާ އެކު ނަޕޯލީ އާއި ޔުވެންޓަސްގެ މެޗު އަލުން ކުޅޭ ގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުމުގެ ހުއްދަ ނުލިބުނު ކަމަށްބުނެ ނަޕޯލީ އިން ޔުވެންޓަސްއާ ކުޅެން އޮތް މެޗަށް ނުދިއުމުން އެ ކްލަބަށް ދިން އަދަބަކީ ޕޮއިންޓެއް އުނިކޮށް ޔުވެންޓަސް މެޗުން މޮޅުވީ ކަމަށް ނިންމުމެވެ. އެކަމަކު ނަޕޯލީ އިން އެ ނިންމުން ބަދަލުކުރީ މައްސަލައިގައި ކުރި އެޕީލް އިއްޔެ ކާމިޔާބުކޮށްގެންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ޔުވެންޓަސް އޮތީ 27 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. އެކަމަކު އިއްޔެ ގެއްލުނު 6 ޕޮއިންޓާ އެކު ޔުވެންޓަސް މިހާރު އޮތީ 24 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 31 ޕޮއިންޓާ އެކު އޭސީ މިލާން އޮތްއިރު ދެ ވަނައިގައި އޮތް އިންޓަ މިލާން ވަނީ 30 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވެސް ވަނީ ޔުވެންޓަސްއާ އެއްވަރަށް 24 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ އޭސީ މިލާނުން ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ އެޓީމާ ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ބޮޑުވާނެ އެވެ. ޔުވެންޓަސް ލީގުގައި ފުރަތަމަ ފަހަރަށް ބަލިވުމާ އެކު ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން މި ސީޒަނުގެ ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އޭސީ މިލާން އެވެ.
ރޭގެ މެޗުގައި ޔުވެންޓަސް އަށް މައްސަލަތައް ކުރިމަތިވީ 18 ވަނަ މިނެޓުގައި އެޓީމުގެ ހުއާން ކުއަޑްރާޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުވުމުގެ ކުރިން ފިއޮރެންޓީނާ އިން ވަނީ މެޗުގެ ތިން ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޫސަން ވްލަހޮވިޗް އެވެ. ޔުވެންޓަސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވި އިރު މެޗުގެ ފަހުކޮޅު ފިއޮރެންޓީނާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. 76 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކުރެވުނީ ޔުވެންޓަސްގެ ޑިފެންޑަރު އަލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. 81 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ސަސޭރެސް އެވެ.