އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ޕްރިމިއާ ލީގުގެ މި ހަފްތާގެ ކުޅުން ނިމުނުއިރު 31 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 27 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް އެވަޓަން އަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ފަސް ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ހަމަ އެވަރަށް ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް ހޮޓްސްޕާސް އޮތީ ހަ ވަނައިގަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް ހުރީ އަނިޔާގަ އެވެ. އަދި ފުރަތަމަ ހާފުގެ ކުރީކޮޅު ޑިފެންޑަރު ބެން ވިލްވެލް އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. ފުރަތަމަ ހާފުގައި ނިމުނީ ޑިފެންޑަރު ތިއާގޯ ސިލްވާ ބޮލުން ވައްދާލި ރީތި ގޯލާ އެކު ޗެލްސީ ލީޑުގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޓަމީ އަބްރަހަމް އެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ދަށް ނަތީޖާތަކަކަށް ފަހު މޮޅެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޗެލްސީގައި ރަނގަޅުކުރަން ޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށެވެ. އަދި ޗެލްސީ ބޭނުންވަނީ މެޗުތަކުން ނެރޭ ނަތީޖާތައް މިހާރަށް ވުރެ ރަނގަޅު ކުރަންކަމަށް ލަމްޕާޑް ބުންޏެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ ދެ މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ރޭ އެޓީމުގެ އަބްރަހަމް ޖެހި ދެ ގޯލާ އެކު މިދިޔަ ސީޒަން ފެށިގެން މިހާތަނަށް އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ. މިއީ އެޓީމުގެ އެހެން ކުޅުންތެރިންނަށް ވުރެ ހަތް ގޯލު މަތީ އަދަދެކެވެ. އެކަމަކު ލަމްޕާޑަށް އޮތް ނުތަނަވަސްކަމަކީ ފަހަކަށް އައިސް ފޯވާޑް ޓިމޯ ވާނާ އަށް ލިބޭ ފުރުސަތުތައް ގޯލަށް ބަދަލުކޮށްނުލެވުމެވެ. ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ވާނާ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ލަނޑެއް ޖެހިފައިނުވާއިރު ރޭ ވެސް ވާނާ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ލީގުގައި ޗެލްސީ ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ފޯމު އެއްކޮށް ގެއްލިފައި އޮތް އާސެނަލާ ދެކޮޅަށެވެ.