އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވާ ކްލަބް އީގަލްސްގެ މުހައްމަދު ނާއިމް އާއި ހައިޝަމް ހަސަންގެ މަސައްކަތުގެ ރޭޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
އީގަލްސްގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރާ ކ. ގުރައިދޫ އަށް އުފަން ނާއިމް އަށް އަނިޔާވީ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު ނާއިމްގެ އޮޕަރޭޝަން ވަނީ ކޮށްފަ އެވެ. އަނިޔާވުމުގެ ކުރިން ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނުނު 24 އަހަރުގެ ނާއިމް މިހާރު އަންނަނީ އީގަލްސް ޓީމާ އެކު ޕްރެކްޓިސްގައި ބައިވެރިވަމުންނެވެ.
“މިހާރު އެ ދެކުޅުންތެރިން ތިބީ ވަރަށް ވަރަށް ފިޓްކޮށް. ނާއިމް ވަރަށް މަސައްކަތު ރޭޓް ރަނގަޅުކޮށް ފެނިގެން ދިޔައީ ޕްރީ ސީޒަންތެރޭގައި. ވަރަށް ހިތްވަރު ކުރުމާ ހުރިހާ ކަމެއް ހަމަ ވަރަށް ރަނގަޅަށް ފެނުނީ. އަޅުގަނޑަށް މިހާރު ފެންނަ ފެނުމަށް ބަލާއިރުގަ މީގެ ކުރިން ނާއިމް ކުޅެފަ ހުރިވަރަށް ވުރެވެސް މޮޅުކޮށް ނާއިމްގެ ކުޅުން ފެނިގެންދަނީ. އެހެންވީމަ އުއްމީދު ކުރަނީ ވަރަށް ރަނގަޅަށް ނޫނީ އިމްޕްރޫވް ވެފައި ހުރި ނާއިމް އެއް ދަނޑުމަތިން ފެނިގެންދާނެކަމަށް” އިއްޔެ އެފްއޭއެމުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާއިމް އަށް ތައުރީފްކުރަމުން މޯހަން ބުންޏެވެ.

އީގަލްސްގެ ކޯޗު މޯހަން އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަނީ. އީގަލްސް އިން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާނެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ބ. އޭދަފުއްޓަށް އުފަން ކުރިއަރަމުން އަންނަ ޒުވާން ޑިފެންޑަރު ހައިޝަމްގެ ކަކުލަށް އަނިޔާވީ މިއަހަރުގެ ޖެނުއަރީ މަހު ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކަކުލަށް ލިބުނު އަނިޔާއާ އެކު ވެސް ހައިޝަމް ވަނީ އޭގެފަހުން ބައެއް މެޗުތަކުގައި ފެނިފަ އެވެ. އެކަމަކު އަނިޔާގެ ސީރިއަސްކަން އިތުރުވުމުން އުމުރުން 21 އަހަރުގެ ހައިޝަމް ވަނީ މިދިޔަ އޭޕްރީލް މަހު ކަކުލުގެ އޮޕަރޭޝަން ކޮށްފަ އެވެ.
“ހައިޝަމް ވެސް ހަމަ ވަރަށް ރަނގަޅަށް ވަރަށް ފިޓްކޮށް ފެނިގެން ދަނީ. މިހާރު މެޗުއާ ވަމުން އަންނަ ވަރަކަށް ހަމަ ވަރަށް ހިތްހަމަޖެހެޔޭ ދަންނަވަން ޖެހެނީ ދެކުޅުންތެރިންނާ މެދު ވެސް” ފުރަތަމަ ޑިވިޝަނުގައި ކުޅެން ފަށައި ގާތްގަނޑަކަށް އަހަރެއްތެރޭ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދި ހައިޝަމްއާ ގުޅޭގޮތުން މޯހަން ބުންޏެވެ.
މުހިއްމު ދެ ކުޅުންތެރިން އަނބުރާ އައި ނަމަވެސް މޯހަން ބުނީ މިވަގުތު އޭނާ އަތުގައި އޮތީ އީގަލްސްގެ އެންމެ ވަރުގަދަ ސްކޮޑް ނޫން ކަމަށެވެ. އެޓީމަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިންތައް އަދި ގުޅިފައިނުވާއިރު އެންމެ ރަނގަޅަށް ތައްޔާރު ނުވެވޭކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ޕްރެކްޓިސް ފެށުނީ ތަންކޮޅެއް ލަހުން ކަމަށާއި، އަދި ޕްރެކްޓިސް ކުރަން ފުލް ޕިޗެއް ނުލިބުމަކީ ކުރިމަތިވި މައްސަލައެއް ކަމަށެވެ.
“މުޅި ޓީމު ހަމަނުވާތީ އެ ދަތިކަން އެބަހުރި. އިންޖަރި ވެސް ކޮންމެވެސް ވަރަކަށް އެބަހުރި. ސީޒަން އޯޕަނިން މެޗުގައި ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ނުފެންނާނެ” މޯހަން ބުންޏެވެ.
މިދިޔަ ސީޒަނުގައި އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި މިދިޔަ އަހަރުތަކުގައި އެޓީމުގެ ގޯލު ބެލެހެއްޓި ސްރީ ލަންކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. މޯހަން ބުނީ އެ ދެކުޅުންތެރިން ނެތްތައް ފޫބައްދަން އުނދަގޫވާނޭ ކަމަށެވެ.
“ވަރަށް މުހިއްމު ކުޅުންތެރިއެއް (ސެންޓޭ) ހަގީގަތުގައި މަދުވެގެން ދިޔަ. އެކީ ފުލެއް ނުބެއްދޭނެ ކޮންމެގޮތެއްވިޔަސް. ދެން ތިބި ކުޅުންތެރިން ވެސް އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނީ. ވީހާވެސް ބޮޑަކަށް މުޅި ޓީމު އެކީގަ ފޫބެއްދޭތޯ ނޫނީ އެ މަސައްކަތް ކުރެވޭތޯ މަސައްކަތް ކުރަމުންދަނީ” ސެންޓޭ ނެތުމުގެ އުނިކަން ޓީމުން ފެންނާނެކަން ފާހަގަކުރަމުން މޯހަން ބުންޏެވެ.

ގައުމީ ޓީމުގައި ހިމެނޭ އީގަލްސްގެ ކެޕްޓަން އިއްޔެގެ ޕްރެސް ކޮންފަރެންސްގައި. މާޒިޔާ މެޗުގައި ރަނގަޅު ފައިޓެއް ދޭނެކަމަށް ބުނި. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މޯހަންގެ އެންމެ ބޮޑު އެއް އަމާޒަކީ މި ސީޒަނުގައި ވެސް އީގަލްސް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ. އޭނާ ބުނީ “އެކުޅުންތެރިންނަށް ސީޒަނުގެ ތެރޭގައި ގިނަ ފުރުސަތުތަކެއް ދިނުން އެއީ ކުރާނެ މަސައްކަތެއް” ކަމަށެވެ. މިގޮތުން މާދަމާ ރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ބޭނުންކުރާނީ ދިވެހި ގޯލްކީޕަރެއް ކަމަށް މޯހަން ބުންޏެވެ. ބެލެވޭ ގޮތުގައި މާދަމާ ރޭގެ މެޗުގައި އެޓީމުގެ ގޯލު ބަލަހައްޓާނީ ޒުވާން ގައުމީ ޓީމުގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް އެވެ. އަލީފް ވަނީ މިދިޔަ ސީޒަނުގެ ފަހުކޮޅު އީގަލްސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލު ބަލަހައްޓައިފަ އެވެ.
މޯހަން ބުނީ ދިވެހި ކީޕަރަކާ އެކު ފެށުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި، ހުރިހާ ޕްރެޝަރަކާ އެކު މުޅި އީގަލްސް ޓީމު އޮންނާނީ ޒުވާން ކީޕަރާ އެކުގައި ކަމަށެވެ.
“މިސްޓޭކްތަކެއް ހެދުމަކީ އެއްވެސް މައްސަލައެއް ނޫން އެ އުމުރުގައި މިކަހަލަ މެޗުތަކެއްގައި. އެހެންނަމަވެސް އަޅުގަނޑަށް ޔަގީނާ އެކީ ބުނަން ކެރޭނެ މި ކީޕަރަށް ކުޅެން ފުރުސަތު ދީގެންނޭ މި ކީޕަރު މޮޅުވާނީ” ސީޒަނުގެ ކުރީކޮޅު އީގަލްސްގެ ޓީމުން ފެނިގެންދާނެ ޒުވާން ކީޕަރަށް ހިތްވަރުދެމުން މޯހަން ބުންޏެވެ.
އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ބުނީ ގިނަ ދުވަސްތަކެއް ފަހުން ޕްރެކްޓިހަށް ނުކުތީމަ ބޭނުންވާވަރަށް އެޓީމަށް ތައްޔާރު ނުވެވުނު ކަމަށާއި، އެހެންނަމަވެސް މާދަމާރޭ މާޒިޔާ މެޗަށް އެޓީމު ނުކުންނާނީ އުއްމީދާއި އެކުގައި ކަމަށެވެ.
“އެހާ ގިނަދުވަސްކޮށްފަ ޕްރެކްޓިހަށް ނުކުތީމަ އަސްލު ބޭނުންވާވަރަކަށް ޓައިމް ނުލިބޭ ކުޅުންތެރިންނަށް ތައްޔާރުވާކަށް. އެކަމަކުވެސް އޯޕަނިން މެޗަށް ދާއިރު ޓީމު ރަނގަޅަށް މީނީ. ރަނގަޅު ފައިޓެއް ދެވޭނެކަމަށް މި ބަލަނީ” ގައުމީ ޓީމުގައި ވެސް ހިމެނޭ މުހިއްމު ޑިފެންޑަރު ބުންޏެވެ.
މާދަމާ ރޭ އީގަލްސް އާއި މާޒިޔާ ވާދަކުރާ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.