ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާ އެކު އިޓާލިއަން ލީގުގައި ޔުވެންޓަސް ރޭ ރަށުން ބޭރުގައި 4-0 އިން ޕާމާ ބަލިކޮށްފި އެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ޖެހީ ސްވިޑެންގެ 20 އަހަރުގެ ފޯވާޑް ޑެޔަން ކުލުސެވްސްކީ އެވެ. އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ބޮލުން ކާމިޔާބުކުރި ގޯލާ އެކު ޔުވެންޓަސް އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ރޮނާލްޑޯ އެވެ. އެޓީމުގެ ފަހު ލަނޑު ފެޑެރިކޯ ބާނަޑެސްކީ ނަގައިދިން ހުރަހަކުން 85 ވަނަ މިނެޓުގައި ބޮލުން ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.
ރޭގެ ގޯލުތަކާ އެކު އިޓާލިއަން ލީގުގައި މި ސީޒަނުގައި 12 ލަނޑު ހަމަކޮށް ރޮނާލްޑޯ އޮތީ ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ 10 ލަނޑު ޖަހާފައިވާ އިންޓަ މިލާނުގެ ރޮމެލޫ ލުކާކޫ އާއި އޭސީ މިލާނުގެ ޒަލަޓަން އިބްރަހިމޮވިޗެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަންނަނީ ޔުވެންޓަސްގައި ވެސް ގިނަ ގޯލުތަކެއް ޖަހަމުންނެވެ. އެ ކްލަބަށް 2018 ވަނަ އަހަރު ބަދަލުވުމަށް ފަހު ލީގުގައި ކުޅުނު 73 މެޗުގައި ރޮނާލްޑޯ މިހާރު ވަނީ 63 ލަނޑު ޖަހައިފަ އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. ރޭގެ މޮޅާ އެކު ޔުވެންޓަސް އިން ވަނީ 27 ޕޮއިންޓް ހަމަކޮށް ދެ ވަނައިގައި އޮތް އިންޓަ މިލާނާ އެއްވަރުކޮށްފަ އެވެ. އެކަމަކު ޔުވެންޓަސް ތިން ވަނައިގައި އޮތީ މިލާން އާއި އިންޓަ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.