މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ކުރި މަސައްކަތް ކާމިޔާބު ނުވުމާ އެކު މި ސީޒަނުގައި އޭނާގެ ކުޅުމަށް އަސަރުކުރި ކަމަށް މުޅި ކެރިއަރު ބާސެލޯނާގައި ހޭދަކުރަމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
މިދިޔަ ޓްރާންސްފާ މާކެޓްގައި މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް ކްލަބަށް އަންގައިފަ އެވެ. އެކަމަކު ބާސެލޯނާގެ ބޯޑުން އޭރު ނިންމީ މެސީ ގެންދަން ބޭނުންނަމަ އެއްބަސްވުމުގައި ބުނާގޮތަށް 700 މިލިއަން ޔޫރޯ މެސީ ބޭނުންވާ ކްލަބަކުން ދައްކަން ޖެހޭނެކަމަށެވެ. ބޯޑުން މިގޮތަށް ނިންމީ މެސީ ބާސެލޯނާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިލޭ ކްލަބް ބަދަލުކުރުމުގެ އޮތްކަމަށް މެސީ ގަބޫލުކުރުމުންނެވެ. ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން 33 އަހަރުގެ މެސީ ފަހުން ވަނީ ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށް ބުނެ އެކަމަށް ވަގުތީ ހައްލެއް ގެނެސްފަ އެވެ.
“އޭރު ވީ ކަންތައްތައް ސީޒަނުގެ ފެށުމާ ހަމައަށް އައިސް އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި. ހަގީގަތަކީ މިހާރު އަހަރެން މިހުރީ އެކަންކަމުން އަރައިގަނެގެން. އެކަމަކު މިދިޔަ ޓްރާންސްފާ މާކެޓްގައި އަހަރެން ހުރީ އުނދަގޫ ހާލަތެއްގައި” ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
ސްޕެނިޝް ލީގުގައި އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ބާސެލޯނާ ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ލަނޑު ޖަހައި މެސީ ވަނީ އެއް ކްލަބަކަށް ކުޅެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ޕެލޭގެ ރެކޯޑާ ހަމަކޮށްފަ އެވެ. ލީގުގައި ބާސެލޯނާ އަށް އިތުރު ލަނޑެއް ޖަހައިދީގެން ޕެލޭ ހަދާފައިވާ 643 ލަނޑުގެ ރެކޯޑް މެސީ އަށް މުގުރާލެވޭނެ އެވެ. ސީޒަނުގެ ކުރީކޮޅު ދަށްކޮށް ދިޔަނަމަވެސް ބާސެލޯނާގެ ޖާޒީގައި މެސީ މި ސީޒަނުގައި ކުޅުނު 17 މެޗުގައި ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ.
މި ސީޒަނުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެހެން ކްލަބްތަކާ މަޝްވަރާކުރުމުގެ ފުރުސަތު މެސީ އަށް ލިބޭނެ އެވެ. އަދި އެ މުއްދަތުގައި އެހެން ކްލަބަކާ އެކު ޕްރީ ކޮންޓްރެކްޓް އެއްބަސްވުމެއް ހަދައި ސީޒަން ނިމުމުން ހިލޭ ކްލަބް ބަދަލުކުރުމުގެ ފުރުސަތު މެސީ އަށް އެބައޮތެވެ. އެހެންވެ ބާސެލޯނާ އަށް މިވަގުތު އޮތް އެންމެ ބޮޑު މަސައްކަތަކީ މެސީ އެ ކްލަބްގައި ބެހެއްޓޭނެ ގޮތެއް ހޯދުމެވެ.
ބާސެލޯނާގެ މައްސަލަތައް ބޮއްސުންލައި ސަޕޯޓަރުންނާ އޮތް ހަމަނުޖެހުންތަކަށް ހައްލެއް ނުގެނެވި އެ ކްލަބްގެ ރައީސްގެ މަގާމުގައި ހުރި ޖޯސެފް ބާޓޮމެއު ވަނީ މިދިޔަ އޮކްޓޫބަރު މަހު މަގާމުން އިސްތިއުފާދީފަ އެވެ. ބާސެލޯނާގެ އާ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވަންދެން އެ ކްލަބުގެ ވަގުތީ ރައީސަކަށް ހުރީ ކާލެސް ޓަސްކުއެޓްސް އެވެ.
ދާދިފަހުން ޓަސްކުއެޓްސް ބުނެފައިވަނީ މެސީ ދާން ބޭނުންވިއިރު ކްލަބުން މެސީ ވިއްކާލިނަމަ އެއީ މާލީގޮތުން ގޯސް ވިސްނުމަކަށް ނުވާނެ ކަމަށެވެ. ވަގުތީ ރައީސް މިހެން ބުނުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.
ފާޑުކިޔުން އަމާޒުވި މި މައްސަލައާ ގުޅޭގޮތުން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ޓަސްކުއެޓްސް އެގޮތަށް ވާހަކަދެއްކީ އަމިއްލަ ވިސްނުމުގައި ކަމަށާއި، މެސީ ބާސެލޯނާގައި މަޑުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
“މިވަގުތު އަހަރެން މިހުރީ ވަރަށް ރަނގަޅަށް. ޓާގެޓަކީ ކުރިއަށް އޮތް މުބާރާތްތަކަށް ވާދަކުރަން. އަހަރެންނަށް އެނގޭ ކްލަބް އޮތީ ދަނޑާއި ދަނޑުން ބޭރުގައި ވެސް އުނދަގޫ ހާލަތެއްގައިކަން. އެކަމަކު އަހަރެން މިހުރީ ހިތްހަމަޖެހިގެން” ބާސެލޯނާގައި މަޑުކޮށްފާނެކަމުގެ އިޝާރާތެއް ދެމުން މެސީ ބުންޏެވެ.