ފުރަތަމަ ސަފްޙާ / ޚަބަރު / ސިޓީ އަށް މުހިއްމު މޮޅެއް، އެވަޓަން އަތުން އާސެނަލް ބަލިވެއްޖެ

ސިޓީ އަށް މުހިއްމު މޮޅެއް، އެވަޓަން އަތުން އާސެނަލް ބަލިވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 ޑިސެމްބަރު 2020

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން މެންޗެސްޓަރ ސިޓީ އިން ސައުތެމްޓަން ބަލިކުރިއިރު އެވަޓަން އަތުން 2-1 އިން އާސެނަލް ބަލިވެއްޖެ އެވެ.

ރޭގެ މެޗުތަކަށް ފަހު އެވަޓަން ވަނީ 26 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސިޓީ އިން ވަނީ 23 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގައި އާދަޔާހިލާފު ދަށް ފޯމެއްގައި އޮތް އާސެނަލަށް 14 މެޗުން ލިބުނު 14 ޕޮއިންޓާ އެކު އޮތީ ލީގުގެ 15 ވަނައިގަ އެވެ.

ރޭ ސިޓީ އިން ހޯދި އުނދަގޫ މޮޅުގައި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ސިޓީ އިން ލީޑު ނެގިފަހުން ސައުތެމްޓަނުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މެޗުގައި އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާވެގެން ފޯވާޑް ޑެނީ އިންގްސް ބާލަން ޖެހުމެވެ. މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެކަމަކު މެޗުގެ ފަހުކޮޅު އެޓީމުން ބޮޑަށް ވިސްނީ ކައުންޓަ އެޓޭކުގައި ހަމަލާ އުފައްދައި ލީޑުގައި އޮވެ މެޗު ނިންމާލުމަށެވެ.

އާސެނަލްގެ އުނދަގޫ ދުވަސްތަކަށް ރޭ އިތުރު ހިތާމައެއް ކުރިމަތިވިއިރު މިއީ 75-1974 ސީޒަނަށް ފަހު އެޓީމުގެ ނަތީޖާތައް މިހާ ދަށްވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅެއް ލިބިފައިނުވާއިރު ލީގުގައި ކުރީގައި އުޅޭ ޓީމުތަކާ ވާދަކުރުމުގެ ފުރުސަތު އާސެނަލަށް ގާތްގަނޑަކަށް ވަނީ ގެއްލިފަ އެވެ.

ރޭގެ މެޗަށް ނުކުތް އާސެނަލް ޓީމުގައި އަނިޔާގެ ސަބަބުން ޕިއޭ އެމެރިކް އޮބާމިޔަން ހިމަނާފައެއްނުވެ އެވެ. މެޗުގެ ކުރީކޮޅު އެވަޓަން އަށް ލީޑު ލިބުނީ އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އާސެނަލަށް ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަން މޮޅުކޮށްދިން ލަނޑު ކޯނަރަކުން ބޮލުން ކާމިޔާބުކޮށްދިނީ ޔެރީ މިނާ އެވެ.

މެޗަށް ފާހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިއީ އެ ކްލަބަށް އުނދަގޫ ހާލަތެއް ކަމަށާއި، އޭނާ މަސައްކަތްކުރާނީ އެ ހާލަތުން ކްލަބް އަރައިގަތުމަށް ކަމަށެވެ.

“މިދިޔަ ހަފްތާތަކާ މި މެޗުގެ ނަތީޖާއާ އެއްގޮތް. އަހަރެމެން މިދަނީ މަސައްކަތް ކުރަމުން. މެޗު ޑޮމިނޭޓް ކުރިޔަސް ކުދިކުދި ގޯސްތަކާ އެކު މެޗުން ބަލިވަނީ. މިރޭ ބަލިވީ ބައިކޮޅަށް ވަން ގޯލަކާ ސެޓްޕީސް ގޯލަކާ އެކު. ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ ބަހަނާއެއް ކަމަކަށް ނުދެކެން. އަހަރެމެން މެޗުތަކުން މޮޅުވާން ޖެހޭ. އެކަމަކު އެމަންޒަރެއް ނުފެނޭ” މެޗަށް ފަހު އާޓެޓާ ބުންޏެވެ.

އާޓެޓާގެ ކޯޗުކަމުގައި ލީގުގައި އާސެނަލް 13 މެޗުން މޮޅުވިއިރު 13 މެޗުން ވަނީ ބަލިވެފަ އެވެ. އެއްވަރުވީ އަށް މެޗުންނެވެ. އާސެނަލްގެ ދަށް ފޯމާ އެކު އާޓެޓާގެ މަގާމާ މެދު މިހާރު ވަނީ ސުވާލުއުފެދިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!