މެޗުގެ ފަހު މިނެޓުގައި ޑިފެންޑަރު ލިއޯނާޑޯ ބޮނޫޗީ ކާމިޔާބުކޮށްދިން ގޯލާ އެކު 2-1 އިން އަމިއްލަ ދަނޑުގައި ޓޮރީނޯ ބަލިކޮށް ޔުވެންޓަސް އިޓާލިއަން ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ޔުވެންޓަސް ނިސްބަތްވާ ޓިއުރިންގެ ކްލަބް ޓޮރީނޯ ވަނީ ރޭގެ މެޗުގެ ނުވަ ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް އެންކޫލޫ އެވެ. ޓޮރީނޯ ލީޑުގައި އޮއްވައި މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ޖެހި ލަނޑެއް ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ.
މެޗުން ޔުވެންޓަސް މޮޅުވީ ފަހު 15 މިނެޓުގައި ކުއަޑްރާޑޯ ތަނަވަސްކޮށްދިން ފުރުސަތުތަކުގައި ޖެހި ލަނޑުތަކުންނެވެ. ފުރަތަމަ ލަނޑު 77 ވަނަ މިނެޓުގައި ވެސްޓަން މެކިނީ ޖެހިއިރު 89 ވަނަ މިނެޓުގައި ބޮނޫޗީ ޔުވެންޓަސް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބޮލުންނެވެ. މިއީ ބޮނޫޗީ މި ސީޒަނުގެ ލީގުގައި ޔުވެންޓަސް އަށް ޖަހައިދިން ދެ ވަނަ ލަނޑެވެ.
ލީގުގައި ރޭ އިންޓަ މިލާނުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބޮލޯނިއާ ބަލިކޮށްފަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ރޮމެލޫ ލުކާކޫ ކާމިޔާބުކުރިއިރު ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީ އެވެ. މެޗުގައި ބޮލޯނިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިމަނުއެލް ވިގްނަޓޯ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ލާޒިއޯ ރޭ ވަނީ 2-1 އިން ސްޕީޒިއާ އަތުން މޮޅުވެފަ އެވެ. މެޗުގައި ލާޒިއޯގެ ގޯލްތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޗީރޯ އިމޯބިލޭ އާއި ސާޖެއީ މިލިންކޮވިޗް-ސަވިޗް އެވެ.
ލީގުގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. ރޭގެ މޮޅާ އެކު އިންޓަ ވަނީ 10 މެޗުން 21 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް އަރައިފަ އެވެ. ޔުވެންޓަސް ތިން ވަނައިގައި އޮތީ 10 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. 10 މެޗުން ލިބިފައިވާ 17 ޕޮއިންޓާ އެކު ލާޒިއޯ އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނުން މިރޭ މެންދަމު ރާއްޖެ ގަޑިން 12:45 ގައި ފަށާ މެޗުގައި ނުކުންނާނީ ސަމްޕްޑޯރިއާއާ ދެކޮޅަށެވެ.