ފުރަތަމަ ސަފްޙާ / ޚަބަރު / މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ހަނގުރާމަ ހޫނުވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ހަނގުރާމަ ހޫނުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 ޑިސެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމާއެކު ގުރޫޕް އެޗް ގައި ހިމެނޭ ޓީމުތަކުން ދެވަނަ ބުރަށް ދިއުމަށް ކުރަމުން އަންނަ ހަނގުރާމަ ހޫނުވެއްޖެ އެވެ. މަރުގެ ގުރޫޕްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާ މި ގުރޫޕްގެ ވާދަވެރިކަން އިތުރަށް ބޮޑުވީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 1-3 އިން ޔުނައިޓެޑް ބަލިވެފައިވަނިކޮށް  މި ގުރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ތުރުކީގެ އިސްތަންބޫލްގެ މައްޗަށް ރަށުން ބޭރުގައި 3-4 އިން ޖަރުމަނުގެ އާރުބީ ލައިޕްޒިގް ކުރި ހޯދުމުންނެވެ.

ރޭ ގްރޫޕް އެޗް ގައި ނުކުތް ނަތީޖާ ތަކާއެކު ޔުނައިޓެޑާއި، ޕީއެސްޖީ އަދި އާރުބީ ލައިޕްޒިގު ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. މިހާތަނަށް ކޮންމެ ޓީމަކަށްވެސް ފަސް މެޗު ކުޅެގެން ނުވަ ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ކުރީގައި އުޅެނީ ޔުނައިޓެޑެވެ. މިވަގުތު ގްރޫޕްގެ އެއްވަނައިގައި ޔުނައިޓެޑް އޮތަސް ދެވަނަ ބުރަށް ދިއުމަށްޓަކައި ޔުނައިޓެޑަށް ކަޑައްތު ކުރަންޖެހޭ މަރުހަލާ އުނދަގުލެވެ. ޔުނައިޓެޑަށް މުބާރާތުގެ ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރު ވާން އޮތީ ތިންވަނައިގައި އޮތް އާރުބީ ލައިޕްޒިގާ ދެކޮޅަށް ޖަރުމަނުގައި ކުޅެން ހަމަޖެހިފައިވާ ގްރޫޕްގެ އެންމެ ފަހު މެޗުން ބަލި ނުވެ ސަލާމަތްވެގެންނެވެ. މި ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު 0-5 އިން ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑެވެ.

ގްރޫޕް ގައި މިހާތަނަށް ނުކުމެފައިވާ ނަތީޖާތަކަށް ބަލާއިރު މި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އެންމެ ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ދެވަނައިގައި އޮތް ޕީއެސްޖީއަށެވެ. ޕީއެސްޖީން ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އިސްތަންބޫލްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް މެޗު އެއްވަރު ކޮށްލައިގެންވެސް ދެވަނަ ބުރު ކަށަވަރުކުރެވޭނެ އެވެ.

ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ޕީއެސްޖީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ނޭމާ އެވެ. މެޗުގެ ހަވަނަ މިނެޓްގައި ނޭމާ ޕީއެސްޖީއަށް ލީޑު ނަގައިދިންއިރު މެޗުން ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރުކޮށްދިން ލަނޑު ނޭމާ ޖެހީ މެޗުގެ ފަހުމިނެޓްގަ އެވެ. ޕީއެސްޖީން ޖެހި ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކީނިއޯ އެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބުކުރީ މާކަސް ރެޝްފޯޑެވެ. ރޭގެ މެޗުގެ 70 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!