ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން އަންނަ އަންގާރަ ދުވަހުގެރޭ މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗުގެ ރެފްރީއަކަށް 2011 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިކްޓާ ކަސާއީ ހަމަޖައްސައިފި އެވެ.
ހަންގޭރީ އަށް އުފަން އުމުރުން 45 އަހަރުގެ ކަސާއީ މިހާރު ހުރީ ރަޝިއަން ފުޓްބޯޅަ ޔޫނިއަންގެ ރެފްރީން ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގަ އެވެ. ކަސާއީ އަކީ 2003 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފީފާގެ ރެފްރީއެކެވެ. ފީފާގެ ރެފްރީކަން ކުރި ދުވަސްވަރު ކަސާއީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ޗެމްޕިއަންސް ލީގުގެ މުބާރާތްތަކާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2016 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެފްރީކަން ކޮށްފަ އެވެ.
It’s my pleasure to announce the referee for the charity match.
The match will be officiated by former FIFA referee Mr. Viktor, who officiated the final of 2011 Champions league between Barcelona vs Manchester United. #forthereferees #towardsfuture pic.twitter.com/Y7mPOnegdv
— Bassam Adeel Jaleel (@bassam_jaleeI) December 6, 2020
ކަސާއީ ރެފްރީކަން ކުރި އެންމެ ހާއްސަ އެއް މެޗަކީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބާސެލޯނާ އާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗެވެ. 3-1 އިން ބާސެލޯނާ މޮޅުވި އެ މެޗު ކަސާއީ ވަނީ ވަރަށް ރަނގަޅަށް ކޮންޓްރޯލްކޮށްފަ އެވެ. ކަސާއީ އަކީ ވީޑީއޯ ރީޕްލޭ ބެލުމަށް ފަހު ޕެނަލްޓީއެއް ދިން ފުރަތަމަ ރެފްރީ އެވެ. ވީޑީއޯ ރީޕްލޭގެ އެހީ ހޯދުމަށް ފަހު ކަސާއީ ޕެނަލްޓީ ދިނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ މެޗެއްގަ އެވެ. ފީފާގެ ރެފްރީކަމުން ރިޓަޔާ ކުރުމަށް ފަހު ކަސާއީ ރަޝިއާގެ ފުޓްބޯޅަ ޔޫނިއަންގެ ރެފްރީންގެ ޑިޕާޓްމަންޓާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ވާދަކުރަނީ ލީގު ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އީގަލްސް އަށް މި ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ށ. ފޯކައިދޫގެ މައްޗަށް ކުރި ހޯދީ ޓީސީ ސްޕޯޓްސް ކްލަބެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންގާރަ ދުވަހުގެރޭ ފަށާއިރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ކްލަބް ވެލެންސިއާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.