ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާ ބަލިކުރެވިއްޖެނަމަ ޓީމު ހަމައަކަށް އެޅޭނެ: ޔުނައިޓެޑް ވިކްޓްރީ

ވެލެންސިއާ ބަލިކުރެވިއްޖެނަމަ ޓީމު ހަމައަކަށް އެޅޭނެ: ޔުނައިޓެޑް ވިކްޓްރީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ޑިސެމްބަރު 2020

މި ސީޒަނަށް އެކުލަވާލި ޔުނައިޓެޑް ވިކްޓްރީގެ ސްކޮޑް ވަރުގަދަވުމުން ކުޅުންތެރިންގެ އުއްމީދުތައް ހުރީ މަތީގައި ކަމަށާއި، މިއަދު ހަވީރު ކްލަބް ވެލެންސިއާ ބަލިކުރެވިއްޖެ ނަމަ އެޓީމު ހަމައަކަށް އެޅޭނެކަމަށް ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ސީޒަނަށް ކުރިމަތިލިއިރު ޔުނައިޓެޑް ވިކްޓްރީގެ އަމާޒަކީ ގަދަ ތިނެއްގައި ހިމެނުމެވެ. އެ ޓާގެޓަށް އެޓީމު ވިސްނާ އެންމެ ބޮޑު ސަބަބަކީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއީލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ގެ އިތުރުން ބިދޭސީ ހަތަރު ކުޅުންތެރިން އެޓީމަށް އިތުރުވުމެވެ. އެހެންނަމަވެސް ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 4-0 އިން ބަލިވެ އެޓީމުގެ ފެށުން އައީ ގޯސްކޮށެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ބުނީ ޓީމުގެ ކުޅުންތެރިންނަށް މިހާރު ކުރިމަތިވެފައިވާ ޕްރެޝަރަކީ ސްކޮޑް ވަރުގަދަވެ އުއްމީދުތައް މަތިވުން ކަމަށެވެ.

“މިދިޔަ އަހަރު ވެސް ޔޫވީގައި އޮތީ ރަނގަޅު ސްކޮޑެއް. އެކަމަކު މިއަހަރު ވީގޮތަކީ ނަން މަޝްހޫރު ކުޅުންތެރިންތަކެއް އައީމަ ކުރީގަ އިން ވަރަށްވުރެ މާބޮޑަށް އެކްސްޕެކްޓޭޝަން ހައިވީ ކުޅުންތެރިންގެ. އެހެންވީމަ އެ ޕްރެޝަރު ހަމައެކަނި ޓީމުގައި އުޅެނީ. އިރާދަކުރެއްވިއްޔާ ވެލެންސިއާއާ ކުޅޭ މެޗުގައި އަހަރެމެން މޮޅުވެގެން ތިން ޕޮއިންޓް ލިބޭ ހިސާބުން އެ ހުރިހާ އެއްޗެއް ބަރާބަރުވެގެންދާނެ. މޮޅެއްވާ ހިސާބުން ޓީމު ހަމަ ބަރާބަރަށް ނޯމަލްވެގެންދާނެ” މުހައްމަދު އާދަމް ބުންޏެވެ.

Exciting competition in week 2! ???? #DDPL pic.twitter.com/m2ewItPrf0

— Fahuminet (@fahuminet) December 18, 2020

ކޯޗު ބުނީ ކުޅުންތެރިން ގެންނަން އެފްއޭއެމުން ހުޅުވާލި އިތުރު ފުރުސަތުގައި އެންމެ ބޮޑު އެޑްވާންޓޭޖެއް ނެގީ ވެލެންސިއާއިން ކަމަށާއި، އެ މުއްދަތުގައި ހީނުކުރާ ކުޅުންތެރިންގެ ސޮއި އެ ކްލަބުން ހޯދިކަމަށެވެ. ވެލެންސިއާ ވަރުގަދަ ނަމަވެސް ޔުނައިޓެޑް ވިކްޓްރީ އަށް ހަމައެކަނި އޮތީ މޮޅުވުން ކަމަށް ކޯޗު ބުންޏެވެ.

“ޓާގެޓް ހާސިލްކުރަން ބޭނުންނަމަ ޔުނައިޓެޑް ވިކްޓްރީ އަށް ތިން ޕޮއިންޓް ނޫންގޮތެއް ނެތް. ޔުނައިޓެޑް ވިކްޓްރީ ނުކުންނާނީ ތިން ޕޮއިންޓް ހޯދަން” މިދިޔަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވި ކޯޗު ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓްރީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފޯވާޑް ސިލިޗް ކީރްލޯ އަނިޔާއިން ރަނގަޅުވެފައި ނުވުމެވެ. މިދިޔަ ސީޒަނުގައި އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ސިލިޗް ލީގުގެ ފުރަތަމަ މެޗުގައި ވެސް ހުރީ އަނިޔާގަ އެވެ. ކޯޗު ބުނީ ބިދޭސީ ފޯވާޑްގެ އިތުރުން ދިވެހި ފޯވާޑަށް ވެސް އަނިޔާވެފައިވާކަމަށާއި، އެޓީމުގައި “ރީޕްލޭސް” ކުރެވެން ނެތް ޑިޕާޓްމަންޓަކީ އެއީ ކަމަށެވެ.

މުހައްމަދު އާދަމް ގަބޫލުކުރާ ގޮތުގައި އާކުޅުންތެރިންތަކެއް ލައިގެން މެޗެއް ކުޅޭއިރު ޕްރެޝަރު ކުރިމަތިވެ މިސްޓޭކްތަކެއް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ ބުނީ މާޒިޔާ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން ޕްރެކްޓިހުގައި ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި “ފުރަތަމަ މެޗުގައި ދިމާވި ޕްރެޝަރު ދެ ވަނަ މެޗުގައި ދިމާނުވާނެ” ކަމަށެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!