ފުރަތަމަ ސަފްޙާ / ޚަބަރު / މިއީ ފުރިހަމަ ކާމިޔާބެއް، ހުރިހާ ޝުކުރެއް ކުޅުންތެރިންނަށް: މޯހަން

މިއީ ފުރިހަމަ ކާމިޔާބެއް، ހުރިހާ ޝުކުރެއް ކުޅުންތެރިންނަށް: މޯހަން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 ޑިސެމްބަރު 2020

އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި މާޒިޔާ 3-2 އިން ބަލިކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، ހުރިހާ ޝުކުރެއް ހައްގުވަނީ އެޓީމުގެ ކުޅުންތެރިންނަށް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ސީޒަނަށް ދުރާލާ ތައްޔާރުވެ ބިދޭސީ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ މާޒިޔާއާ ދެކޮޅަށް މިރޭ ނުކުތް އީގަލްސް ޓީމުގައި ހިމެނުނީ ހުސް ދިވެހި ކުޅުންތެރިންނެވެ. ގިނަ ޑިޕާޓްމަންޓްތަކުގައި ޒުވާން ކުޅުންތެރިން ހިމެނިއިރު އެ ކުޅުންތެރިން ވަނީ މާޒިޔާ ބަލިކުރުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗަށް ފަހު މޯހަން ތައުރީފް އޮއްސާލީ ކާމިޔާބީ ހޯދުމުގައި ހިތްވަރު އެލުވާނުލައި މަސައްކަތްކުރި ޓީމުގެ ކުޅުންތެރިންނަށެވެ.

“ވަރުގަދަ ސްކޮޑަކާ އެކު އޮތް ޓީމެއް ކޮޅަށް ފަހަތުން އަރައި ތިން ގޯލު ޖެހުމަކީ ފަސޭހަކަމެއް ނޫން. މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް. ހުރިހާ ޝުކުރެއް ހައްގުވަނީ ހަމަ ކުޅުންތެރިންނަށް. ކުޅުންތެރިން ކުރި މަސައްކަތާއި ކުޅުންތެރިން ކުރި ހިތްވަރު” މެޗަށް ފަހު މޯހަން ބުންޏެވެ.

މިއީ އީގަލްސް އަށް ފުރަތަމަ ޑިވިޝަނުގައި ލިބުނު ދެ ވަނަ ކާމިޔާބީ އެވެ. އެޓީމުން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕެވެ. އަދި މިދިޔަ ދެ ސީޒަނުގައި އެޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ހޯދައިފަ އެވެ.

މެޗަށް ފަހު އީގަލްސްގެ ކުޅުންތެރިން ދަނޑުމަތީގައި. މިއީ އެ ކްލަބަށް ލިބުނު ބޮޑު ކާމިޔާބީއެއް. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިރޭގެ މެޗުގައި މާޒިޔާ އިން ވަނީ ފުރަތަމަ 10 މިނެޓުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އަލީ ސަމޫހް (ސަމުއްޓޭ) ބޮލުން ކާމިޔާބު ކުރިއިރު ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އީގަލްސް އިން މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ގާތްގާތުގައި ޖެހި ތިން ލަނޑުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު 17 އަހަރުގެ ފޯވާޑް ޒައިން ޒަފަރު ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. މޮޅުކޮށްދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

މޯހަން ބުނީ ސީޒަން ހުޅުވާ މެޗާ ބަލާފަ މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ސީޒަނުގެ ބާކީ ބައިގައި އެޓީމުން ބިދޭސީ ކުޅުންތެރިން ފެންނާނެކަމަށެވެ.

“އިރާދަކުރެއްވިއްޔާ މުސްތަގްބަލުގައި މެނޭޖްމަންޓުން އުއްމީދުކުރަނީ ވަރަށް އަވަހަށް ބޭރު ތިނެއް ނޫނީ ހަތަރު ކުޅުންތެރިން ވެސް ލިބޭނެ ކަމަށް. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވެގެންދާނެ. ހަގީގަތުގައި އަޅުގަނޑުމެންގެ ސްކޮޑަށް ބަލާނަމަ މި ފެންނަނީ ބޭރުން ދެން ތިބި ކުޅުންތެރިން ވަރަށް ޔަންގް. ޕްރެޝާގަ ހަގީގަތުގަ ކުޅެން އުނދަގޫވާވަރުގެ ކުޅުންތެރިން ފެންނަނީ. އެހެންވީމަ ސްކޮޑް ވަރަށް ކުޑަކޮށް ޖުމްލަގޮތެއްގައި ފެންނަނީ. ކުޅުންތެރިން ލިބުމާއެކީގަ އިތުރަށް ވަރުގަދަވެގެން ދާނެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” މޯހަން ބުންޏެވެ.

މިއީ 2009 ވަނަ އަހަރު ތައާރަފްކުރި ޗެރިޓީ ޝީލްޑް އީގަލްސް އިން އުފުލާލި ފުރަތަމަ ފަހަރެވެ. ޗެރިޓީ ޝީލްޑް އެންމެ ގިނަ ކާމިޔާބުކޮށްފައިވަނީ މާޒިޔާ އާއި ވީބީ އައްޑޫ އެފްސީ އެވެ. މި ދެޓީމުން ވެސް ވަނީ ތިން ފަހަރު މި މެޗު ކާމިޔާބުކޮށްފަ އެވެ. މި ތިން ޓީމުގެ އިތުރުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ކްލަބް ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

ނުވަ މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށިއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!