ފުރަތަމަ ސަފްޙާ / ޚަބަރު / ރަސްގެފާނަށްވީ އޮޅުމަކުން ނޫންކަން ރެއާލް މެޑްރިޑް ސާބިތުކޮށްދީފި

ރަސްގެފާނަށްވީ އޮޅުމަކުން ނޫންކަން ރެއާލް މެޑްރިޑް ސާބިތުކޮށްދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ޑިސެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގުރޫޕް ބީގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޝެން އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ރެއާލް މެޑްރިޑުން ރޭ ނުކުތްއިރު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުމަށްޓަކައި އެ ޓީމަށް މޮޅުވުން ނޫން އެހެން ގޮތެއް ނެތެވެ. މިފަހަކަށް އައިސް ރެއާލް މެޑްރިޑުން ނެރެމުން އައި ނަތީޖާ ތަކުގެ ސަބަބުން ރެއާލް މެޗުން މޮޅުވެދާނެކަމާ މެދު ވަރަށް ގިނަ ބަޔަކު ތިބީ ޝައްކެއްގަ އެވެ. އެކަމަކު މަރުގެ މެޗުގައި ނަތީޖާ ނެރެ ރެއާލް އިން އެ ވަނީ ޔޫރޮޕާ ލީގަށް ނުވެއްޓި އެ ޓީމުގެ ޝަރަފް ދަމަހައްޓައިފަ އެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް މެޑްރިޑަށް ކަށަވަރުވީ ހަމައެކަނި ދެވަނަ ބުރު އެކަންޏެއްވެސް ނޫނެވެ. ބޮރޫޝިއާގެ މައްޗަށް ހޯދި މޮޅާއެކު އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ވެސް ލިބިފަ އެވެ. ރޭގެ މެޗުން ބޮރޫޝިއާ ބަލިވި ނަމަވެސް ގްރޫޕް ގައި ދެން ރޭ ކުޅުނު އަނެއް މެޗު އެއްވަރުވުމުގެ ސަބަބުން އެ ޓީމަށް ވަނީ ދެވަނަ މަގާމް ލިބި ގަދަ 16 އިން ޖާގަ ލިބިފަ އެވެ. ގްރޫޕް ބީ ގެ ފަހު މެޗާ ކުރިމަތިލިއިރު ގްރޫޕްގެ އަނެއް މެޗުގައި ބައްދަލުކުރި އިޓަލީގެ އިންޓަރ މިލާނަށާއި، ޔޫކްރެއިން ޝަޚްތަރު ޑޮނޭޝް އަށް މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވެން އޮތެވެ. އެކަމަކު މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.

ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްދިން ކޯޗު ޒިނެޑިން ޒިޑާން ގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެ ގޯލުވެސް ޖަހައިފައިވަނީ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ އެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓް ގައި ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ބެންޒެމާ ޖެހީ 31 ވަނަ މިނެޓްގަ އެވެ. މި ދެލަނޑުވެސް ބޮރޫޝިއާގެ ގޯލަށް ބެންޒެމާ ވައްދާލީ ބޮލުން ޖަހައެވެ.

ރޭގެ މެޗުގައި ބޮރޫޝިއާގެ ފަރާތުން މާ ރަގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. އެ ޓީމަށް މެޗުގައި ރެއާލްގެ ގޯލަށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާ އެކެވެ. އެއާ ހިލާފަށް ރޭގެ މެޗުގައި އިތުރު ގިނަ ލަނޑުތަކެއް ޖެހުމާ ގާތަށް ރެއާލް މެޑްރިޑް ގޮސްފައިވެ އެވެ. މިގޮތުން ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބޮރޫޝިއާގެ ގޯލަށް ވައްދާލި ބޯޅައެއް ލަނޑަކަށް ނުވިއިރު ބެންޒެމާ އާއި ވަޒްކޭޒް ފޮނުވާލި ދެ ބޯޅައެއް ގޯލު ދަނޑީގައި ޖެހިފައިވެސް ނުކުތެވެ.

އެންމެ ފަހުން ބޭއްވުނު ޗެމްޕިއަންސް ލީގު ހަތް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން މިހާތަނަށް މި މުބާރާތުގައި ކުޅުނު 25 ފަހަރުވެސް ވަނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ގޮސްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!