ފުރަތަމަ ސަފްޙާ / ޚަބަރު / މިލާންގެ ދެ ޓީމާ ގާތްކުރަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފި

މިލާންގެ ދެ ޓީމާ ގާތްކުރަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 ޑިސެމްބަރު 2020

އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ވާދަކޮށް ޔުވެންޓަސް 1-1 އިން އެއްވަރުވުމުން އެން ވަނައިގައި އޮތް އޭސީ މިލާނާއި ދެ ވަނައިގައި އޮތް އިންޓަ މިލާނާ ޕޮއިންޓުގެ ގޮތުން ގާތްކުރަން ލިބުނު ފުރުސަތު އެޓީމަށް ގެއްލިއްޖެ އެވެ.

ލީގުގައި ރޭ އޭސީ މިލާން ރަށުން ބޭރުގައި ޖެނޯއާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އިންޓަ އިން ރޭ ވަނީ 1-0 އިން ނަޕޯލީ ބަލިކޮށްފަ އެވެ. ރޭގެ މެޗުތަކަށް ފަހު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޭސީ މިލާން އޮތީ 12 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. އިންޓަ 27 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.

ރޭގެ މެޗާ އެކު ޔުވެންޓަސް އިން ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ހަ މެޗު އެއްވަރުވީ އެވެ. އެޓީމު މެޗަކުން ބަލިވެފައި ނުވިނަމަވެސް ގިނަ މެޗުތަކެއް އެއްވަރުވުމަކީ ކޯޗު އަންދްރޭ ޕިރްލޯ އަށް އޮތް ބޮލުގަރިހުމެކެވެ. ރޭގެ މެޗުގައި އެޓަލާންޓާ ކޮޅަށް ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖެހީ ފެޑެރިކޯ ޗިއޭސާ އެވެ. މިއީ ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ޗިއޭސީ ޖެހި ފުރަތަމަ ލަނޑެވެ. އެޓަލާންޓާ އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ރީމޯ ފްރެއުލާ ޖެހީ 25 ޔާޑު ދުރުންނެވެ. މެޗުގެ ފަހު ވަގުތުގައި ޔުވެންޓަސްގެ ޗިއޭސާ އަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލުމުން އެޓަލާންޓާގެ ގޯލްކީޕަރު އެ ބޯޅަ ވަނީ މަތަކޮށްފަ އެވެ. އިޓާލިއަން ލީގުގައި ރޮނާލްޑޯ މިހާތަނަށް 24 ޕެނަލްޓީ ޖަހާފައިވާއިރު 21 ޕެނަލްޓީ ވަނީ ވައްދާލައިފަ އެވެ. ބޭކާރުވީ ތިން ޕެނަލްޓީ އެވެ.

އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޖެނޯއާ އިންނެވެ. އެޓީމުގެ މަޓިއާ ޑެސްޓްރޯ ގޯލު ޖަހާފައިވަނިކޮށް މިލާނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ ޑޭވިޑޭ ކަލަބްރިއާ އެވެ. 1-1 ގައި ނަތީޖާ އޮއްވައި ޖެނޯއާ އަށް ލީޑު ނަގައިދިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޑެސްޓްރޯ އެވެ. އެކަމަކު މެޗުގެ 83 ވަނަ މިނެޓުގައި އޭސީ މިލާންގެ ޕިއޭ ކަލުލޫ ވަނީ ލަނޑެއް ޖަހައި މިލާނަށް ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.

ނަޕޯލީއާ ވާދަކުރި މެޗުން އިންޓަ މޮޅުވީ މެޗުގެ 73 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ވައްދާލީ ޕެނަލްޓީންނެވެ. މެޗުގައި ނަޕޯލީ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ 71 ވަނަ މިނެޓުގައި ފޯވާޑް ލޮރެންޒޯ އިންސީނިއޭ އަށް ސީދާ ރަތް ކާޑެއް ދެއްކުމެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަޕޯލީ އިން މެޗުގެ ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ރޭގެ ގޯލާ އެކު ލީގުގައި މިހާތަނަށް 10 ލަނޑު ހަމަކޮށް ލުކާކޫ ވަނީ ލަނޑު ލިސްޓުގެ އެއް ވަނައިގައި އުޅޭ ކުޅުންތެރިންނާ އެއްވަރުކޮށްފަ އެވެ. ލުކާކޫގެ އިތުރުން ލީގުގައި 10 ލަނޑު ޖަހާފައިވަނީ ޒަލަޓަން އިބްރަހިމޮވިޗް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!