ކްލަބްގެ ސަޕޯޓް އޮތްކަމަށް އަމިއްލަ އަށް ގަބޫލުކޮށް އާސެނަލްގެ ކޯޗުކަމުގެ މަގާމުން ދުރަށްދިއުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ނެތްކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ފަހަކަށް އައިސް ފޯމް ވަރަށް ބޮޑަށް ދަށްވެ އާސެނަލް މިވަގުތު އޮތީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅެއް ނުލިބި އެ މުއްދަތުގައި ފަސް މެޗުން ބަލިވެ އެއްވަރުކުރެވުނީ ދެ މެޗެވެ. ހަތް މެޗުގައި އެންމެ ތިން ލަނޑު ޖެހުނުއިރު ލީގުގައި އެޓީމު މިވަގުތު އޮތީ 15 ވަނައިގަ އެވެ.
“އަހަރެން ބޭނުމެއް ނުވޭ މަގާމުން ދުރުވުމާ ގުޅޭ ވާހަކަ ދައްކާކަށް. އޭރުން ވާނީ ނެގެޓިވްކޮށް ވިސްނުން ކަމަށް. އެހެންވީމަ އެގޮތަށް ވިސްނޭކަށް ނެތް. މިވަގުތު އަހަރެން މި ބަލަނީ ވީ އެންމެ ޕޮޒިޓިވްކޮށް ވިސްނަން” ކުރިން އެ ކްލަބަށް ކުޅުނު އާޓެޓާ ބުންޏެވެ.
ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މެންޗެސްޓަރ ސިޓީގައި ހުރެފައި އާޓެޓާ އާސެނަލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ކްލަބާ ހަވާލުވުމަށް ފަހު ނަތީޖާތައް ރަނގަޅުކޮށް އާޓެޓާ ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕް އެ ކްލަބަށް ކާމިޔާބުކޮށްދީ މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ވެސް މޮޅުވެފަ އެވެ. ލީގުގައި ދަށް ފޯމުގައި އޮތްނަމަވެސް ޔޫއެފާ ޔޫރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕްގައި އެޓީމުގެ ނަތީޖާތައް ވަނީ ރަނގަޅުކޮށްފަ އެވެ. ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަނެއް ބުރުން ފުރުސަތު ހޯދާފައިވާއިރު ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި އާސެނަލް އަމިއްލަ ދަނޑުގައި މިރޭ ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.
“އަހަރެމެން ތަޖުރިބާ މިކުރަނީ ވަރަށް އުނދަގޫ ދުވަސްތަކެއް. ނަތީޖާތައް ރަނގަޅު ނުކުރެވިއްޖެ ނަމަ މިކަން ދާނީ އިތުރަށް ގޯސްވަމުން. ކްލަބުގެ ސަޕޯޓާއި އެއްބާރުލުމާއި އިތުބާރު އޮތްކަން އަހަރެން ގަބޫލުކުރަން. އަހަރެމެން މިކަމުން އަރައިގަންނާނީ އެންމެން އެއްކޮށް މަސައްކަތްކޮށްގެން” އާޓެޓާ ބުންޏެވެ.
ލީގު ކަޕްގެ ކުއާޓާ ފައިނަލް ހަތަރު މެޗުގެ ތެރެއިން މިރޭ ކުޅޭނީ ބްރެންޓްފޯޑް އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރާ މެޗާއި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗެވެ. މާދަމާ ރޭ ސްޓޯކް ސިޓީ އިން ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު އެވަޓަން ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.
އާސެނަލް އާއި ސިޓީ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު އެވެ.