ފުރަތަމަ ޑިވިޝަނަށް އަލުން ކޮލިފައިވެ ކްލަބް ވެލެންސިއާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަމައެކަނި ގޯލާ އެކު 1-0 އިން މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން އެޓީމު މޮޅުވެއްޖެ އެވެ.
2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވުމުން ވެލެންސިއާ މިދިޔަ ސީޒަނުގައި ކުޅުނީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެޓީމު އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އާފެށުމަކުން އެޓީމު ފުރަތަމަ ޑިވިޝަން ފެށިއިރު މެޗުގައި އެންމެ މޮޅު ކުޅުމެއްދެއްކީ 15 އަހަރު ފަހުން އެޓީމާ އަލުން ގުޅުނު ދަގަނޑޭ އެވެ. މެޗުގެ ހަމައެކަނި ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ދަގަނޑޭ އެވެ.
މެޗަށް ނުކުތް ވެލެންސިއާ ޓީމުގެ ފުރަތަމަ އެގާރައިގައި ދަގަނޑޭގެ އިތުރުން އެޓީމާ އަލަށް ގުޅުނު އަލީ ފާސިރު (ސެންޓޭ) ވަނީ ހިމަނައިފަ އެވެ. އެކަމަކު ސީޒަން ފެށެން ގާތްވެފައިވަނިކޮށް އެޓީމާ ގުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ޓީމު ލިސްޓުގައި ހިމަނާފައެއްނުވެ އެވެ. ވެލެންސިއާގެ ގޯލު ބެލެހެއްޓީ މިހާރު ގައުމީ ސްކޮޑުން ވެސް ފުރުސަތު ހޯދާފައިވާ މުހައްމަދު ޝަފީއު (ޗެކް) އެވެ. ފުރަތަމަ އެގާރައިގައި ބިދޭސީ ޑިފެންޑަރަކާއި ބިދޭސީ މިޑްފީލްޑަރެއް ކުޅުނުއިރު ފޯވާޑް ނުރިއޭވް ވްލަޑިސްލާވް އިނީ ބެންޗުގަ އެވެ. ގްރީން ސްޓްރީޓްސް ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ބިދޭސީ ތިން ކުޅުންތެރިން ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން ވަނީ ރަނގަޅަށް ކުޅެ ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެޓީމުން އުފެއްދި ހުރިހާ ހަމަލާއެއްގައިހެން އެންމެ މުހިއްމު ދައުރެއް އަދާކުރީ ދަގަނޑޭ އެވެ. މެޗުގައި ދަގަނޑޭ ވެލެންސިއާ އަށް ލީޑު ނަގައިދިނީ 26 ވަނަ މިނެޓުގަ އެވެ. އޭރިޔާ ތެރެއިން ދަގަނޑޭ އަށް ލިބުނު ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލީ ކައިރީގައި ހުރި ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލް ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށް ފަހު އެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މުސްލިހް މުހައްމަދަށެވެ. އެކަމަކު އޭރިޔާތެރޭ ހުސްކޮށްހުރެ މުސްލިހް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މެޗުގެ ދެ ވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. މި ހާފުގެ ކުރީކޮޅު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ފޯވާޑް އަބްދުﷲ ޔާމީން (ޔާން) ގެ ބަދަލުގައި ހަސަން ނަޒީމް (ޗޯޓު) ކުޅެން އަރުވައިފި އެވެ. ކުޅެން އެރިތާ ގިނައިރުތަކެއް ނުވެ ޗޯޓު އަށް ގޯލު ޖަހަން ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ވެލެންސިއާގެ ޑިފެންޑަރު ހުސެއިން ފައިސަލް ބްލޮކްކުރިއިރު އޭގެ އިރުކޮޅެއް ފަހުން ޗޯޓު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ތިރިތިރިން ބޭރަށެވެ.
މި ހާފުގައި ގްރީން ސްޓްރީޓްސް އިން އުފެއްދި ހަމަލާތަކުގެ އަދަދު މަދުވި ނަމަވެސް ދަގަނޑޭ އާއި ސެންޓޭ އެކުވެގެން ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. އެކަމަކު އެ ދެކުޅުންތެރިން އަތުން ގެއްލުނު ބޯޅަ އޭރިޔާ ބޭރުން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މެޗުގެ ފަހުކޮޅު ވެލެންސިއާ އަށް ވަނީ ކައުންޓަ އެޓޭކުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ދަގަނޑޭ ހުސްކޮށްލާފައި އަހުމަދު ރިލްވާނަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އިބްރާހީމް ލަބާން ޝަރީފް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
ލީގުގެ ދެ ވަނަ ހަފްތާގެ މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އެވެ. އެރޭ ބައްދަލުކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ. އާދީއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.