ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އިން އެއް ވަނައިގައި އޮތް ސޮސިއެޑާޑް ބަލިކޮށްފި

ބާސެލޯނާ އިން އެއް ވަނައިގައި އޮތް ސޮސިއެޑާޑް ބަލިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 ޑިސެމްބަރު 2020

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އަތުން ބާސެލޯނާ ރޭ މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ސޮސިއެޑާޑުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކާ އެކު 2-1 އިންނެވެ.

މި މޮޅަކީ މިފަހަރު ލީގު ދަށްކޮށް ފެށި ބާސެލޯނާ އަށް ވަރަށް މުހިއްމު މޮޅެކެވެ. މެޗުން ހޯދި ތިން ޕޮއިންޓާ އެކު 12 މެޗުން 20 ޕޮއިންޓް ހަމަކޮށް ބާސެލޯނާ ވަނީ ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އަނެއްކޮޅުން ރޭ ބާސެލޯނާ އަތުން ބަލިވުމުން ސޮސިއެޑާޑް މިހާރު ވަނީ ގޯލުގެ ތަފާތުން ލީގުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެޓީމާއި އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އަދި ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑުން ވަނީ 26 ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު ސޮސިއެޑާޑުން މިހާރު ވަނީ އެތުލެޓިކޯ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ.

ރޭގެ މެޗުގައި ތިން ގޯލު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ސޮސިއެޑާޑުން ލީޑު ނެގީ ވިލިއަން ޖޯސޭ ޖެހި ގޯލުންނެވެ. ބާސެލޯނާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯޑީ އަލްބާ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާ މޮޅުވި ގޯލު ޖެހީ ނެދަލެންޑްސްގެ ޑިފެންޑަރު ފްރޭންކި ޑި ޔޮން އެވެ. މި ގޯލު އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ރެފްރީ ނިންމި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފަ އެވެ. މިއީ މި ސީޒަނުގައި ޑި ޔޮން ބާސެލޯނާ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ދެ ގޯލުގެ އިތުރުން ބާސެލޯނާގެ އޮންޓުއަން ގްރީޒްމަން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވިއިރު ގޯލު ޖަހާނެ އިތުރު ފުރުސަތެއް ވެސް ގްރީޒްމަން އަތުން ބޭކާރުވި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!