އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިގެން ބްރެޒިލްގެ ޕެލޭ މީގެ ކުރިން ހަދާފައިވާ ރެކޯޑް ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ ރޭ މުގުރާލައިފި އެވެ.
1956 އިން 1974 ވަނަ އަހަރުގެ ނިޔަލަށް ބްރެޒިލްގެ ސަންތޯސް އަށް ކުޅެ ޕެލޭ ރެކޯޑް ހެދީ 656 މެޗުގައި ޖެހި 643 ގޯލާ އެކު އެވެ. 19 ސީޒަނުން ޕެލޭ ހެދި ރެކޯޑާ މެސީ އެއްވަރުކުރީ މީގެ ތިން ދުވަސް ކުރިން ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޕެލޭގެ މެސީ ރެކޯޑް މެސީ ރޭ މުގުރާލީ ލީގުގައި ރަށުން ބޭރުގައި ރެއާލް ވަލަޑޮލިޑްއާ ވާދަކޮށް އެޓީމު 3-0 އިން މޮޅުވި މެޗުގަ އެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު މެސީގެ އެހީތެރިކަމާ އެކު ޖެހީ ޑިފެންޑަރު ކްލަމެންޓް ލެންގްލޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ބްރާތުވެއިޓް އެވެ. ބާސެލޯނާގެ ޖާޒީގައި 644 ވަނަ ލަނޑު މެސީ ޖެހީ 65 ވަނަ މިނެޓުގަ އެވެ. ތާރީހީ ރެކޯޑް މެސީ މުގުރާލީ ބާސެލޯނާ އަށް ކުޅެދިން 749 ވަނަ މެޗުގަ އެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މެސީ ބާސެލޯނާ އަށް ފުރަތަމަ ގޯލު ޖަހައިދިނީ 2005 ވަނަ އަހަރު އެވެ. ބާސެލޯނާގައި މުޅި ކެރިއަރު ހޭދަކުރަމުން އަންނަ މެސީ ވަނީ އެ ކްލަބާ އެކު ސްޕެނިޝް ލީގު 10 ފަހަރު ކާމިޔާބުކޮށް ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު މި ސީޒަނުގެ ނިޔަލަށް މިހާރު އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާތީ ކުރިއަށް އޮތް ސީޒަނުގައި އޭނާ އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ.
ލީގުގައި ރޭ ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ރަށުން ބޭރުގައި 2-0 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ވަނީ ލީގުގެ އެއް ވަނަ މަގާމްގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ މާރިއޯ ހާމޯސޯ އާއި މާކޮސް ލޮރެންޓޭ އެވެ.
ރޭގެ މޮޅާ އެކު އެތުލެޓިކޯ އެއް ވަނައިގައި އޮތީ 13 މެޗުން ލިބުނު 32 ޓީމާ އެކު އެވެ. އެކަމަކު ލީގުގައި ރެއާލް މެޑްރިޑުން މިރޭ ގްރަނަޑާ ބަލިކޮށްފި ނަމަ ޕޮއިންޓުގެ ގޮތުން އެތުލެޓިކޯއާ ހަމަކުރެވޭނެ އެވެ. އެކަމަކު އޭރަށް ރެއާލް މެޑްރިޑް އޮންނާނީ އެތުލެޓިކޯ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް ސޮސިއެޑާޑަށް 26 ޕޮއިންޓް ލިބިފައިވާއިރު ރޭ ހޯދި މޮޅާ އެކު ބާސެލޯނާ އޮތީ 14 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.