ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާ ފޯމަކަށް އެޅެން ދުވަސްކޮޅެއް ނަގާނެ: އާތީ

ވެލެންސިއާ ފޯމަކަށް އެޅެން ދުވަސްކޮޅެއް ނަގާނެ: އާތީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ޑިސެމްބަރު 2020

ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ވެލެންސިއާގައި އޮތީ ލީގުގައި ވާދަކުރެވޭވަރުގެ ސްކޮޑެއް ކަމަށާއި، އެކަމަކު އެޓީމު ފޯމަކަށް އެޅެން ދުވަސްކޮޅެއް ނަގާނެކަމަށް އެޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ވެލެންސިއާ އިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މި ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވެލެންސިއާ އިން ވަނީ މަޝްހޫރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާ އެކު ވަރުގަދަ ޓީމެއް އެކުލަވާލައިފަ އެވެ. އާތީ ބުނީ މިރޭ ގްރީން ސްޓްރީޓްސްއާ ކުޅެން އެޓީމު ތައްޔާރަށް އޮތްނަމަވެސް ބޭނުންވާވަރަށް ތައްޔާރުވަން އަދި ވަގުތު ނަގާނެ ކަމަށެވެ.

“އަޅުގަނޑުމެން އަދި ބޭނުންވާވަރަށް ޓީމަށް ތައްޔާރުކުރަން އަދި އެބަ ނަގާ ވަގުތުކޮޅެއް. އެއީ އަޅުގަނޑުމެންގެ ޓީމު ފެށީ ވަރަށް އާދައިގެ ޓީމެއްގެ ގޮތުގައި. ފައްޓައިގެން ގޮސް މެޗަށް އަންނަން 10 ވަރަކަށް ދުވަހަށްވީއިރު އަޅުގަނޑުމެންނަށް ހެޔޮވަރު ސްކޮޑެއް މި ލިބުނީ. އެއީ މެނޭޖްމަންޓުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ސަޕޯޓެއް ދީގެން އެހީތެރިކަމާ އެކު އަޅުގަނޑުމެން މިހާރު މިއޮތީ ލީގުގައި ވާދަކުރެވޭ ވަރުގެ ސްކޮޑެއް ލިބިފަ” މިދިޔަ ސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން އާތީ ބުންޏެވެ.

Finally, Dhivehi Premier League football 2020-21 starts this afternoon! ???????????? pic.twitter.com/PQKrg5j2ol

— Fahuminet (@fahuminet) December 13, 2020

ވެލެންސިއާ އިން ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެޓީމަށް ގެނެސްފަ އެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވެލެންސިއާ އިން ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސައިން ނިޒާޔް (ބޮކުރީ) ވެސް ވެލެންސިއާގެ ޓީމުން ފެންނާނެ އެވެ. މި ކުޅުންތެރިންގެ އިތުރުން މިދިޔަ ސީޒަނުގެ ފަހުކޮޅު މާޒިޔާ އަށް ކުޅުނު މުހައްމަދު ސާމިރު އާއި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު އަލީ ސަމްދޫހް މުހައްމަދު ވަނީ ވެލެންސިއާއާ ގުޅިފަ އެވެ. ހުނަރުވެރި ދިވެހި ކުޅުންތެރިން ހިމެނޭ ވެލެންސިއާގެ ސްކޮޑަށް ބިދޭސީ ކުޅުންތެރިން އިތުރުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

“އަޅުގަނޑުމެން މި ސްކޮޑް އެކުލަވާލަން ނަގާނެ 15 ވަރަކަށް ދުވަސް. އެހެންނަމަވެސް ގްރީން ސްޓްރީޓްސް މެޗަށް އަޅުގަނޑުމެން މިތިބީ ތައްޔާރުވެގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގްރީން ސްޓްރީޓްސް މެޗުން މޮޅުވާނަން” އާތީ ބުންޏެވެ.

ވެލެންސިއާގައި ވަރުގަދަ ސްކޮޑެއް އޮތުމާ އެކު އެޓީމު މިފަހަރުގެ ލީގަށް ވާދަކުރާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އާތީ ބުނީ ލީގުގައި ބަލި ނުކުރެވޭނެ ނުވަތަ ބަލިނުވާނެ ޓީމެއް ނޯންނާނެ ކަމަށެވެ.

“އަޅުގަނޑަށް ހީވަނީ ލީގުގެ ގާތްގަނޑަކަށް ތިން މެޗެއް ކުޅެލަން ވާއިރަށް އަޅުގަނޑުމެން ޓީމު ފޯމަކަށް އެޅޭނެހެން” ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާތީ ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ހަތް ހަފްތާގެ ފަރިތަކުރުންތަކަށް ފަހު ގްރީން ސްޓްރީޓްސް އޮތީ ސީޒަނަށް ރަނގަޅަށް ތައްޔާރުވެފައިވަކަމަށާއި، އޭނާގެ ޓީމުން މަސައްކަތްކުރާނީ ކުރީގައި އުޅޭ ޓީމުތައް ސިއްސުވާލައި ލީގުގައި ރަނގަޅު ހިސާބަކަށް ދިއުމަށް ކަމަށެވެ.

“ފަހަރަކު މެޗަކަށް ބަލާނީ. ކުރިއަށް މިއޮތް ވެލެންސިއާ މެޗު ނަގަން އަޅުގަނޑުމެން މިހާރު އޮތް ޓާގެޓަކީ” ކުރިން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާއި އއ. މާޅޮހު ފުޓްބޯޅަ ޓީމަށް ދިވެހި ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ނިސްތާރު ގަބޫލުކުރާ ގޮތުގައި މި ސީޒަނުގައި އެންމެ ވަރުގަދަ ދެޓީމަކީ މާޒިޔާ އާއި ވެލެންސިއާ އެވެ. އެކަން އެހެން އޮތްނަމަވެސް ހިތްވަރުކޮށްފި ނަމަ އެޓީމުތަކުގެ މައްޗަށް ކާމިޔާބީ ހޯދޭނެކަމަށް ނިސްތާރު ގަބޫލުކުރެ އެވެ.

“ވަރަށް ގިނަ ކޯޗުން އެބަ ވިދާޅުވޭ ވަރަށް އެއްވަރު ޓީމުތަކެކޭ. އެކަމަކު ވެލެންސިއާ އާއި މާޒިޔާ އިންނަނީ ތަންކޮޅެއް ސްޓްރޯންގްކޮށް. ކަރުދާހުގައި އެހެން އޮތަސް އެއިކީ ކޮންމެހެން ވާންޖެހޭނެ ގޮތެއް ނޫން. އޭތި އީގަލްސް ވެސް އެ ޕްރޫވް ކޮށްދިނީ. އެހެންވީމަ އަޅުގަނޑުމެންގެ ޖޮބަކަށް ވާނީ ބޮޑެތި ޓީމުތައް ޑިސަޕޮއިންޓް ކޮށްފަ އެ ޓީމުތަކުގެ ކުރިއަށް ޖެހިލުން” މިދިޔަ ސީޒަނުގެ ފަހުކޮޅު ގްރީން ސްޓްރީޓްސްއާ ހަވާލުވި ކޯޗު ބުންޏެވެ.

ނިސްތާރު ބުނީ މިރޭގެ މެޗަށް ނުކުންނައިރު ދެތިން ކުޅުންތެރިއަކު އަނިޔާގައި ތިބިނަމަވެސް ޓީމުގެ ފިޓްނެސް ރަނގަޅުކަމަށެވެ. އެޓީމުގައި ތިބީ ޒުވާން ކުޅުންތެރިންތަކަކަށް ވުމުން އެންމެ ފުރިހަމަ ނަތީޖާ ފެންނަން ވަގުތު ނަގާނެކަމަށް ނިސްތާރު ބުންޏެވެ. އެހެންނަމަވެސް އެހެން ޓީމުތަކުން ގެނައި ކުޅުންތެރިންތަކާ އެކު ގްރީން ސްޓްރީޓްސް އޮތީ ވަރަށް އެއްބައިކޮށް ކަމަށް ނިސްތާރު ބުންޏެވެ.

ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!