ފުރަތަމަ ސަފްޙާ / ޚަބަރު / ދަ ގްރާންޑޭ އާއި ސަސްގެ ކުރިމަތިލުން އެއްވަރު

ދަ ގްރާންޑޭ އާއި ސަސްގެ ކުރިމަތިލުން އެއްވަރު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 ޑިސެމްބަރު 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މިއަދުގެ މެޗާ އެކު މި ދެޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރިއިރު ސަސް އިން ވަނީ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކޮށްފަ އެވެ.

މިއަދުގެ މެޗަށް ދަ ގްރާންޑޭ އިން ނެރުނީ ޓީސީ އަތުން މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އެވެ. އެކަމަކު ސަސް އިން ވަނީ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްފަ އެވެ. އެޓީމުގެ ސްޕެއިން ފޯވާޑް ވިކްޓާ ރޮޑްރިގޭޒް މުނޯޒް އާއި ހަސަން އަދުހަމް އަދި މޫސާ ހަސަންގެ ބަދަލުގައި މިއަދު ފުރަތަމަ އެގާރައިގައި ކުޅުނީ މިދިޔަ އަހަރު ށ. ފޯކައިދޫ ފުޓްބޯޅަށް ޓީމުން ފެނުނު ޔޫސުފް ޖުނެއިދު ޒާހިރު އާއި އަހުމަދު ހަމީދު އަދި މުހައްމަދު ތިލްމީޒް އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ހަތް ވަނަ މިނެޓުގައި ކައިދަރޯވް އޮޓަބެކް އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާ ސަސްގެ ގޯލްކީޕަރު މަމަހޮނޯވް އުގްލީ ވަނީ މަތަކޮށްފަ އެވެ. އަދި 29 ވަނަ މިނެޓުގައި ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ ހިފަހައްޓައިފަ އެވެ. މި ހާފުގައި ގޯލު ޖަހާނެ ހުސް ތިން ފުރުސަތެއް ސަސްގެ ޖުނެއިދަށް ލިބި ވަނީ ބޭކާރުވެފަ އެވެ. 21 ވަނަ މިނެޓުގައި އާދަމް އިޝާމް (ސަން) ހުރަސްކޮށްލި ބޯޅަ އޭރިޔާތެރެއިން ޖުނެއިދަށް ހުސްކޮށް ލިބުނު ނަމަވެސް ބޯޅައިގައި ރަނގަޅަށް ލައްވާލާގޮތެއްނުވި އެވެ. 30 ވަނަ މިނެޓުގައި އިޝާމަށް ހުސްކޮށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށްލި ނަމަވެސް ކީޕަރު އިޔާން އަބްދުލް އަލީމް ސޭވްކުރި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ހުރަސް ދަނޑީގައި ޖެހިފައި އެ ބޯޅަ ލިބުނީ އޭރިޔާތެރޭ ހުސްކޮށް އޮތް ޖުނެއިދު އަށެވެ. އެކަމަކު ޖުނެއިދު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ޖުނެއިދު އަށް ހުސްކޮށް ލިބުނު އިތުރު ފުރުސަތެއްގައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މި ހާފުގައި ދަ ގްރާންޑޭގެ އޮޓަބެކް ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނާ ދިމާލުން ބޭރަށް ދިޔައިރު އޭގެ ފަހުން އުމަރުޖޯނޯވް އަކްރޯރް ފޮނުވާލި ހިލޭޖެހުމެއް ސަސްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ދަ ގްރާންޑޭ އިންނެވެ. 59 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒް އެވެ. އޭރިޔާ ތެރެއިން ސަސްގެ ޑިފެންޑަރުގެ ތެރެއިން ދެމިގަތުމަށް ފަހު އިފާޒަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ކަނަށެވެ. ލީޑުގައި އޮއްވައި މެޗުގެ 64 ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އަބްދުﷲ ހަނީފް (ބެންޖޯ) އޮޓަބެކަށް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ އޭނާ ފޮނުވާލުމުން ސަސްގެ ކީޕަރު ހުށިޔާރުކަމާ އެކު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އެ ފޯރިގަނޑުގައި ސަސް އިން ވަނީ ޖެހިގެން އައި މިނެޓުގައި މެޗު އެއްވަރުކޮށްފަ އެވެ. ޖުނެއިދުގެ އެހީތެރިކަމާ އެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޮނެޒާވާ އަޓްސޫޝީ އެވެ. މެޗުގެ ބާކީ ބައިގައި ދެޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފެނުނުއިރު ގޯލެއް ޖަހަން ކުރި މަސައްކަތް ދެޓީމަށް ވެސް ކާމިޔާބެއްނުވި އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަ ގްރާންޑޭގެ މިޑްފީލްޑަރު އަކްރޯރް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!