ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރޭ ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެތުލެޓިކޯގެ މައްޗަށް ރެއާލް އިން ކުރި ހޯދީ 0-2 އިންނެވެ.
ރޭގެ މެޗަށް އެތުލެޓިކޯ މެޑްރިޑް ނުކުތްއިރު އެ ޓީމު ލީގުގައި މި ސީޒަނުގައި ބަލިވެފައެއް ނުވެ އެވެ. މެޗުގެ ކުރިން ލީގުގައި އެ ޓީމު ކުޅުނު ހަތް މެޗުވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު ރޭގެ މެޗުގައި ފުރަތަމަ ހާފު ޑޮމިނޭޓްކުރީ ރެއާލް އިންނެވެ. ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ޓޯނީ ކްރޫސް ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްފައިވަނީ ބްރެޒިލްގެ ކަސެމީރޯ އެވެ. ރެއާލް އިން ފުރަތަމަ ގޯލު ކާމިޔާބުކުރުމުގެ ކުރިންވެސް އެޓީމުން ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ރެއާލް އިން އުފެއްދި ހަމަލާއެއްގައި ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފް 0-1 އިން ކުރީގައި އޮވެގެން ރެއާލް އިން ނިންމާލުމާއެކު އެތުލެޓިކޯ އިން ފަހު ހާފަށް ނުކުތީ ތިން ބަދަލަކާ އެކު އެވެ. އަދި ފުރަތަމަ ހާފާ ހިލާފަށް އެޓީމުން ކުޅުން ރަގަޅުކޮށް ހަމަލާ އުފައްދަން މަސައްކަތްކުރި އެވެ. މިގޮތުން އުފެއްދި ފުރުސަތެއްގައި މާކަސް ލޮރެންޓޭ ނަގައިދެން ހުރަހެއް ބަދަލު ކުޅުންތެރިޔާ ތޯމަސް ލެމާ ރެއާލްގެ ގޯލަށް ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އެތުލެޓިކޯ އަށް ލަނޑު ޖަހަން ލިބުނު މުހިއްމު ފުރުސަތުގެ ބޭނުން ނުހިފުމުގެ އަދަބަކަށްވީ ރެއާލް އިން އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާ ކުރުމެވެ. ރެއާލް އިން ޖެހި ދެވަނަ ލަނޑަކީ އެ ޓީމުގެ ޑެނީ ކަވާޔާލް ފޮނުވާލި ބާރު ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލްކީޕަރު އޮބްލާކްގެ ގައިގައި ޖެހިފައި މިސްރާބް ބަދަލުވެގެން ވަތް ލަނޑެކެވެ. އެތުލެޓިކޯ އިން މެޗު ނިމެން ގާތްވެފައި ވަނިކޮށް ނަތީޖާގެ ފަރަގު ކުޑަކުރެވޭތޯ މަސައްކަތްކުރަމުން ދަނިކޮށް އެ ޓީމުގެ ސައުލް ނިގޭޒް ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ރެއާލްގެ ގޯލްކީޕަރު ތިބާއު ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ރޭގެ ނަތީޖާ އަކު ރެއާލް މެޑްރިޑް މިވަގުތު އޮތީ 23 ޕޮއިންޓާއެކު ތިންވަނައިގަ އެވެ. ރެއާލް އަށްވުރެ އިތުރަށް ތިން ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ އެއްވަނައިގައި އޮތް އިރު ރެއާލް އިން ވަނީ އެތުލެޓިކޯ އަށްވުރެ އެއްމެޗު އިތުރަށް ކުޅެފަ އެވެ. ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާ ރެއާލް އާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ.