މެޗުތެރޭގައި ބޮލަށް ލިބޭ ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުންތެރިއަކު ބަދަލުކުރަން ޖެހިއްޖެ ނަމަ އިތުރު ބަދަލެއް ކުރުމުގެ ފުރުސަތުދޭން ފުޓްބޯޅައިގެ ގަވައިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމުމުން އެގޮތަށް އަމަލުކުރަން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
ބޮލަށް ލިބޭ ސީރިއަސް އަނިޔާތަކުގެ ސަބަބުން ބައެއް ކުޅުންތެރިން ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އެގޮތަށް ކުޅުންތެރިއަކު ބަދަލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އާސެނަލް އާއި ވުލްވްސް ވާދަކުރި މެޗުގަ އެވެ. އެ މެޗުގައި ބޮލަށް ސީރިއަސް އަނިޔާތަކެއްވި ރައުލް ހިމެނޭޒް މިހާރު ހުރީ ކުޅުމާ ދުރުގަ އެވެ. އަދި ހިމެނޭޒްއާ އެކު ބޯޅަ ހޯދަން އެރިވަގުތު ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ މެޗުގައި އާސެނަލްގެ ޑޭވިޑް ލުއިޒް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
އައިއެފްއޭބީ އިން ބުނީ ފުޓްބޯޅައިގެ ގަވައިދަށް ގެންނަ މި ބަދަލުގެ ޓްރަޔަލް ޕްރޮސެސް ޖެނުއަރީ މަހު ކުރިއަށް ގެންދިއުމަށް ނިންމީ ފުޓްބޯޅައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކާ އެކު ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ކުރެވުނު މަޝްވަރާތަކަށް ފަހުގައި އެވެ.
އާ ބަދަލާ އެކު ކުޅުންތެރިއެއްގެ ބޮލަށް އަނިޔާއެއް ލިބިއްޖެނަމަ، ދެ ޓީމަށް ވެސް އިތުރު ބަދަލެއް ކުރުމުގެ ފުރުސަތުދޭނެ އެވެ. އެއީ ގަވައިދުގެ ތެރެއިން ދެޓީމަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމުގެ ގޮތުން ނިންމި ގޮތެކެވެ. މި ބަދަލު ގެންނަން އެންމެ ފުރަތަމަ ނިންމީ މިއަހަރު ޖަޕާނުގައި ބާއްވަން އޮތް ޓޯކިޔޯ އޮލިމްޕިކްސްގަ އެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ ގޭމްސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ވުލްވްސްގެ ހިމެނޭޒްގެ ބޮލަށް އަނިޔާވުމުން ކުޅުންތެރިން ފަރުވާއަށް އެދެނީ. ބޮލަށް ލިބޭ އަނިޔާގެ ސަބަބުން އިތުރު ބަދަލެއް ގެނެވޭގޮތަށް ފުޓްބޯޅައިގެ ގަވައިދު ހަދާ އައިއެފްއޭބީ އިން ވަނީ ނިންމާފައި
އައިއެފްއޭބީގެ ނިންމުމާ ގުޅިގެން އިނގިރޭސި އެފްއޭ އިން ކުރި ޓްވީޓެއްގައި ބުނީ އާ ބަދަލުގެ ޓްރަޔަލް ޖެނުއަރީ މަހު ކުރިއަށްގެންދާނީ އިނގިރޭސި އެފްއޭ ކަޕާއި، ވިމެންސް ސުޕަ ލީގުގެ އިތުރުން ވިމެންސް އެފްއޭ ކަޕް އަދި ވިމެންސް ޗެމްޕިއަންޝިޕްގައި ކަމަށެވެ.
މި ބަދަލުގެ އިތުރުން އައިއެފްއޭބީ އިން ވަނީ މެޗެއްގައި ފަސް ބަދަލުކުރެވޭ އުސޫލުގެ މުއްދަތު އިތުރުކޮށްފަ އެވެ. މިގޮތުން ޑޮމެސްޓިކް މުބާރާތްތަކުގައި ފަސް ބަދަލު ގެނައުން އަންނަ އަހަރު ނިޔަލަށް ދިގުދަންމާފައިވާއިރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ގަވައިދު ތަންފީޒުކުރެވޭނެ އެވެ. އެހެންނަމަވެސް ފަސް ބަދަލުގެ ގަވައިދު ކުރިއަށް ގެންދިއުމާ މެދު ގޮތް ނިންމާނީ އެ ގައުމެއްގެ ލީގުގައި ކުޅޭ ކްލަބްތަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން އިއްޔެ ވަނީ އަނެއްކާ ވެސް ފަސް ބަދަލުގެ ގަވައިދަށް ދެކޮޅު ހަދައިފަ އެވެ. މިއީ އިނގިރޭސި ލީގުގެ މެޖޯރިޓީ ކްލަބްތަކުން މި ބަދަލަށް ދެކޮޅު ހެދި ތިން ވަނަ ފަހަރެވެ. އެހެންނަމަވެސް ބެންޗުގައި ތިބޭ ކުޅުންތެރިންގެ އަދަދު ހަތަކުން ނުވަޔަކަށް ބަދަލުކުރަން ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ. މި ބަދަލަށް މާދަމާއިން ފެށިގެން އިނގިރޭސި ލީގުގައި އަމަލުކުރަން ފަށާނެ އެވެ.
ފަސް ބަދަލު ގެނައުމަށް މެޖޯރިޓީ ކްލަބްތައް ދެކޮޅު ހެދުމަކީ ހައިރާންކަން ލިބުނު ކަމެއްކަމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އިނގިރޭސި އެފްއޭ ކަޕްގައި ފަސް ބަދަލު ކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.