ފުރަތަމަ ސަފްޙާ / ޚަބަރު / ދަ ގްރާންޑޭ އިން ޓީސީ ބަލިކޮށް ފެށުން ރަނގަޅުކޮށްފި

ދަ ގްރާންޑޭ އިން ޓީސީ ބަލިކޮށް ފެށުން ރަނގަޅުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ޑިސެމްބަރު 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

އާ ސީޒަނާ މި ދެޓީމުން ކުރިމަތިލިއިރު މުހިއްމު ކުޅުންތެރިންތަކެއް ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ފުރަތަމަ އެގާރައިގައި އަޒަރުބައިޖާނުގެ ގޯލްކީޕަރު މަމަދޯވް އަޒެދް އެލްމަދިން ނޫން ދެން ހިމެނުނީ ހުސް ދިވެހި ޒުވާން ކުޅުންތެރިންނެވެ. އެޓީމުގައި ހިމެނުނު އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ކެޕްޓަން މުހައްމަދު އައްޒާމް އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދަ ގްރާންޑޭ ދޫކޮށް ކްލަބް ވެލެންސިއާ އަށް ބަދަލުވުމުން ދަ ގްރާންޑޭގެ ގޯލު މިއަދު ބެލެހެއްޓީ ޒުވާން ކީޕަރު އިޔާން އަބްދުލް އަލީމް އެވެ. އެޓީމުގައި ބިދޭސީ ތިން ކުޅުންތެރިން ހިމެނުނުއިރު އުމަރުޖޮނޯވް އަކްރޯރް އާއި ކޮމިލޯވް އަބްދުލްރަސަލް އަކީ މިދިޔަ ސީޒަނުގައި އީގަލްސް އިން ފެނުނު ދެ ކުޅުންތެރިންނެވެ. ދެން ހިމެނުނީ އުޒްބަކިސްތާނަށް ނިސްބަތްވާ ފޯވާޑް ކައިދަރޯވް އޮޓަބެކް އެވެ.

https://twitter.com/fahuminet/status/1338502383958048771

މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ޓީސީން ވަނީ ފޯވާޑް މުހައްމަދު ދާނިޝް އިބްރާހީމްގެ ބަދަލުގައި ސްރީ ލަންކާގެ ޑިފެންޑަރު ޔޮގެންޑްރަން ޑަކްސަން ޕުސްލަސް ކުޅެން އަރުވައިފަ އެވެ. އޭގެ މިނެޓެއް ފަހުން ޕުސްލަސް ކުރި ފައުލަކަށް ދަ ގްރާންޑޭ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ގާސިމް ސައްމާމް (ސައްމެ) ފޮނުވާލި މި ޕެނަލްޓީ ޓީސީގެ އަޒަރުބައިޖާން ކީޕަރު ވަނީ މަތަކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނުގެ ފުރުސަތު ގެއްލުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 36 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކުރި އިބްރާހީމް ނޫރައްދީން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮޓަބެކް އެވެ.

މިއަދުގެ މެޗުގައި ޓީސީގެ އައްޒާމް ބޯޅަ ފޮނުވާލަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޓީސީގެ ފެށުން ގޯސްވިއިރު މިއީ 2015 ވަނަ އަހަރު ލީގުގައި ވާދަކުރަން ފެށިފަހުން ފުރަތަމަ މެޗުގައި އެޓީމަށް ލަނޑެއް ނުޖެހުނު ފުރަތަމަ ސީޒަނެވެ. އަދި މިއީ ލީގުގައި ވާދަކުރަން ފެށިފަހުން ފުރަތަމަ މެޗުން ޓީސީ ބަލިވި ތިން ވަނަ ސީޒަނެވެ. ދަ ގްރާންޑޭއިން ވަނީ މިދިޔަ ސީޒަނުގައި ވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ދަ ގްރާންޑޭއިން ވާދަކުރާ ދެ ވަނަ ސީޒަނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މި މެޗުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު މި ނޫހުން ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!