ފުރަތަމަ ސަފްޙާ / ޚަބަރު / އީގަލްސްގެ ފެންވަރު ފެނިއްޖެ، އުއްމީދަކީ ނަތީޖާ ނެރުން: ނާދު

އީގަލްސްގެ ފެންވަރު ފެނިއްޖެ، އުއްމީދަކީ ނަތީޖާ ނެރުން: ނާދު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 13 ޑިސެމްބަރު 2020

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް އީގަލްސްގެ ފެންވަރު ފެނިއްޖެ ކަމަށާއި، އެކަމަކު އެޓީމުގެ ޓާގެޓަކީ ތަޖުރިބާކާރު ކުޅުންތެރިން ބޭނުންކޮށްގެން މެޗުން ނަތީޖާ ނެރުންކަމަށް ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ހަވީރު ފަށާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗުންނެވެ. ސަސް އިން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ތާރީހީ މެޗުގައި އީގަލްސްއާ ދެކޮޅަށް ނުކުންނާނީ މިރެ އެވެ. ނާދު ބުނީ އެޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓްކޮށް ކަމަށާއި އުއްމީދަކީ ވަރުގަދަ ކުޅުމެއް ދައްކައި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ. އީގަލްސްއާ ދެކޮޅަށް ނުކުންނަ ސަސް ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން މެޗުގައި އެންމެ ބޮޑަށް ހިފަން މަސައްކަތްކުރާނެކަމަށް ނާދު ބުންޏެވެ.

“އީގަލްސްގެ ފެންވަރު ފެނިއްޖެ. ރަނގަޅު ޓީމެއް. އެހެންނަމަވެސް އެޓީމާ އިދިކޮޅަށް އަޅުގަނޑުމެން ބޮޑަށް ބޭނުންކުރާނީ އެކްސްޕީރިއެންސް. ޅަކުދިންނަށް ވުރެ. އެހެންނަމަވެސް ޅަކުދިން ވެސް ފެނިގެންދާނެ. ވީހާވެސް ބޮޑަކަށް މި ބަލަނީ އެކްސްޕީރިއެންސް ކުޅުންތެރިންތައް ލައިގެން ނަތީޖާ ނެރެވޭތޯ. އުއްމީދުކުރަނީ ނަތީޖާ ނެރެވޭނެކަމަށް” ނާދު ބުންޏެވެ.

ސަސް އަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގޯލްކީޕަރަކާއި ޖަޕާންގެ ދެ މިޑްފީލްޑަރުންގެ އިތުރުން ސްޕެއިންގެ ފޯވާޑެކެވެ. ނާދު ބުނީ އެ ކުޅުންތެރިންގެ ފަރާތުން “އާދަޔާހިލާފު” ކަމެއް ފެނިގެންދާނެކަމަށާއި، އޭނާ ބޭނުންވާ ސްޓައިލްގައި އެކުޅުންތެރިން ކުޅޭ ކަމަށެވެ. އަދި ޓީމުގައި ތިބި ދިވެހި ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ލިބިއްޖެނަމަ ބިދޭސީ ކުޅުންތެރިންގެ ތަފާތު ފެންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނާދު ބުންޏެވެ.

Finally, Dhivehi Premier League football 2020-21 starts this afternoon! ???????????? pic.twitter.com/PQKrg5j2ol

— Fahuminet (@fahuminet) December 13, 2020

ފުރަތަމަ ސީޒަނަށް ވުމާއެކު ސަސް އިން ކަނޑައަޅާފައިވަނީ ލީގުގެ ގަދަ ހައެއްގެ ޓާގެޓެކެވެ. ނާދު ބުނީ މިހާރު އޮތް ޓީމާ އެކު ބޭނުންވާ ޓާގެޓަށް ދެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

“ބައެއް ކްލަބްތައް ފުރަތަމަ އަރާއިރު ބޭނުންވަނީ ތައްޓަކަށް ހިފަން. ސަސްގަ އަދި އެ އުއްމީދެއް ނުގެންގުޅެން. އެހެންނަމަވެސް ވަކި ވަރަކަށް ބާއްވަން ގަސްތުކުރަނީ. އެހެންވީމަ އެވަރަށް ޓީމު ހެދުން ފުރަތަމަ ކަމަކީ މިފަހަރު. މިފަހަރު ބޭނުންވަނީ ސަސް ވަކި ހިސާބެއްގައި ބާއްވަން. މިހާރު ތިބި ޕްލެޔަރުން ބޭނުންކޮށްގެން އެ ޓާގެޓަށް ވާސިލްވެވޭތޯ މަސައްކަތްކުރާނީ” ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުރިން ކޯޗުކަން ކޮށްދީފައިވާ ނާދު ބުންޏެވެ.

ސަސްއާ ދެކޮޅަށް ނުކުންނަ އީގަލްސް އިން މިދިޔަ އަންގާރަ ދުވަހު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3-2 އިން މާޒިޔާގެ ބަލިކޮށްގެންނެވެ. އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އެ މެޗަށް ފަހު އަނިޔާގެ ސަބަބުން އަހުމަދު ރިޒުވާން (ރިޒޭ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި ޕްރެކްޓިހުގައި ބައިވެރިނުވާކަމަށެވެ. އެ ދެކުޅުންތެރިން ސަސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ ފަހުން ކަމަށް މޯހަން ބުންޏެވެ.

އީގަލްސްގެ އަމާޒަކީ ޗެރިޓީ ޝީލްޑް މެޗަށް ވުރެ ރަނގަޅަށް ސަސްއާ ދެކޮޅަށް ކުޅުން ކަމަށް މޯހަން ބުންޏެވެ. ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު މާޒިޔާއާ ދެކޮޅަށް ކުޅެ މޮޅުވުމަކީ އީގަލްސް ޓީމުން ފެންވަރު އޮޅުވާލާނެ ކަމެއް ނޫންކަމަށް މޯހަން ފާހަގަކުރި އެވެ.

“ހުރިހާ ކުޅުންތެރިން ވެސް ތިބީ ހަމަބިމުގައި. އެކަހަލަ އެއްވެސް ކަލަހަ ކަމެއް ނެތް. ދެން އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ފެންވަރާއި ހާލަތު. އަޅުގަނޑުމެން މި ތައްޔާރުވަނީ އަޅުގަނޑުމެންގެ ފެންވަރު އެނގިގެން ހަގީގަތުގައި. އިދިކޮޅަށް ނުކުންނަ ޓީމަކީ އާދައިގެ ނޫނީޔާމު މާ ފެންވަރެއް ނެތް ޓީމަކަށް ބަލައިގެނެއް ނޫން. އެއަށްވުރެ މާ ބޮޑަށް ވިސްނަން ހުރިހާ ކަމަކަށް” އީގަލްސް ޓީމުގެ ކުޅުންތެރިން ތިބީ ހަމަބިމުގައިކަން ހާމަކުރަމުން މޯހަން ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!