ޢިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީ އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެ ޓޭބަލްގައި ކުރިއަށްދާން އެ ޓީމުން ކުރާ މަސައްކަތަށް އަނެއްކާވެސް ހުރަސް އެޅިއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެލިގޭޝަން ޒޯންގައި އޮތް ބާންލީ އަތުން އާސެނަލް ބަލިވީ 0-1 އިންނެވެ. އާސެނަލް މިވަގުތު އޮތީ 13 ޕޮއިންޓާއެކު ޓޭބަލްގެ 15 ވަނައިގަ އެވެ.
ރޭގެ މެޗަކީ ލީގުގައި އާސެނަލް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި މިއީ އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ. އެންމެ ފަހުން ލީގުގައި އާސެނަލްއަށް މޮޅެއް ލިބުނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންންވެ. ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން މިދިޔަ ހަފްތާގައި އާސެނަލް ފުރަތަމަ ބުރު ނިންމާލި ނަމަވެސް ޕްރިމިއަރ ލީގުގައި މިހާތަނަށް އާސެނަލް އިން 12 މެޗު ކުޅުނު އިރު އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ހަތަރު މެޗެވެ. ލީގުގައި މިހާތަނަށް އާސެނަލް ވަނީ ހަތް މެޗުން ބަލިވެފަ އެވެ.
ރޭ އާސެނަލް އިން ބާންލީ އާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު ކޮޅަށް ވަތް ލަނޑަކީ މިވަގުތު ދަށް ފޯމެއްގައި ހުރި ފޯވާޑް އެމަރިކް އޮބާމެޔަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އާސެނަލް ކޮޅަށް މި ލަނޑު ވަނީ އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށެވެ. މެޗުގެ 58 ވަނަ މިނެޓްގައި ބާންލީގެ ކުޅުންތެރިއެއްގެ ކަރުގައި ހިފުމުގެ ސަބަބުން އާސެނަލްގެ ގްރެނޠް ޒަކާ އަށް ދެއްކި ރަތްކާޑާއެކު އެ ޓީމުން މެޗުގެ ފަހު ތިރީސް މިނެޓް ކުޅުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. މެޗުގައި އާސެނަލް އަށް ލަނޑު ޖަހާނެ ގިނަ ހފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތު ތަކުގައި ފޮނިވާލި ގިނަ ހަމަލާތައް ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕް ވަނީ ދިފާއުކޮށްފަ އެވެ.