އަންގާރަ ދުވަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗެއް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ “ޔެސް ޓީވީ” އިން ވަގުތުން ދައްކާނެކަމުގެ އުފާވެރި ހަބަރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދީފި އެވެ.
ސީޒަނުގެ މެޗުތައް ޓީވީން ދުރަށް ދެއްކުމުގެ ގޮތުން އެފްއޭއެމުން މިއަދު ވަނީ ޕީއެސްއެމްއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. 21/2020 ސީޒަނުގެ ހުރިހާ މެޗެއް ވަގުތުން ދެއްކުމަށް ޕީއެސްއެމްއާ އެކު ވީ އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންގާރާ ދުވަހުގެރޭ ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ލީގު ރަނަރަޕް ކްލަބް އީގަލްސް އެވެ. ޗެރިޓީ ޝީލްޑް މެޗަށް ފަހު އަށް ކްލަބް ވާދަކުރާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މާޒިޔާ އާއި އީގަލްސްގެ އިތުރުން ލީގުގައި ވާދަކުރަނީ ޓީސީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް ވެލެންސިއާ އަދި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
ލީގުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ލީގަށް ފަހު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކުރިއަށް އޮތް ސީޒަނުގައި ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ.
ސީޒަނުގެ މެޗުތައް ވަގުތުން ދުރަށް ދެއްކުމަށް ޕީއެސްއެމްއާ އެކު އެފްއޭއެމުން އެއްބަސްވުމަކަށް އައުމަކީ މެޗުތައް ޓީވީ އިން ބަލާ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މިދިޔަ ސީޒަނުގެ ލީގު މެޗުތައް ދުރަށްދެއްކީ ވީޓީވީ އިންނެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން ވަގުތުން ދުރަށްދެއްކީ ހަމައެކަނި ހަވީރު ކުޅުނު މެޗުތަކެވެ. އެހެންނަމަވެސް ކުރިއަށް އޮތް ސީޒަނުގެ ހުރިހާ މެޗެއް ސަޕޯޓަރުންނަށް ފެންނާނެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ގަލޮޅު ދަނޑުގެ ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކޮށްފައިވާއިރު ޓީމުތަކުގެ ތައްޔާރީތަކާއި ގުޅޭގޮތުން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި މާޒިޔާ އާއި އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗު އިންސާފު ކުރުމަށް 2011 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެފްރީކަން ކުރި ހަންގޭރީގެ އުމުރުން 45 އަހަރުގެ ރެފްރީ، ވިކްޓަ ކަސާއީ މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.