ފުލުފުލުގައި ތިން ލަނޑު ޖަހައި 3-2 އިން މާޒިޔާ ބަލިކޮށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކްލަބް އީގަލްސް އިން ކާމިޔާބުކޮށްފި އެވެ.
މިއީ 2009 ވަނަ އަހަރު ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށިފަހުން އީގަލްސް އިން މި ކާމިޔާބީ ހޯދި ފުރަތަމަ ފަހަރެވެ. ޗެރިޓީ ޝީލްޑް އެންމެ ގިނައިން އުފުލާލާފައި ވަނީ ތިން ފަހަރު މި މެޗު ކާމިޔާބުކޮށްފައިވާ މާޒިޔާ އާއި ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ އެވެ. މާޒިޔާ، ވީބީ އަދި އީގަލްސްގެ އިތުރުން މި މެޗު ކާމިޔާބުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.
މިރޭގެ މެޗަށް މާޒިޔާ އިން ނެރުނު ޓީމުގައި ބިދޭސީ ދެކުޅުންތެރިން ހިމެނުނެވެ. އެއީ ގޯލްކީޕަރު ނިކޯލަ ވުޔަނަކް އާއި މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ޑިފެންޑަރު ޕީޓަ ޕްލަނިޗް އެވެ. އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެހެން ހުރިހާ ކުޅުންތެރިންނަކީ ވެސް މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ކުޅުންތެރިންނެވެ. އީގަލްސް އިން ގެންނަން ހަމަޖެއްސި ބިދޭސީ ކުޅުންތެރިންތައް ޓީމާ އަދި ނުގުޅޭތީ މިރޭގެ މެޗަށް ނުކުތީ ސަތޭކަ ޕަސެންޓް ދިވެހި ކުޅުންތެރިންނާ އެކު އެވެ. މިދިޔަ ސީޒަނަށް ފަހު އީގަލްސް ދޫކޮށްލި ކީޕަރު ސުޖަން ޕެރޭރާގެ ބަދަލުގައި ކުޅުނީ ޒުވާން ކީޕަރު މުހައްމަދު ސިނާހު އެވެ.
2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންސާފުކުރި ހަންގޭރީ އަށް ނިސްބަތްވާ ވިކްޓަ ކަސާއީގެ ރެފްރީކަމުގައި ކުޅުނު މެޗު ފަށައިގެން ދެ މިނެޓުތެރޭ މާޒިޔާ އިން ވަނީ ލީޑު ނަގައިފަ އެވެ. އޭރިޔާ ތެރެއަށް ހަމްޒާ މުހައްމަދު (ހަމްޕު) ހުރަސްކުރި ބޯޅަ ޑިފެންޑަރު ޕްލަނިޗް ބޮލުން ޖައްސާލުމުން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އެވެ. އީގަލްސްގެ ޑިފެންޑަރުންނަށް ފުރުސަތު ނުދީ ސަމުއްޓޭ ގޯލު ޖެހީ ބޮލުންނެވެ. މާޒިޔާގެ ލަނޑަށް ފަހު އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ މަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. މިއީ ކީޕަރު ސިނާހު ހަމްޕު އަށް ކުރި ފައުލަކަށް ކަސާއީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ ދެ ވަނަ ހާފު އީގަލްސް އިން ފެށީ ވަރުގަދަކޮށެވެ. އެޓީމުން މި ހާފުގައި މާޒިޔާގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކުގައި ބޮޑު ދައުރެއް އަދާކުރީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭ ފޮނުވާލި ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު އޭގެ އިރުކޮޅެއް ފަހުން ރިޒޭ ފޮނުވާލި ބޯޅަ ބާރެއް ނެތި ގޮސް ލިބުނީ ކީޕަރަށެވެ. މި ހާފުގެ ކުރީކޮޅު މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
އީގަލްސް އިން މެޗު އަނބުރާލީ ދެ ވަނަ ހާފުގެ ހަތް ވަރަކަށް މިނެޓުތެރޭ ޖެހި ތިން ގޯލާ އެކު އެވެ. ފުރަތަމަ ލަނޑު ރިޒޭ ނަގައިދިން ހުރަހަކުން ޖެހީ އުމުރުން އެންމެ 17 އަހަރުގެ ފޯވާޑް ޒައިން ޒަފަރު އެވެ. ކ. ދިއްފުއްޓަށް އުފަން ޒައިން އަކީ ރިޒޭ އާއި ދެބެންގެ ދެ ދަރި ކުއްޖެކެވެ. ޒައިންގެ ގޯލަށް ފަހު ރިޒޭ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި މުހައްމަދު ނާއިމް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު އެއްވަރު ކުރުމަށް ފަހު އީގަލްސް އިން ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރިޒޭ އެވެ. މިއީ ޒައިން އަށް މާޒިޔާގެ ކީޕަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޗެރިޓީ ޝީލްޑް މެޗުގައި ފުރަތަމަ ފަހަރަށް ވާދަކޮށް އީގަލްސް އިން ފަހަތުން އަރައި މޮޅުވުމަކީ އެ ކްލަބަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިރޭ އެޓީމު މޮޅުވިއިރު ފާހަގަކުރެވުނީ ޒުވާން ކުޅުންތެރިންގެ ހުނަރެވެ. ރިޒޭގެ އިތުރުން ހަންނަ އާއި ޒައިން އަދި ނާއިމް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، މާޒިޔާގެ ހުނަރުވެރި ކުޅުންތެރިން ހުއްޓުވުމުގައި އީގަލްސްގެ މެދުތެރެއާއި ފަހަތަށް ކުޅުނު ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި އެވެ.
އެފްއޭ ޗެރިޓީ ޝީލްޑް މެޗު ހާއްސަކޮށްފައިވަނީ އިޖުތިމާއީ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުޅޭ މެޗެއްގެ ގޮތުގަ އެވެ. މިފަހަރުގެ ޝީލްޑް މެޗުން ލިބޭ ފައިސާ ވަނީ ތިން ޖަމިއްޔާއަކާ ހަވާލުކޮށްފަ އެވެ. އެގޮތުން މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ އާކް މޯލްޑިވްސް އާއި މޯލްޑިވިއަން ބްލަޑް ޑޯނާސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވް އެވެ.