ފުރަތަމަ ސަފްޙާ / ޚަބަރު / ވުލްވްސް އަތުން ޗެލްސީ ބަލިވިއިރު ސިޓީ ވީ އެއްވަރު

ވުލްވްސް އަތުން ޗެލްސީ ބަލިވިއިރު ސިޓީ ވީ އެއްވަރު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 ޑިސެމްބަރު 2020

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވުލްވްސްއާ ވާދަކުރި މެޗުން ޗެލްސީ 2-1 އިން ބަލިވިއިރު އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ 1-1 އިން އެއްވަރުވެ މެންޗެސްޓަރ ސިޓީ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މޮޅެއް ނުލިބުމުން ޗެލްސީ އާއި ސިޓީ އަށް ވަނީ ތާވަލުގެ ކުރީގައި އޮތް ޓީމުތަކާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ރޭގެ މެޗުން މޮޅުވެގެން އެއް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެ ވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމުގެ ފުރުސަތު ޗެލްސީ އަށް އޮތީ ލިބިފަ އެވެ. އެކަމަކު ބަލިވުމުން އެޓީމު މިހާރު އޮތީ ކުޅުނު 13 މެޗުން ލިބުނު 22 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ. ސިޓީ އޮތީ 12 މެޗުން ހޯދި 20 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ޗެލްސީ އަތުން މޮޅުވެ ވުލްވްސް މިހާރު ވަނީ 20 ޕޮއިންޓް ހަމަކޮށް 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސިޓީ އަތުން ހޯދި މުހިއްމު ޕޮއިންޓާ އެކު 19 ވަނައިގައި އޮތް ވެސްޓް ބްރޮމް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ރޭ ޗެލްސީން ވަނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފަ އެވެ. އެކަމަކު ގޯލާ އަމާޒުކޮށް އެޓީމަށް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. އެންމެ ރަނގަޅު ފުރުސަތުގައި ކާޓް ޒޫމާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ޗެލްސީ އަށް ލީޑު ނަގައިދިން ލަނޑު ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ޖެހީ އޮލިވިއޭ ޖިރޫޑް އެވެ. ޖިރޫޑްގެ މި ގޯލު ރެފްރީ ބަލައިގަތީ ގޯލްލައިން ޓެކްނޮލޮޖީގެ އެހީއާ އެކު އެވެ. ޗެލްސީ ލީޑުގައި އޮއްވައި ވުލްވްސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑެނިއެލް ޕޮޑެންސް އެވެ. މެޗުގެ ފަހުކޮޅު ޗެލްސީގެ ރީސް ޖޭމްސް ވުލްވްސްގެ ޕެޑްރޯ ނެޓޯ އަށް ފައުލުކުރި ކަމަށް ބުނެ ރެފްރީ ވަނީ ވުލްވްސް އަށް ޕެނަލްޓީއެއްދީފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ފަހުން ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ. އެ ފުރުސަތު ގެއްލުނު ނަމަވެސް 20 އަހަރުގެ ނެޓޯ ވަނީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ގޯލެއް ޖަހައި އެޓީމު މެޗުން މޮޅުކޮށްދީފަ އެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި އެވަޓަން އަތުން ރަށުން ބޭރުގައި ކުޅުނު މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފަ އެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ޑިސެމްބަރުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އޭނާގެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެންނަ ކަމަށެވެ.

“އަހަރެމެން އެވަޓަން އަށް ދަތުރުކޮށްފަ އަނެއްކާ ވުލްވްސް އަށް އައިސް މެޗު މި ކުޅުނީ. ޓީމުގައި އަނިޔާގެ ބައެއް މައްސަލަތައް ހުރުމާއެކު ބައެއް ޑިޕާޓްމަންޓްތަކުން ކުޅުންތެރިން ބަދަލުކުރެވޭކަށް ނެތް” މެޗަށް ފަހު ލަމްޕާޑް ބުންޏެވެ.

މެންޗެސްޓަރ ސިޓީ އިން މޮޅެއް ހޯދާނެކަމަށް ބެލެވުނު މެޗުގައި ވެސްޓް ބްރޮމް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ސިޓީގެ ހަމައެކަނި ގޯލް ރަހީމް ސްޓާލިން ނަގައިދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އިލްކާއީ ގުންޑޮގާން އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލުން މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފަ އެވެ.

ދެ ވަނަ ހާފުގައި ސިޓީން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ވަނީ ބޭކާރުވެފަ އެވެ. މެޗުގެ ފަހުކޮޅު ސިޓީގެ ގުންޑޮގާން އާއި ސްޓާލިން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވީ ވެސްޓް ބްރޮމްގެ ގޯލްކީޕަރު ސަމް ޖޯންސްޓަން އެވެ.

“މިއީ ވަރަށް ދިގު ސީޒަނަކަށް ވާނެ އެކަމަކު ލީގަށް ވާދަކުރާނަމަ މި މެޗުތަކުން ސިޓީ ޖެހޭނެ މޮޅުވާން. އަހަރެމެން ފުރުސަތުތައް ތަނަވަސްކޮށް މެޗު ކޮންޓްރޯލް ކުރިން. އެކަމަކު އެންމެ މުހިއްމީ މޮޅުވުން” އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ނުތަނަވަސްވެފައި ހުރި ގާޑިއޯލާ މެޗަށް ފަހު ބުންޏެވެ.

ލީގުގައި މިރޭ ހަ މެޗު ކުޅޭނެ އެވެ. 11 ޖަހާއިރު ފަށާ ތިން މެޗުގެ ތެރެއިން އެއް މެޗުގައި އާސެނަލް އިން ސައުތެމްޓަންއާ ދެކޮޅަށް ނުކުންނައިރު ދަންވަރު ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ތާވަލުގެ ކުރީގައި އުޅޭ ޓޮޓެންހަމް އާއި ލިވަޕޫލް ވާދަކުރާ މެޗެވެ. .

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!