އެ ކްލަބުން މަސައްކަތްކުރާނީ ޗެރިޓީ ޝީލްޑް މެޗްގައި ކްލަބް އީގަލްސް އަތުން ވީ ބަލިން އަރައިގަންނަން ނޫންކަމަށާއި، އެންމެ މުހިއްމީ ލީގުގެ ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކުރުން ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ދެ ގޯލުގެ ލީޑެއްގައި އޮއްވައި އީގަލްސް އަތުން 3-2 އިން މާޒިޔާ ވަނީ ބަލިވެފަ އެވެ. ޗެރީޓީ ޝީލްޑް މެޗަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ މި ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.
Finally, Dhivehi Premier League football 2020-21 starts this afternoon! ???????????? pic.twitter.com/PQKrg5j2ol
— Fahuminet (@fahuminet) December 13, 2020
މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ ސީޒަނަށް އެޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ހުރިހާގޮތަކުން މެޗުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށެވެ. ޝީލްޑް މެޗުން ބަލިވުމަކީ ކުޅުންތެރިންނަށާއި ކޯޗެއްގެ ގޮތުގައި ދަސްކުރަން ލިބުނު ފިލާވަޅެއް ކަމަށާއި، އެކަމަކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކުރުން މުހިއްމުވަނީ އީގަލްސް އަތުން ވީ ބަލިން އަރައިގަންނަން ނޫންކަމަށް ނިޒާމްބެ ބުންޏެވެ.
“އެ މެޗުން އަރައިގަންނާކަށް ނޫން. އޭގެ ބަދަލުގައި ލީގުގެ ފުރަތަމަ މެޗަށް ވާތީ ލީގުގެ ސްޓާޓިން ރަނގަޅުކުރުން އެއީ އެންމެ މުހިއްމު އެއް ކަމަކީ. އެގޮތުން އެ ވިސްނުން ސިކުނޑިއަށް ގެނެސްގެން ވެދިޔަތަން ދޫކޮށްލާފަ ލީގުގެ ފުރަތަމަ މެޗުން މޮޅުވާން މާޒިޔާ ނުކުންނާނީ” ޓީސީ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރުގެ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
މާޒިޔާ އަކީ މިފަހަރު ވެސް ލީގުގެ ފޭވަރިޓެވެ. ނިޒާމްބެ ބުނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކާ ދެކޮޅަށް ވެސް މާޒިޔާ ނުކުންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. މާޒިޔާގެ ހަމައެކަނި ވިސްނުމަކަށް ވާނީ މޮޅުވުން ކަމަށާއި، ކޮންމެ މެޗަކަށް ވެސް ޓީމު ނުކުންނާނީ އެ ޕްރެޝާ ނަގައިގެން ކަމަށް ނިޒާމްބެ ބުންޏެވެ.
“މީގަ އެންމެ ސީރިއަސްކަން ގެންނަންޖެހޭ އެއް ސަބަބަކީ މާޒިޔާއިން މެޗުން މޮޅުވުން ނޫން އެހެން އެއްވެސް ވިސްނުމެއް ނީންނާނެ. އެހެންވީމަ އެ ވިސްނުމުގައި މާޒިޔާ އިން ނުކުންނައިރު މާޒިޔާ އަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. ދެން ހަމަ އޮޕޮޒިޝަނުން އެމީހުންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ އެމީހުން މާޒިޔާއާ އެއްކޮށް ކުޅޭއިރު މެޗުން މާޒިޔާ މޮޅުވިޔަ ނުދޭން. އެހެންވީމަ އޭގަ އެންމެ މުހިއްމު އެއް ކަމަކީ މާޒިޔާގެ ވިސްނުން. މާޒިޔާގެ ވިސްނުމަކީ މެޗުން މޮޅުވާން ކަމަށްވާތީ މާޒިޔާ އެ ޕްރެޝާ ނަގައިގެން ނުކުންނާނީ މެޗަށް” ނިޒާމްބެ ބުންޏެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާގެ ސަބަބުން ބަދަލުކުރި މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޕީޓަރ ޕްލަނިޗް ނުކުޅޭނެ އެވެ. އެޓީމުގައި އަނިޔާގެ އިތުރު މައްސަލައެއް ނޫޅެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫވީގެ ކޯޗު މުހައްމަދު އާދަމް ވާހަކަދައްކަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ނޮވެމްބަރު އެއް ވަނަ ދުވަހު ޕްރެކްޓިސް ފެށުނީއްސުރެ އެޓީމުން ތައްޔާރުވަމުން އައީ މާޒިޔާ މެޗަށް ކަމަށާއި، މިއަދުގެ މެޗުގެ ކުރިން މާޒިޔާއިން ވާދަވެރި މެޗެއް ކުޅެފައި އޮތުމަކީ ޔުނައިޓެޑް ވިކްޓްރީ އަށް ލިބޭނެ ގެއްލުމެއް ނޫންކަމަށެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ އަނިޔާގެ ބައެއް މައްސަލަތައް ދިމާވެފަ އެވެ. އެކަމަކު އެތަން ރީޕްލޭސް ކުރެވޭނެކަމަށް ކޯޗު ވަނީ ބުނެފަ އެވެ. ސީޒަނުގެ ފުރަތަމަ މެޗުތަކާއި ކުރިމަތިލާއިރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެޓީމުގެ ބިދޭސީ ކުޅުންތެރިންތައް ކަރަންޓީނުގެ 14 ދުވަސް ހަމަކޮށްފައި ޕްރެކްޓިސްގައި ބައިވެރިވެވުނުލެއް ލަސްވުމެވެ. މުހައްމަދު އާދަމް ބުނީ ބިދޭސީ ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރެވުނީ ދެ ހަފްތާ ކަމަށެވެ.
ޔުނައިޓެޑް ވިކްޓްރީ އިން މި ސީޒަނުގައި ކުޅޭނީ ވަރަށް ރީތި ފުޓްބޯޅައެއް ކަމަށާއި، މިދިޔަ އަހަރާ އަޅާބަލާއިރު އެޓީމުން ތަފާތުތަކެއް ފެންނާނެކަމަށް ކޯޗު ބުންޏެވެ. އޭނާ އިތުރަށް ބުނީ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ވެސް ނުކުންނާނީ މޮޅުވާން ކަމަށާއި، މާޒިޔާ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
“އަޅުގަނޑު މުބާރާތަށް ތައްޔާރުވެގެން މި ނުކުންނަނީ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވާން. މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ. މާޒިޔާއާ ކުޅޭއިރުގަ ހުންނާނެ ތަންކޮޅެއް އުނދަގޫ ކަންތައްތަކެއް” މިދިޔަ ސީޒަނުގެ ފަހުކޮޅު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަން ދޫކޮށް ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވި ކޯޗު ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ އިސްމާއީލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) އެ ކްލަބަށް ގެނެސްފަ އެވެ. މި ބަދަލުތަކާ އެކު އެޓީމުގެ ސްކޮޑް ވަރަށް ބޮޑަށް ވަރުގަދަކޮށް މެނޭޖްމަންޓުން ކަނޑައަޅާފައިވާ ޓާގެޓަކީ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމެވެ. އެކަމަކު މުހައްމަދު އާދަމްގެ އުއްމީދުތައް އެއަށްވުރެ މައްޗެވެ.
“މި ސީޒަނުގައި މެނޭޖްމަންޓުން ދީފަ އިނީ ތޮޕް ތިނެއްގައި ހިމެނުން. އެކަމަކު އަޅުގަނޑު ހަމަ ބުނާހިތެއް ނެތް ޓޮޕް ތިނެކޭ. އަޅުގަނޑު ހަމަ ބޭނުންވަނީ ލީގު ނަގަން. އެކަމަކު ހަމަގައިމުވެސް އެކެއް ނޫނީ ދެއަކަށް ވުރެ ދަށަށް ދާކަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނުކުރޭ” އެ ޓާގެޓަށް ނުދެވުން ވާނީ ނާކާމިޔާބީއެއް ކަމަށް ސިފަކުރަމުން މުހައްމަދު އާދަމް ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ އަންގާރަ ދުވަހު ފެށީ ގާތްގަނޑަކަށް ނުވަ ވަރަކަށް މަހަށް ފަހު އެވެ. މިއަދު ފަށާ ލީގުގައި ވާދަކުރާ އަށް ޓީމުގެ މެދުގައި ތިން ބުރު ކުޅުމަށް ފަހު ސީޒަނުގެ ފަހު ދެ މުބާރާތުގެ ގޮތުގައި ކުޅޭނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗު ފަށާއިރު މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި އީގަލްސް ނުކުންނާނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.