ރާއްޖޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީގެ އިސްނެގުމުގެ މަތިން މިދިޔަ އަހަރު އުފެއްދި ރިވައިވަލް ސްޕޯޓްސް އިން ރާއްޖޭގެ ބެޑްމިންޓަންގެ ކުރިމަގަށް މަސައްކަތްތަކެއް ކުރުމުގެ ގޮތުން ޕޮލިސް ކްލަބާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ބެޑްމިންޓަންގެ އެކި ހަރަކާތްތައް މިހާރުވެސް ކުރަމުން އަންނަ ރިވައިވަލް އިން ޕޮލިސް ކްލަބާ އެކު އެއްބަސްވުމަކަށް އައިކަން ރަސްމީކޮށް ހާމަކުރީ އިއްޔެ އެވެ. މި އެއްބަސްވުމުގައި ރިވައިވަލްގެ ފަރާތުން ސޮއިކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން އެވެ. ޕޮލިސް ކްލަބުގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކްލަބްގެ ރައީސް މުހައްމަދު ރަޝީދު އެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޕޮލިސް ކްލަބާ އެކު ވީ އެއްބަސްވުމުގެ ދަށުން މުޅި ރާއްޖޭގައި ބެޑްމިންޓަންގެ ހަރަކާތްތައް ފުޅާކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ. މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަތީ ފެންވަރުގެ ބެޑްމިންޓަން ކުޅުންތެރިން ރާއްޖޭގައި އުފެއްދުމާއި ކޯޗުން ތަމްރީނު ކުރުމާއި ރާއްޖޭގައި ހުރި ޔޫތު ބެޑްމިންޓަން އެކެޑަމީތައް ފުޅާކުރުމެވެ.
ދޮޅު އަހަރުވީ ރިވައިވަލް އިން އަންނަނީ ބެޑްމިންޓަންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެ ކްލަބްގެ ނަމުގައި ރާއްޖޭގެ ކުޅުންތެރިން މީގެ ކުރިން ވަނީ ތަމްސީލުކޮށްފަ އެވެ. އަދި އަތޮޅުތެރޭގައި ބާއްވާ އެކި މުބާރާތްތަކުގައި އެ ކްލަބުގެ ކޯޗުން ވަނީ ބެޑްމިންޓަން ޓީމުތަކަށް އިރުޝާދުދީފަ އެވެ.
ރިވައިވަލް އިން ވަނީ އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޕޮލިސް ކްލަބަކީ ވެސް ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތައް ނެރެމުން އަންނަ ކްލަބެކެވެ. މިގޮތުން ބެޑްމިންޓަން މުބާރާތްތަކުގައި އެ ކްލަބުން ބައިވެރިވާއިރު ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ވެސް ޕޮލިސް ކްލަބްގެ ކުޅުންތެރިން ވަނީ ފުރުސަތު ހޯދައިފަ އެވެ.