މި މަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ޓާގެޓަކީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުން ކަމަށް އެ ކްލަބުގެ މެނޭޖަރު މުހައްމަދު ފަސީން ރާފިއު ބުނެފި އެވެ.
ފަސީން މިހެން ބުނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި މީޑީއާ ވާހަކަދައްކަމުންނެވެ. އާ ސީޒަނަށް އެންމެ ވަރުގަދަކުރި އެއް ކްލަބަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. އެޓީމުން ވަނީ ދިވެހި އަށް ވަރަކަށް ކުޅުންތެރިންގެ އިތުރުން ބިދޭސީ ހަތަރު ކުޅުންތެރިން މިފަހަރުގެ ޓީމުގައި ހިމަނައިފަ އެވެ.
“މިފަހަރު ޔޫވީގެ ޓާގެޓަކަށް ހެދީ ގަދަ ތިނެއްގެ ތެރޭގައި ފައިޓް ކުރެވޭވަރުގެ ޓީމެއް ހަދަން. އެހެންވީމަ އެގޮތަށް މެނޭޖްމަންޓުން ހަމަ ހުރިހާ ބޭފުޅުން ވެސް ވާހަކަދައްކައިގެން ބެލީ ގަދަ ތިނަކަށް ފައިޓް ކުރެވޭވަރުގެ ޓީމެއް ހެދުމަށް. އަޅުގަނޑުމެން ބޭނުންވި ޕްލެޔާސް ލިބިއްޖެ. ޓީމާ ދޭތެރޭ އޯވަރޯލްކޮށް ހިތްހަމަޖެހޭ” ގަދަ ތިނެއްގެ ޓާގެޓް އޮތްކަން ހާމަކުރަމުން ކްލަބުގެ މެނޭޖަރު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަނީ. އެޓީމުން އާ ސީޒަނުގައި ކުރާ އުއްމީދު ބޮޑު. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ސީޒަނާ މެދު އެޓީމުން އުއްމީދު ބޮޑުކުރާ އެއް ސަބަބަކީ ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސާ (މެސީ) ޓީމުގައި ހިމެނުމެވެ. އެޓީމަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ޔޫކްރޭންގެ ފޯވާޑް ސިލިޗް ކީރްލޯ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅެފަ އެވެ. އެޓީމަށް ދެން ގެނައީ 2018 ވަނަ އަހަރުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީވޭޗް އާއި 2017 ވަނަ އަހަރުގެ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލު ބެލެހެއްޓި ރުސްލާން އަމިރޯވް އާއި ކިރިގިސްތާނުގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް އެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެޓީމަށް ދަތިކަމެއް ކުރިމަތި ނުވާކަމަށާއި، އާ ކުޅުންތެރިންނާ އެކު އޭނާ ބޭނުންވި ގޮތަށް ޓީމު ވަރުގަދަވި ކަމަށެވެ. ހާއްސަކޮށް ބަކާ އާއި އީސަ އެޓީމާ ގުޅުމުން ޓީމު ވަރަށް ބޮޑަށް ވަރުގަދަވެފައިވާކަމަށް ކޯޗު ބުންޏެވެ.
“މެނޭޖްމަންޓުން ވާހަކަ ދެއްކިއިރު އަހަރެން އެމީހުންނަށް ރިކަމެންޑް ކުރި ކުޅުންތެރިންގެ ތެރެއިން އަހަރެން އެދުނު ދެކުޅުންތެރިން ގެނެސްދިން” މިދިޔަ ސީޒަނުގެ މެދަކާ ހަމައަށް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިނުމަށް ފަހު ސީޒަނުގެ ފަހުކޮޅު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވި މުހައްމަދު އާދަމް ބުންނެވެ.
ކޯޗު ބުނީ މިދިޔަ ދުވަސްތަކުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އެންމެ ބޮޑަށް ކުރިމަތިވި މައްސަލައަކީ އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހުމުން ޕްރީ ސީޒަނުގެ ދެ ހަފްތާ ގެއްލުން ކަމަށެވެ. އެހެންވެ ދިވެހިން ކުޅުންތެރިންގެ ފިޓްނެސް ބިދޭސީ ކުޅުންތެރިންގެ ނެތްކަމަށް މުހައްމަދު އާދަމް ބުންޏެވެ.
މިފަހަރުގެ ސީޒަން ފަށަނީ ގާތްގަނޑަކަށް ނުވަ މަސްދުވަހުގެ ބްރޭކަކަށް ފަހު އެވެ. ކޮވިޑް-19އާ ގުޅިގެން މިދިޔަ ސީޒަން ފުރިހަމަނުކޮށް ނިންމާލީ މާޗް މަހު އެވެ. އޭގެފަހުން ކުޅުންތެރިން ތިބީ ވާދަވެރި އެއްވެސް މެޗެއް ނުކުޅެ ރަނގަޅަށް ޕްރެކްޓިސް ވެސް ނުކުރެވި އެވެ. މުހައްމަދު އާދަމް ބުނީ ސީޒަނަށް ތައްޔާރުވާން އޭނާގެ ޓީމަށް ލިބުނު މުއްދަތު ނުފުދޭ ކަމަށެވެ.
“ނުވަ މަސްދުވަހު ނުކުޅެ ތިބެފަ ކުޅެން އައި ބަޔަކު ފިޓްކުރަން ބޭނުންވާ މުއްދަތަށް ވުރެ މުބާރާތަށް ތައްޔާރުވާން ލިބުނު ދުވަސް އަހަރެންގެ ނަޒަރުގައި މަދު. ބައެއް ކޯޗުންނަށް އެވަރު ފުދިވެސް ދާނެ” ހުރިހާ ޓީމަކަށް ކުރިމަތިވެފައިވާ މައްސަލައަށް އިޝާރަތް ކުރަމުން ކޯޗު ބުންޏެވެ.

މިދިޔަ ސީޒަނުގައި ޓީސީ ގައި މޮޅު ކުޅުމެއް ދެއްކި އީސަ ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހުގައި. އީސަ އާއި ބަކާ އަކީ ކޯޗު އެންމެ ބޭނުންވި ދެ ކުޅުންތެރިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މިފަހަރުގެ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަންކަން ކުރާނީ މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު ބަކާ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބަކާ އަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. މުހައްމަދު އާދަމް ބުނީ އެޓީމަށް އަލަށް ގުޅުނު ނަމަވެސް ބަކާ އަށް ކެޕްޓަން ބޭންޑް ދިނީ “ދަނޑުމަތީގައި ހުންނަން ޖެހޭނީ އެމީހުންނަށް އިންސްޓްރަކްޝަން ދެވޭ ވަރުގެ ކެޕްޓަނެއް ކަމަށްވާތީވެ ބަކާ ޗޫސް ކުރީ” ކަމަށެވެ.
ޔުނައިޓެޑް ވިކްޓްރީ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ. ޑިސެމްބަރު 13 ވަނަ ދުވަހުގެ ހަވީރު ލީގު ހުޅުވާ މެޗުގައި މާޒިޔާއާ ދެކޮޅަން ނުކުންނަ މެޗަށް އިޝާރަތްކޮށް މުހައްމަދު އާދަމް ބުނީ ޕްރެކްޓިސް ފެށުނީއްސުރެ އެޓީމުން ވިސްނަމުން އަންނަނީ މާޒިޔާ މެޗަށް ކަމަށެވެ.
“އަހަރެމެން ނޮވެމްބަރު އެކެއްގައި ފެށީއްސުރެ އަދި އެހެން ޓީމަކާ ދޭތެރޭ ނުވިސްނަން. މާޒިޔާއާ ދޭތެރޭ މި ވިސްނަނީ. އަހަރެމެން ތައްޔާރު މިވަނީ ސީދާ މާޒިޔާއާ ކުޅެން އަދި. ގަބޫލެއް ނުކުރަން އަހަރެމެން ޓީމުގަ އެމީހުންނާ ވާދަނުކުރެވޭ ވަރުގެ ކުޅުންތެރިން ތިބި ކަމަކަށް. ހަމައެކަނި ތަފާތަކަށް އަންނަނީ އެމީހުން ތަންކޮޅެއް ގިނަ ދުވަހު ޕްރެކްޓިސް ކުރިކަން” މާޒިޔާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާއެއް ނެރޭނެކަމުގެ އިޝާރާތެއް ކުރަމުން މުހައްމަދު އާދަމް ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ އަންގާރަ ދުވަހުގެރޭ ފަށާނީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް އީގަލްސް އެވެ.