އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި 7-0 އިން ކްރިސްޓަލް ޕެލޭސް ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.
ބޮޑު މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ހަ ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމުން މާދަމާރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ މޮޅުވެއްޖެ ނަމަ ލިވަޕޫލާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފް ލިވަޕޫލް ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. މެޗުގެ ތިން ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޖަޕާންގެ ޓަކޫމީ މިނަމީނޯ އެވެ. ޓަކޫމީ ލިވަޕޫލަށް ޕްރިމިއާ ލީގުގައި ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ގޯލު ޖެހި ޖަޕާންގެ ހަތް ވަނަ ކުޅުންތެރިޔާ އަށެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު ރޮބާޓޯ ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ފިރްމީނޯ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޔާގެން ކްލޮޕް ވަނީ މާނޭގެ ބަދަލުގައި މުހައްމަދު ސަލާހް ކުޅެން އަރުވައިފަ އެވެ. މި ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އޭގެފަހުން ލިވަޕޫލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައި އަނެއް ލަނޑު ޖަހަން މަގުފަހިކޮށްދިނީ ސަލާހް އެވެ. ލިވަޕޫލްގެ ފަސް ވަނަ ލަނޑު ސަލާހްގެ އެހީތެރިކަމާ އެކު ފިރްމީނޯ ޖެހިއިރު ފަހު ދެ ލަނޑު ޖެހީ ސަލާހް އެވެ.
މިއަދުގެ މެޗަކީ ކްރިސްޓަލް ޕެލޭސްގެ ފުޓްބޯޅައިގެ ތާރީހުގައި އެޓީމު ކޮޅަށް ހަތް ލަނޑު ވަން ފުރަތަމަ މެޗެވެ. ލިވަޕޫލް އަތުން ބަލިވުމުން އެޓީމު މިހާރު އޮތީ 18 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.