ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާގެ ރަން ޒަމާން އަނބުރާ ގެންނަން އެބަޖެހޭ: އާތީ

ވެލެންސިއާގެ ރަން ޒަމާން އަނބުރާ ގެންނަން އެބަޖެހޭ: އާތީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ޑިސެމްބަރު 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލިބުނު މޮޅާ އެކު ހިތްހަމަޖައްސާލައިގެން ތިބެވެން ނެތްކަމަށާއި، ކުރީގެ ވެލެންސިއާ އަނބުރާ ގެންނަން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް މިއަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި މި ސީޒަނަށް ވެލެންސިއާ ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ލީގުގެ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ ދެ ވަނަ މެޗުގައި އެޓީމު މިއަދު ހަވީރު ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.

“ކުރީ މެޗުން ތިން ޕޮއިންޓް ލިބުނީމަ މިތިބީ ހިތްހަމަޖެހިގެން. އެހެންނަމަވެސް މި ހިތްހަމަޖެހުމަކުން ނެތް ނިންމާލެވޭކަށް. ވެލެންސިއާ އެބަޖެހޭ ކުރީގެ ވެލެންސިއާ ދެއްކޭތޯ މަސައްކަތްތަކެއް ކުރަން” ވެލެންސިއާގެ ރަން ދުވަސްތައް އަނބުރާ ގެންނަން ބޭނުންވާކަން ހާމަކުރަމުން ކޯޗު ބުންޏެވެ.

Exciting competition in week 2! ???? #DDPL pic.twitter.com/m2ewItPrf0

— Fahuminet (@fahuminet) December 18, 2020

އާތީ ބުނީ ޔުނައިޓެޑް ވިކްޓްރީ ޓީމު މިދިޔަ އަހަރު ވެސް ވަރުގަދަ ކަމަށާއި، އެޓީމަށް ރާއްޖޭގެ މަޝްހޫރު ދެ މިޑްފީލްޑަރުން ގެނައުމުން މިހާރު އިތުރަށް ވަރުގަދަވެފައިވާކަމަށެވެ.

“ޔުނައިޓެޑް ވިކްޓްރީއަކީ ވަރަށް ބެލެންސް ސްކޮޑެއް. ވަރަށް ބެލެންސް ޓީމެއް. މީ ވަރަށް ރަނގަޅު ޗެލެންޖަކަށް ވާނެ. ޔުނައިޓެޑް ވިކްޓްރީ އަޅުގަނޑުމެންނަށް ފަސޭހައެއް ނުވާނެ. ޔުނައިޓެޑް ވިކްޓްރީ ބަލިކުރަން ބޭނުމިއްޔާމު ވަރަށް މަސައްކަތްކުރަން ޖެހޭނެ” މީގެ ކުރިން ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކޯޗު ބުންޏެވެ.

އާތީ ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑް ވިކްޓްރީ އަކީ ލީގުގެ ގަދަ ތިން ޓީމުގައި ހިމެނޭ ފެންވަރުގެ ކްލަބެކެވެ. އެހެންވެ ވަރަށް ވިސްނައިގެން މަސައްކަތްކޮށްގެން ނޫނީ ނަތީޖާ ނެރެން އުނދަގޫވާނެކަން އޭނާ ފާހަގަކުރި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ކޯޗު އާތީ. އެޓީމުގެ ކުރީގެ މަގާމަށް ގެންނަން އޭނާ ބޭނުންވޭ.- ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ލީގުގައި ކޮންމެ ޓީމަކުން މެޗެއް ކުޅެފައިވީނަމަވެސް، އެއީ ޓީމުތަކުގެ ކޮލިޓީ ވަޒަންކުރެވޭނެ މެޗުތަކެއް ނޫންކަމަށާއި ކޮންމެ ޓީމެއްގެ ކުޅުން ވެސް ރަނގަޅުވަމުން އަންނާނެކަމަށް އާތީ ބުންޏެވެ. ދިގު ބްރޭކަކަށް ފަހު ސީޒަން އަލުން ފަށާފައިވާއިރު މެޗުތައް ރާވާލާފައިވަނީ ގާތްގާތުގައި ކުޅެންޖެހޭ ގޮތަށެވެ. އާތީ ބުނީ ތިން ދުވަހުން މެޗެއް ކުޅެން ޖެހުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި، އެކަމަށް ތައްޔާރުވާން ޖެހޭނީ ޓީމުތަކުން ކަމަށެވެ. ވިސްނަން ޖެހޭނީ ހަމައެކަނި ޓީމުތަކަށް ނޫންކަމަށާއި، ސީޒަން ކުރިއަށް ގެންދިއުމުގައި އެފްއޭއެމަށް ކުރިމަތިވާ ދަތިތަކަށް ވެސް ވިސްނަންޖެހޭނެ ކަމަށް އާތީ ބުންޏެވެ.

ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެ މެޗުގައި ވެލެންސިއާގެ ބިދޭސީ ފޯވާޑް ނުރިއޭވް ވްލަޑިސްލާވްގެ ބޭނުންކޮށްފައެއްނުވެ އެވެ. މީގެ އިތުރުން ސީޒަން ފެށެން ދެތިން ދުވަހަކަށް ވެފައިވަނިކޮށް ވެލެންސިއާއާ ގުޅުނު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ފުރަތަމަ މެޗުގެ ބެންޗުގައި ވެސް ހިމަނާފައެއްނުވެ އެވެ. އެ މެޗުގައި ފައިސަލް ޓީމުގައި ނުހިމެނި ސަބަބެއް ކަމަށް ބެލެވެނީ ޓީމާ އެކު އޭނާ ޕްރެކްޓިސް ކޮށްފައިނުވުމެވެ. އެކަމަކު ފައިސަލް މިހާރު އަންނަނީ ވެލެންސިގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

“ވެލެންސިއާ ސްކޮޑަކީ ވަކި މީހަކަށް ސްލޮޓް ހާއްސަކޮށްފަ އޮންނަ ސްކޮޑެއް ނޫން. ޕްރެކްޓިސްގައި ޕާފޯމްކުރާ ކުޅުންތެރިން ކުޅެމުންދާނީ” ފައިސަލްއާ ގުޅޭގޮތުން ސުވާލުކުރުމުން އާތީ ބުންޏެވެ.

ލީގުގައި ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!