ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އިން ފަސޭހަކަމާ އެކު 4-0 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފި އެވެ.
މި މޮޅާ އެކު ވެލެންސިއާ އިން ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެ ލީގުގައި ކުރިއަށް ދިއުމުގެ އިތުބާރު ބޮޑުކޮށްފަ އެވެ. މިއަދުގެ މެޗާ އެކު ޔުނައިޓެޑް ވިކްޓްރީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި މާޒިޔާއާ ވާދަކޮށް އެޓީމު ބަލިވީ 4-0 އިންނެވެ.
ވެލެންސިއާ އިން މިއަދުގެ މެޗަށް ނެރުނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ ކުޅުންތެރިންނެވެ. ޔުނައިޓެޑް ވިކްޓްރީ އިން ވަނީ މާޒިޔާ މެޗުގައި މެދަށް ކުޅުނު އަލީ ހަމްދާންގެ ބަދަލުގައި އަހުމަދު ރަޝީދު (އައްމަޑޭ) އަށް ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ.
@ClubValencia scored FOUR past United Victory ???? pic.twitter.com/IxfZUu3KDa
— Fahuminet (@fahuminet) December 19, 2020
ވެލެންސިއާ އިން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ އެޓީމުގެ ކުޅުންތެރިއަކު ބޮލުން ފޮނުވާލުމުން ދިޔައީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ރުސްލާން އަމީރޯވްގެ އަތަށެވެ. މި ހާފުގައި ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ނިޒާމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައިރު އިސްމާއީލް އީސާ (މެސީ) ތިރިތިރިން ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އީސަ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ކީޕަރު ޝަފީއު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ޝަފީއު ފައިން ދިފާއުކޮށް ފޮނުވާލި ބޯޅަ ވްލަސިޗޭވް އަނަޓޯލީ ފޮނުވާލުމުން ދިޔައީ މަތިންނެވެ. ޔުނައިޓެޑް ވިކްޓްރީގެ ހަމަލާތަކަށް ފަހު އަލީ އަޝްފާގް (ދަގަނޑޭ) އޭރިޔާ ތެރެއިން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ކީޕަރު ރުސްލާން ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާ އިން މެޗުގައި ލީޑު ނެގި ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދަގަނޑޭ ދިން ބޯޅަ ހޯދުމަށް ފަހު ސެންޓޭ ހަމަޖެހިލާފައި ތިރިތިރިށް ގޯލަށް ވައްދާލީ ކައިރީގައި ހުރި އާދިލް އަބްދުއްރަހްމާން ކައިރިން ނައްޓާލާފަ އެވެ. ސެންޓޭގެ މި ގޯލަކީ 2015 ވަނަ އަހަރު ފެށި ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އިން ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. 2015 ވަނަ އަހަރު ވެލެންސިއާ އިން 25 ލަނޑު ކާމިޔާބު ކުރިއިރު 2016 ވަނަ އަހަރު ވަނީ 23 ލަނޑު ޖަހައިފަ އެވެ. 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެޓީމުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކޮށްފައެއްނުވެ އެވެ. އަދި، މިދިޔަ ސީޒަނުގައި އެ ކްލަބް ކުޅުނީ ދެ ވަނަ ޑިވިޝަނުގަ އެވެ.

ވެލެންސިއާގެ ބިޗަޑް ބޯޅަ ހިފައިގެން. މެޗުގައި މޮޅު ކުޅުމެއް ދައްކައި ލަނޑެއް ކާމިޔާބުކުރި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. އަރިމަތިން ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ނަގައިދިން ހުރަސް ދަގަނޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސެންޓޭ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު ރުސްލާން ވަނީ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަމަޖެހިލާފައި ގޯލުގެ ކަނަށް ވައްދާލައިގެން ވެލެންސިއާގެ ތިން ވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖެހީ ސެންޓޭ އެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ދަގަނޑޭ އަށް ކީޕަރު ރުސްލާން ފައުލްކުރި ކަމަށް ބުނެ ވެލެންސިއާގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު މެޗުގެ ރެފްރީ ހުސައިން ސިނާން ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މި ހާފުގައި ޔުނައިޓެޑް ވިކްޓްރީގެ އައްމަޑޭ އޭރިޔާތެރޭގައި ހުރެފައި ފޮނުވާލި ނުރައްކާތެރި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާގެ ހަތަރު ވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. ސެންޓޭ ޖައްސާލި ބޯޅަ އެއްފަހަރުން ޖަހައި ބިޗަޑް ގޯލުގެ ތެރެއަށް ފޮނުވާލީ ތިރިތިރިންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީގެ ފަރުހާދު އިސްމާއީލް (ފަރޭ) ގޯލުގެ މަތީ ކަނަށް ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލެންސިއާ އަށް ދެ ލަނޑު ކާމިޔާބުކޮށްދީ އިތުރު ލަނޑެއް ޖަހަން މަގުފަހިކޮށްދިން ސެންޓޭ އެވެ. ލީގުގައި މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.