ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކްލަބް އީގަލްސްގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
މިރޭގެ މެޗަށް އީގަލްސް ނުކުތްއިރު އެޓީމުން ވަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފަ އެވެ. ސަސް މިއަހަރުގެ ސީޒަނަށް ތައްޔާރުވީ ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ރަނގަޅު ފެންވަރުގެ ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ. މިރޭގެ މެޗުގައި އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ހުނަރުވެރި ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަށް ނުކުޅެވުމެވެ. ރިޒޭގެ ބަދަލުގައި މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ރިހާމް އަބްދުލްގަނީ (ބޮބީ) އެވެ. ސަސް އިން ވަނީ އެޓީމަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.
Dream start for the newcomers, @Suspatis1 ???? pic.twitter.com/h6NKXLbcmA
— Fahuminet (@fahuminet) December 13, 2020
މެޗު ފަށައިގެން އީގަލްސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ސަސް އިން ދިޔައީ އީގަލްސް ޓީމަށް ވަރަށް ބޮޑަށް ސަމާލުވަމުންނެވެ. އެޓީމުން ބޮޑަށް މަސައްކަތްކުރީ ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުގައި ސްޕެއިންގެ ފޯވާޑް ވިކްޓާ ރޮޑްރިގޭޒް މުނޯޒް ބޭނުންކޮށްގެން އީގަލްސްގެ ގޯލަށް ނުރައްކާ ކުރުމަށެވެ. އެ ޕްލޭނަށް އެޓީމުން ކުރި މަސައްކަތް ކާމިޔާބުކުރީ 11 ވަނަ މިނެޓުގައި ރޮޑްރިގޭޒް ޖެހި ގޯލުންނެވެ. ސަސްގެ ޖަޕާން މިޑްފީލްޑަރު އަޓްސޫޝީ ޔޮނެޒާވާ އޭރިޔާ ތެރެއަށް ފޯރުކޮށްދިން ޖެހުން ރޮޑްރިގޭޒް ގޯލަށް ފޮނުވާލީ ބޮލުން ޖަހަ އެވެ. ސަސް އިން ލީޑު ނެގިތާ ތިން ވަރަކަށް މިނެޓު ފަހުން އީގަލްސްގެ މުހައްމަދު ނާއިމް އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފަ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަސް އޭރިޔާތެރޭ ހުސްކޮށްހުރެ ނާއިމް ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ހަންނަ ތިރިތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ސަސްގެ ބިދޭސީ ގޯލްކީޕަރު ރަވަޝަންބެކް އުގްލީގެ އަތަށެވެ.

ސަސް އާއި އީގަލްސް މިރޭ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ދެ ވަނަ ހާފުގެ ކުރީކޮޅު ދެޓީމުން ވެސް ވަނީ ނުރައްކާތެރި ދެ ހަމަލާ ފޮނުވާލައިފަ އެވެ. ޖެހުމަކުން ސަސްގެ ޝާފިއު އަހުމަދު (ޝާފީ) އަށް ބޮލުން ގޯލަށް ޖަހަން ހުސް ފުރުސަތެއް ލިބުނުނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން އީގަލްސްގެ ނާއިމް ފޮނުވާލި ބާރު ހިލޭ ޖެހުން ސަސްގެ ކީޕަރު އުގްލީ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގެ ބޮޑު ބައެއްގައި އީގަލްސް އިން ދިޔައީ ސަސް އަށް ޕްރެޝަރުކޮށް ގޯލެއް ޖަހަން މަސައްކަތް ކުރަމުންނެވެ. އެޓީމުގެ އިމްރާން ނަޝީދު އާއި ހައިޝަމް ހަސަން ފޮނުވާލި ދެ ހަމަލާ ގޯލާ އަމާޒުނުވިއިރު މެޗުގެ ފަހުކޮޅު ނާއިމް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރުގެ އަތަށެވެ.
މެޗުން ސަސް މޮޅުވުމުގައި އެޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިގޮތުން ޑިފެންސަށް ކުޅުނު ޝާފީ އާއި އަބްދުﷲ ހަނީފް (ބެންޖޯ) ގެ އިތުރުން މުހައްމަދު ރަޝީދު (ހޮކޭ) ވަނީ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށްކޮށްފަ އެވެ. އަދި، މި ކުޅުންތެރިންނާ އެކު ކުޅުނު ޒުވާން ޑިފެންޑަރު އަހުމަދު އައިހަމް ވެސް މެޗުގައި މޮޅު ކުޅުމެއްދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކްލަބް އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ އެވެ.