ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ މުހިއްމީ ކުޅުންތެރިންގެ ރައްކާތެރިކަން: މޯހަން

އެންމެ މުހިއްމީ ކުޅުންތެރިންގެ ރައްކާތެރިކަން: މޯހަން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 ޑިސެމްބަރު 2020

ކުޅުންތެރިންނަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމުގެ ބިރު މި ސީޒަނުގައި އެބައޮތް ކަމަށާއި، އޭނާ އަށް އެންމެ މުހިއްމީ ކުޅުންތެރިން ދުޅަހެޔޮކޮށް ތިބުން ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް މިރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ފުރަތަމަ މެޗުން ބަލިވުމުން މިރޭގެ މެޗުން މޮޅެއް ހޯދުން މި ދެޓީމަށް ވެސް ވަނީ މުހިއްމުވެފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ އޭނާ އަށް އޮތް އެންމެ ބޮޑު ބިރަކީ ކުޅުންތެރިންގެ މަސްގަނޑަށް ނުވަތަ ކަކުލަށް އަނިޔާއެއްލިބި ކުޅުމާ ދުރަށްދާންޖެހިދާނެކަމުގެ ބިރު ކަމަށެވެ. އަދި އެފަދަ އަނިޔާއެއްވެއްޖެ ނަމަ ރިކަވަރީ އަށް އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ވަސީލަތްތައް ނެތްކަން މޯހަން ފާހަގަކުރި އެވެ.

ލީގުގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ އަލަށް ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 އިން ބަލިވެފަ އެވެ. އާ ސީޒަނަށް އެޓީމަށް ގެންނަން ނިންމި ބިދޭސީ ކުޅުންތެރިން އަދި ގުޅިފައިނުވާއިރު އެ މެޗުގައި އީގަލްސްގެ އެންމެ މޮޅު ކުޅުންތެރިޔާ އަހުމަދު ރިޒުވާން (ރިޒޭ) ވެސް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މޯހަން ބުނީ ރިޒޭގެ އިތުރު ޓެސްޓުތަކެއް ހަދާފައިވާކަމަށާއި މިރޭގެ މެޗުގައި ވެސް ރިޒޭ ކުޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

Exciting competition in week 2! ???? #DDPL pic.twitter.com/m2ewItPrf0

— Fahuminet (@fahuminet) December 18, 2020

މޯހަން ބުނީ ބިދޭސީ ކުޅުންތެރިން ނުލައި މިވަގުތު އެޓީމުގައި އޮތީ ޔޫތު ކުޅުންތެރިން ހިމެނޭ ސްކޮޑެއް ކަމަށެވެ. ރަނގަޅު ކުޅުންތެރިންގެ ބޮޑު ސްކޮޑެއް ނެތި ސީޒަނުގައި ވާދަކުރުމަކީ މޯހަން ގަބޫލުކުރާ ގޮތުގައި ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

“ރިޒޭ ވެސް ކުރީ ދުވަހު ނުކުޅުވީ ކޮންމެހެން ދަނޑަށް އަރައި ނުކުޅެވޭވަރު ވާތީއެއް ނޫން. އޭނައަށް ވެސް ކުޅެލެވޭ ވަރުވޭ. އެހެންނަމަވެސް އެ ރިސްކު ނަގަން ހަމަ ނުކެރިގެން ކުރީ ދުވަހު ބެންޗަށް ވެސް ނުޖެހީ. އެއީ ބެންޗަށް ޖަހައިފިކަމުގައި ވަނީނަމަ އަޅުގަނޑަށް އެނގޭ ޕްރެޝަރަށްދާ ގަޑީގައި ވެސް އަރުވަންކަން ދިމާކުރެވޭނީ. އެއާ އެކީގަ ބެންޗަށް ވެސް ނުލީ” އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއާ ގުޅޭގޮތުން ވާހަކަދައްކަމުން މޯހަން ބުންޏެވެ.

މޯހަން ބުނީ ކުޅުންތެރިއަކު އަނިޔާގައި ހުރިނަމަ އެ ރިސްކު ނަގައިގެން ދަނޑަށް ނެރެން ބޭނުންނުވާ ކަމަށާއި އަނިޔާތަކުން ކުޅުންތެރިން ސަލާމަތްވެ ރަނގަޅު ސިއްހަތެއްހައި އެކުޅުންތެރިން ތިބުމަކީ އޭނާ އަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ.

“އަޅުގަނޑު ވީވަރަކުން ބަލާނީ އެހެން ފެންނަ ކުޅުންތެރިން ވެއްޖިއްޔާމު ހަމަ ރެސްޓް ކުރެވޭތޯ. ދެން މީގަ ރެސްޓް ކުރާއިރުގަ އަޅުގަނޑަށް އެނގޭ އަޅުގަނޑަށް ވަރަށް ޕްރެޝާކަން އެއީ ނަތީޖާ ވެސް ނެރެން ޖެހޭތީއާ އެކީގަ. އެއަށްވުރެ މުހިއްމު އަޅުގަނޑަށް އަޅުގަނޑުގެ ކުޅުންތެރިން ފުރަތަމަ ރަނގު ސިއްހަތެއްގައި ތިބުން ނޫނީ އަނިޔާތަކުން ސަލާމަތްވެ ތިބުން އެއީ އެކުޅުންތެރިންގެ މުސްތަގްބަލަށް ވިސްނާއިރު އެކަން މާ މުހިއްމު. އެހެންވީމަ އަޅުގަނޑު ބޮޑަށް ފޯކަސް ކުރާނީ އެދިމާލަށް” މޯހަން ބުންޏެވެ.

މޯހަން ބުނީ އެޓީމަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިން ދެ މެޗެއް ފަހުން ލިބޭނެ ކަމަށެވެ. އެހެންވެ މި މުއްދަތުގައި އެޓީމުގައި ތިބި ޒުވާން ކުޅުންތެރިން ޕްރެޝަރު މެޖޭޖް ކުރާނެކަމަށް އުއްމީދުކުރާ ކަމަށް މޯހަން ބުންޏެވެ.

ޓީސީގެ ކޯޗު ޝާޒް ނޫސްވެރިންގެ ބައްދަލުވުމުގައި. ޒުވާން ކުޅުންތެރިންގެ ތަޖުރިބާއާ އެކު ޓީމުގެ ކުޅުމަށް ބަދަލުގެނެވޭނެކަމަށް ބުނި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިރޭގެ މެޗުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މާޒިޔާ އާއި ވެލެންސިއާ ތަންކޮޅެއް ކުރީގައި އޮތްއިރު ބާކީ ހަ ޓީމު ލީގުގައި ވާދަވެރިވާނެ ކަމަށެވެ. އެކަމަކު އީގަލްސް އަކީ ވެސް މާޒިޔާ އާއި ވެލެންސިއާގެ ލެވެލް އަށް ރޭޓް ކުރެވިދާނެ ޓީމެއް ގޮތުގައި ޝާޒް ދެކެ އެވެ.

ޝާޒް ބުނީ ޒުވާން ކުޅުންތެރިންނާ އެކު އޭނާ އަށް އޮތީ ވަރަށް ޗެލެންޖިން މަސައްކަތެއް ކަމަށާއި، އެކަމަކު ޒުވާން ކުޅުންތެރިންނަށް ލިބޭ ތަޖުރިބާއާ އެކު ޓީމުގެ ކުޅުން ރަނގަޅުވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

“ވަރަށް ބޮޑު ޗެލެންޖެއް. ޒުވާން ކުޅުންތެރިން މިތިބީ މުޅި ސްކޮޑްގައި ވެސް. އޭގެ އިތުރުން ފޮރިން ޕްލެޔަރުން ނެތުމާ އެކްސްޕީރިއެންސް ކުޅުންތެރިން ދިއުމާ. މި ހުރިހާ ކަމަކަށް ބަލާއިރުގަ އެހާ ފަސޭހަކަމެއް ނޫން ޓީމެއް ޓީމެއްގެ ސިފައިގައި ފެނިގެން ދިއުމަކީ. އެހެންނަމަވެސް ވަރަށް ބޮޑަށް އުއްމީދުކުރެވޭ މިހާރު ތިބި ކުޅުންތެރިންނާ އެއްކޮށް ރަނގަޅު މެޗުތަކެއް ލިބިގެން ދިޔައީމަ އެ ކުޅުންތެރިންގެ އެކްސްޕީރިއެންސް ވެސް އޭގެތެރެއަށް އައިސްގެން ރަނގަޅު ޕާފޯމެންސެއް ދެއްކޭނެކަމަށް” ޝާޒް ބުންޏެވެ.

ޝާޒް ގަބޫލުކުރާ ގޮތުގައި ބިދޭސީ ކުޅުންތެރިން ނުލައި ރާއްޖޭގައި އެންމެ މޮޅު ފުޓްބޯޅައެއް ކުޅޭ ނުވަތަ ކުޅެވޭނެ ޓީމަކީ އީގަލްސް އެވެ. އެއީ އެޓީމުގައި އެއްކޮށް ކުޅެފައި ތިބި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބުމާއި ރިޒޭ އެޓީމުގައި ހުރުން ކަމަށް ޝާޒް ބުންޏެވެ.

“ވަރަށް ގިނަ ދުވަހު އެއްކޮށް ކުޅެފަ ވަރަށް ގިނަ މެޗުތަކެއް އެއްކޮށް ކުޅެފަ ހުރި ޓީމަކަށް ވާތީވެ ހަގީގަތުގައި އެމީހުންގެ ސްޓްރެންތު ވަރަށް ރަނގަޅުކޮށް މި ފެންނަނީ. އެހެންވީމަ އީގަލްސް އަކީ ހަމައެކަނި ޓީމު ކަންނޭނގެ ފޮރިން ޕްލެޔަރުން ނެތިގެން އެހާބޮޑުތައް ނުދައްކާނެ” މިދިޔަ ފަސް ވަރަކަށް އަހަރު އީގަލްސް އިން ދައްކާފައިވާ ކުޅުމަށް ތައުރީފްކުރަމުން ޝާޒް ބުންޏެވެ.

އީގަލްސް އާއި ޓީސީ ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!