ފުރަތަމަ ސަފްޙާ / ޚަބަރު / ރޫނީގެ ދަރިފުޅު މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި

ރޫނީގެ ދަރިފުޅު މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 ޑިސެމްބަރު 2020

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ތަރި ވޭން ރޫނީ ގެ ދަރިފުޅު ކައި ޔުނައިޓެޑަށް ސޮއިކޮށްފި އެވެ. އުމުރުން 11 އަހަރުގެ ކައި އެއްބަސްވުމެއްގައި ސޮއިކުރާ މަންޒަރު ދައްކައިދޭ ފޮޓޯއެއް މީޑިއާގައި އާންމުވެފައިވާއިރު އެ ފޮޓޯގައި ރޫނީ އާއި އޭނާގެ އަންހެނުން ކޮލީންވެސް ކައިގެ ގާތުގައި ތިއްބައި ފެންނަން ހުއްޓެވެ.

ރޫނީގެ ދަރިފުޅު ޔުނައިޓެޑްގެ އެއްބަސްވުމެއްގައި ސޮއިކުރާ މަންޒަރުގެ އިތުރުން ރޫނީގެ ނަންޖަހައިފައިވާ ޔުނައިޓެޑްގެ ދިހަ ނަންބަރު ޖާޒީ އެއް ކައި ދައްކާލާ މަންޒަރު ފެންނަ ފޮޓޯ އެއްވެސް ވަނީ މީޑިއާގައި އާންމުވެފަ އެވެ. ދިހަ ނަންބަރަކީ ޔުނައިޓެޑްގައި ވޭން ރޫނީ ބޭނުންކުރި ނަމްބަރެވެ.

ރޫނީގެ ދަރިފުޅު ޔުނައިޓެޑާ ގުޅުމާއެކު އިންސްޓަގްރާމްގައި ރޫނީ ކުރި ޕޯސްޓެއްގައި ލިޔެފައިވަނީ އެއީ އޭނާއަށް ވަރަށް ބޮޑު ފަހުރެއް ލިބުނު ދުވަހެއް ކަމަށެވެ. އަދި ކައި ކުރަމުން އަންނަ ބުރަ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިއުމަށް ދަރިފުޅުގެ ކިބައިން ރޫނީ އެ ޕޯސްޓްގައި އެދިފައިވެ އެވެ.

2004 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކުޅެފައިވާ ރޫނީ ވަނީ ޔުނައިޓެޑްގެ ޖޯޒީގައި 559 މެޗް ކުޅެ 253 ގޯލު ޖަހައިފަ އެވެ. ރޫނީ އަކީ މިހާތަނަށް ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!