އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާ ބާސެލޯނާގެ ލިއޮނަލް މެސީ ހަމަކުރުމުން، މެސީ އަށް ޕެލޭ މަރުހަބާ ކިޔައިފި އެވެ.
1956 އިން 1974 ގެ ނިޔަލަށް ކުޅުނު 19 ސީޒަނުގައި ޕެލޭ ވަނީ ބްރެޒިލްގެ ސަންތޯސް އަށް ކުޅުނު 656 މެޗުގައި 643 ލަނޑު ޖަހައިފަ އެވެ. ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ ކޮޅަށް ގޯލު ޖަހައި މެސީ 643 ލަނޑު ހަމަކުރީ 748 މެޗުންނެވެ. އިތުރު އެއް ގޯލު ޖަހައިގެން ޕެލޭގެ ރެކޯޑް މެސީ އަށް މުގުރާލެވޭނެ އެވެ.
“ތާރީހީ ރެކޯޑަށް މަރުހަބާ، އެ ހުރިހާ ކަމަކަށް ވުރެ ބާސެލޯނާގައި ތިޔަ ހޭދަކުރާ ކާމިޔާބު ކެރިއަރަށް އަހަރެން މަރުހަބާ ކިޔަން. އަހަރެމެން އެއް ކްލަބަކަށް ދައްކާފައިވާ ލޯބި ފުޓްބޯޅައިން ފެނުމަކީ ދުރުކަމެއް. ތިއީ އަހަރެން ވަރަށް ގަދަރުކުރާ ކުޅުންތެރިއެއް” މެސީ އަށް މަރުހަބާ ކިޔަމުން ޕެލޭ އާއްމުކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ޕެލޭގެ ރެކޯޑާ ހަމަކުރުމުގެ އިތުރުން 33 އަހަރުގެ މެސީ ރޭ ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން އެއް ޓީމެއްގައި ހުރެ އެންމެ ގިނަ ލީގު ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ލީގުގައި ބާސެލޯނާ އަށް 450 ވަނަ ގޯލު މެސީ ރޭ ކާމިޔާބުކޮށްދިނީ 498 ވަނަ މެޗުގަ އެވެ. ބެލޮންޑިއޯ އެވޯޑް ހަ ފަހަރު ހޯދާފައިވާ މެސީ ބާސެލޯނާ އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 2005 ވަނަ އަހަރު އެވެ.
ތާރީހީ ރެކޯޑެއް ލިބުނު ނަމަވެސް މެސީ އަށް ލިބުނު ނުތަނަވަސް ކަމަކީ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން ބާސެލޯނާ އެއްވަރުވުމެވެ. މެޗުގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖެހީ ވެލެންސިއާގެ ޑިއަހްބީ އެވެ. މެސީ ބާސެލޯނާ އަށް އެއްވަރުކޮށްދިން ތާރީހީ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މިއީ މެސީ ޖެހި ޕެނަލްޓީއެއް ކީޕަރު ދިފާއުކޮށް ކުޅުމުގެ ތެރެއަށް އައި ވަގުތު ޑިފެންޑަރު ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން ބޮލުން މެސީ ކާމިޔާބުކުރި ލަނޑެކެވެ. މިއީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން މެސީ ބޮލުން ބާސެލޯނާ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަނެއްކޮޅުން މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ބާސެލޯނާގައި މެސީ އަށް ޕެނަލްޓީއެއް ވައްދާނުލެވުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާ އިން ވަނީ ރޮނާލްޑް އަރައުހޯގެ ގޯލުން ލީޑު ނަގައިފަ އެވެ. އެކަމަކު 69 ވަނަ މިނެޓުގައި ވެލެންސިއާގެ މެކްސިމިލިއާނޯ ގޯމޭސް ޖެހި ލަނޑުން މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ 3-1 އިން އެލްޗޭ އަތުން މޮޅުވެފަ އެވެ. މެޗުގައި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ އެވެ. 15 މެޗުން ހޯދާފައިވާ 26 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް ދެ ވަނައިގައި އޮތްއިރު 26 ޕޮއިންޓާ އެކު ގޯލުގެ ތަފާތުން ރެއާލް މެޑްރިޑް އޮތީ ތިން ވަނައިގަ އެވެ. ރޭގެ މެޗާ އެކު ބާސެލޯނާ އޮތީ 13 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.