ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.
މެޗު ނިމެން 14 މިނެޓަށް ވެފައިވަނިކޮށް ނެދަލޭންޑްސްގެ މިޑްފީލްޑަރ ފްރޭންކި ޑި ޔޮންގ ދިން ބޯޅައެއް ލެވަންޓޭގެ ގޯލަށް ވައްދާލައިގެން މެސީ ބާސެލޯނާއަށް ގޯލު ކާމިޔާބުކޮށްދިން އިރު އޭގެ ކުރިން ބާސެލޯނާއަށް ލީޑު ނަގައިދޭން މާޓިން ބްރެތުވެއިޓް، ކްލެމެން ލެންގްލެޓް، ޖޯޑީ އަލްބާ އަދި، އަންޓުއަން ގްރީޒްމަން އަށް ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު މި ހުރިހާ ކުޅުންތެރިން ފޮނުވާލި ހަމަލާވެސް ގޯލަށް ނުވަދެ ނާކާމިޔާބުވީ ލެވަންޓޭގެ ގޯލްކީޕަރު އެއިޓާ ފެނާންޑޭޒް ދެއްކި ހުށިޔާރު ކަމުގެ ސަބަބުންނެވެ.
ރޭގެ މެޗުގައި ލެވަންޓޭ އަށްވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލެވަންޓޭގެ ސްޕެއިން ފޯވާޑް ޖޯޖް ޑި ފުރޫޓޯސް އަށް ލިބުނު ބޯޅަ ބޭކާރުވިއިރު މެޗު ނިމެނިކޮށް އެ ޓީމުގެ ސޮން ބާސެލޯނާގެ ގޯލަށް ފޮނުވާލި ބޯޅަ ގޯލްކީޕަރު އެންޑްރޭ ޓަ ސްޓެގަން ވަނީ މަތަކޮށްފަ އެވެ.
ލެވަންޓޭގެ މައްޗަށް ރޭ ބާސެލޯނާއިން ހޯދި މޮޅަކީ މި ފަހަރުގެ ލީގުގައި އެ ޓީމުން ހޯދި ފަސްވަނަ މޮޅެވެ. ރޭގެ ނަތީޖާއާއެކު ބާސެލޯނާ މިހާރުވަނީ ޓޭބަލްގެ އަށްވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. ރޭގެ ނަތީޖާއަކީ މިދިޔަ ހަފްތާގައި ބާސެލޯނާއިން ނެރުނު ދަށް ނަތީޖާތަކަށްފަހު އެ ޓީމަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދިން ނަތީޖާ އެކެވެ. މިދިޔަ ހަފްތާގައި ބާސެލޯނާ އިން ކާޑިޒް އާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުން ބަލިވިއިރު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުންވެސް ވީ ބައްޔެވެ.
ބާސެލޯނާޢަށް ދެން ލީގުގައި ކުޅެން އޮތް މެޗަކީ އަންނަ ބުދަ ދުވަހުގެ ތޭ އަމިއްލަ ދަނޑުގައި ޓޭބަލްގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ރެއާލް ސޮސިއެޑާޑް އާ ބާސެލޯނާ އާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް ސޮސިއެޑާޑުން ވަނީ ބާސެލޯނާއަށް ވުރެ އިތުރަށް ލީގުގައި ދެ މެޗު ކުޅެފައެވެ.