އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ޕޮއިންޓަކާއެކު ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ޓޭބަލްގެ ހަވަނައަށް ކުރިއަށް ޖެހިލައިފި އެވެ. ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-3 އިންނެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ރޭ ހޯދި މޮޅަކީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި އެ ޓީމުން ހޯދި ހަވަނަ މޮޅެވެ. މިފަހަރުގެ ލީގުގައި އަދި މިހާތަނަށް ޔުނައިޓެޑުން ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ރޭގެ މެޗަކީ ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ކުޅެގެން ޖެހިޖެހިގެން އެ ޓީމުން ކާމިޔާބުކުރި ދިހަ ވަނަ މެޗެވެ.
ރޭގެ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި ނަމަވެސް އެ ޓީމަށް މެޗުގެ ކުރީކޮޅުއާ ފަހުކޮޅު ބޮޑެތި ކަންބޮޑުވުންތަކާ ކުރިމަތިލާންޖެހުނެވެ. މެޗުގެ ފުރަތަމަ ލަމޑު ޖަހައި ލީޑު ނެގީ ޝެފީލްޑް ޔުނައިޓެޑުންނެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޝެފީލްޑް ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރ ޑީން ހެންޑަސަނަ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޝެފީލްޑް ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފަސްވަނަ މިނެޓްގައި އެ ޓީމުގެ ފޯވާޑް އޮލިވަރ ބާކޭ އެވެ. އޭގެ ފަހުން ޝެފީލްޑް ޔުނައިޓެޑްގެ ޖޯން ފްލެކް އަށް މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްލަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭގެ ނަތީޖާ އަކަށްވީ ޔުނައިޓެޑުން ހިތްވަރު ހޯދައި އެޓީމުގެ ކުޅުން ހަމައަކަށް އެޅުވުމެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ޑިފެންޑަރު ވިކްޓާ ލިންޑެލޯފް ދިން ބޯޅައަކުން ކާމިޔާބުކުރީ ފޯވާޑް މާކަސް ރެޝްފޯޑެވެ. އަދި އޭގެ ހަތް މިނެޓް ފަހުން ޔުނައިޓެޑްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ދިން ޕާހަކުން އެންތަނީ މާޝިއަލް ގޯލު ޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދިނެވެ. ޔުނައިޓެޑަށް މެޗުގައި ލީޑު ފުޅާކޮށްދިން ލަނޑު 51 ވަނަ މިނެޓްގައި މާޝިއަލް ދިން ބޯޅައަކުން އަނެއްކާވެސް ކާމިޔާބުކުރީ އުމުރުން 23 އަހަރުގެ އިނގިރޭސި ފޯވާޑް ރެޝްފޯޑެވެ. މިއީ މި ސީޒަންގައި ޔުނައިޓެޑަށް ރެޝްފޯޑް ކާމިޔާބުކޮށްދިން 12 ވަނަ ގޯލެވެ. އަދި، މިއީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއަރ މަގާމާ ހަވާލުވިފަހުން ޔުނައިޓެޑްގެ ޖޯޒީގައި ކާމިޔާބުކުރި 43 ވަނަ ގޯލެވެ. ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު މަގާމުން ވަކިވި ފަހުން އެއް ކޯޗެއްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑްގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް އެ އަދަދަށް ގޯލު ޖެހިފައެއް ނުވެ އެވެ.
ޔުނައިޓެޑުން ރޭގެ މެޗު ހިތްހަމަޖެހުމާއެކު ނިންމާލަން މަސައްކަތްކުރަނިކޮށް މެޗު ނިމެން ތިން މިނެޓަށް ވެފައި އޮއްވައި ޝެފީލްޑް ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ މެކް ގޯލްޑިރިކް ބޮލުން ޖަހައި ޔުނައިޓެޑް ގެ ގޯލަށް ބޯޅަ ވައްދާލުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ޔުނައިޓެޑަށް ކުރިމަތިވި އެވެ. އެކަމަކު މެޗު ނިމުނީ ފަހު ވަގުތު ޝެފީލްޑް ޔުނައިޓެޑުން ޖެހި ލަނޑުގެ ފައިދާ އެ ޓީމަށް ނުނެގި އުޅެނިކޮށެވެ
ރޭގެ ނަތީޖާއާއެކު 23 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަވަނައިގައި ޔުނައިޓެޑް އޮތްއިރު އެޓީމާއި އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ އެންމެ ފަސް ޕޮއިންޓްގެ ފަރަގެކެވެ. އެކަމަކު ޔުނައިޓެޑަށްވުރެ އިތުރަށް ލިވަޕޫލުން ވަނީ އެއް މެޗު ކުޅެފަ އެވެ. ދެން އެންމެ އަވަހަށް މެންޗެސްޓަރ ޔުނައިޓެޑުން ލީގުގައި ކުޅެން ޖެހޭ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.