ފުރަތަމަ ސަފްޙާ / ޚަބަރު / ދިވެހި ޕްރިމިއާ ލީގުގައި ފަސް ބަދަލުކުރަން ކްލަބްތަކުގެ މެޖޯރިޓީ ނުލިބުނު

ދިވެހި ޕްރިމިއާ ލީގުގައި ފަސް ބަދަލުކުރަން ކްލަބްތަކުގެ މެޖޯރިޓީ ނުލިބުނު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 ޑިސެމްބަރު 2020

މި މަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ މެޗުތަކުގައި ފަސް ކުޅުންތެރިން ބަދަލުކުރަން ކްލަބްތަކުގެ މެޖޯރިޓީ ނުލިބުނު ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ އަންގާރަ ދުވަހު ކްލަބް އީގަލްސް އާއި މާޒިޔާ ވާދަކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެއަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އާ ސީޒަން މިފަހަރު ފަށަނީ އަށް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން މިދިޔަ ސީޒަނުގެ ކުޅުން މާޗް މަހުގެ ތެރޭގައި ނިންމާލީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ނުގެންދާގޮތަށް ނިންމުމަށް ފަހު އެވެ.

މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ފަސް ކުޅުންތެރިން ބަދަލުކުރުމާ މެދު ގޮތެއް ނިންމަން ދޫކޮށްލީ ކްލަބްތަކަށް ކަމަށާއި، އެގޮތަށް ފާސްނުވީ ކްލަބްތަކުގެ މެޖޯރިޓީ އެކަމަށް ނުލިބުމުން ކަމަށެވެ. އެނގިފައިވާ ގޮތުގައި މިފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ތެރެއިން ފަސް ބަދަލަށް ތާއީދުކުރީ ތިން ކްލަބަކުންނެވެ. އަނެއް ފަސް ކްލަބުން ވަނީ އެ ނިންމުމާ ދެކޮޅު ހަދައިފަ އެވެ. އެހެންވެ އަންނަ ސީޒަނުގައި ކޮންމެ މެޗެއްގައި ވެސް ބަދަލުކުރެވޭނީ ތިން ކުޅުންތެރިންނެވެ.

ރާއްޖޭގައި ފަސް ބަދަލު ކުރެވޭގޮތަށް ކްލަބްތަކުގެ މެޖޯރިޓީ ނުލިބުނު އިރު މަޝްހޫރު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ފަސް ކުޅުންތެރިން ބަދަލުކުރުމަށް ކްލަބްތަކުގެ މެޖޯރިޓީ ލިބިފައެއްނުވެ އެވެ. އެހެންނަމަވެސް ޔޫރަޕްގެ ގިނަ ލީގުތައް މިހާރު ކުރިއަށްދަނީ ފަސް ކުޅުންތެރިން ބަދަލުކުރޭ ގޮތަށެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ކްލަބަކުން ވެސް މިހާރު އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ކުރިއަށްދާނީ ތިން ބުރަކަށެވެ. އަދި، އެއަށްފަހު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި މިއަހަރު ވާދަކުރާ އަށް ކްލަބަކީ ކްލަބް އީގަލްސް، މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޔުނައިޓެޑް ވިކްޓްރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!